ads
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ--
ކޮވިޑާއި ގުޅޭ 34 ކޮރަޕްޝަންގެ މައްސަލަ ހުށަހަޅާފައިވޭ: އޭސީސީ
ކޮވިޑް-19 އާއި ގުޅޭ ކޮރަޕްޝަންގެ 34 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ދެއްވި ހިތޯބުގައި ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރުގެ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރެވެނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށެވެ. މި ބަލިމަޑުކަމުގެ ދުވަސްވަރުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ކޮރަޕްޝަންގެ ސަބަބުން، މިފަދަ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އަޅާ މިންވަރު ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"ކޮރަޕްޝަނަށް ގެއްލުފައިވާ އަދި ގެއްލެމުންދާ ފައިސާ އަކީ މިފަދަ ބަލިމަޑުކަމެއް އޮތް ހާލަތެއްގައި، އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއުމުނުކުރެވި، އެކަށީގެންވާ ސިއްހީ ހިދުމަތެއް ނުލިބި އެތައް ރައްޔިތުންނެއްގެ ފުރާނަ ދޫކޮށްލުމަށް މަޖުބޫރުވާ ހާލަތަށް މެދުވެރި ކުރުވާ މައިގަނޑު އެއް ސަބަބެވެ."

އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ އިގްތިސާދު ހަމަމަގަށް އެޅުވުމަށާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުން ފަދަ މުހިންމު އެތައް ކަމަކަށް ބޮޑެތި އިންވެސްޓްތަކެއް ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ތަފާތު އެކި ނަންނަމުގައި ދުރާލާ ރޭވިގެން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން އެތައް ފައިސާއެއް ފެއްލިގެން ގޮސްފައިވާ ކަމަށެވެ.

އަދި ކޮވިޑް-19 ފަދަ ގައުމުގެ ސިއްހީ ނިޒާމަށް ބާރު ބޮޑެވެފައިވާ ދުވަސްވަރެއްގައި ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުތަކަމެއް ނެތި ރައްޔިތުންގެ މުދަލާއި ފައިސާ ނަމަގޮތުގައި ބޭނުންކުރަން ފަސްނުޖެހޭނެ ކަންކަމަށް ޝިއުނާ ވިދާޅުވި އެވެ. 

"މިބަލިމަޑުކަމުގެ ދުވަސްވަރާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން ހިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ޖުމުލަ 34 ޝަކުވާއެއް އޭސީސީއަށް ހުށަހެޅިފައިވެ އެވެ."

ޝިއުނާގެ ހިތޯބުގައި ވިދާޅުވެފައި ވަނީ މިފަދަ ހާލަތެއްގައި ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ، މިފަދަ ހާލަތެއްގެ ނާޖައިޒު ފައިދާ ނަގާ ނުހައްގު މުއްސަނދިކަމެއް ހޯދުންކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެކަން އެ ފަރާތްތަކުން ހަނދާންކުރަންޖެހޭނެ ކަމަށެވެ. 

ކޮރަޕްޝަނާއި ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރެއްގައި ފާހަގަކުރާ ދުވަހާއި ގުޅިގެން މިއަހަރުގެ ޝިއާރަކީ، "ބަލިމަޑުކަމުން އަރައިގަތުން - ނަޒާހަތްތެރިކަމާއެކު" މިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް