ads
ރޮނާލްޑޯ އަދި މެސީ ޗެމްޕިއަންސް ލީގު މެޗުގެ ތެރެއިން
މެސީއަކީ ވާދަވެރިއެއްގެ ގޮތުގައި ދުވަހަކުވެސް ނުދެކެން: ރޮނާލްޑޯ
ބާސެލޯނާގެ ލިއޮނެލް މެސީއަކީ ވާދަވެރިއެއްގެ ގޮތުގައި ދުވަކުވެސް ނުދެކޭ ކަމަށާއި އެއަށްވުރެ މާ ގާތް ގުޅުމެއް އޮންނަ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދެހާސް އަށާރަވަނަ އަހަރު ސްޕެއިންގެ ރިއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވި ފަހުން، މެސީއާ ރޮނާލްޑޯ އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދެކޮޅަށް ފުރަތަމަ ފަހަރަށް ނުކުތީ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ. މި މެޗުން ތިން ލަނޑު ސުން ލަނޑުން ޔުވެންޓަސް މޮޅުވި އިރު، ރޮނާލްޑޯވަނީ ދެ ގޯލް ޖަހާފައެވެ. 

ރޮނާލްޑޯއާ މެސީގެ ވާދަވެރިކަމުގެ ވާހަކައަކީ ފުޓްބޯޅައިގައި މި ވޭތިވެދިޔަ ދިހަވަރަކަށް އަހަރުގެ އެންމެ ހޫނު އެއް މައުލޫއެވެ. އެހެންނަމަވެސް ރޮނާލްޑޯ ބުނީ، އޭނާ ދުވަހަކުވެސް ވާދަވެރިއެއްގެ ގޮތުގައި މެސީ ނުދެކޭ ކަމަށެވެ. އަންގާރަ ދުވަހުގެ ރޭގެ މެޗަށް ފަހު، ރޮނާލްޑޯއާ ހަވާލާދީ އޭނާގެ މި ވާހަކަތައް މީޑިއާގެ ސަމާލުކަމަށްވަނީ އައިސްފައެވެ. 

މެސީއަކީ ވާދަވެރިއެއްގެ ގޮތުގައި އަހަރެން ދުވަހަކުވެސް ނުދެކެން. އަހަރުމެން ދެ މީހުންގެ މެދުގައި އެއަށްވުރެ މާ ގާތް ގުޅުމެއް އޮވޭ. ސަޕޯޓަރުންނާ މީޑިއާގައި އަހަރުމެން ދެ މީހުންގެ ވާދަވެރިކަމެއް އޮތް ކަމަށް ފެނުނަށް އެކަހަލަ ވާދަވެރިކަމެއް ނޯވޭ. މެސީ އަބަދުވެސް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭތޯ މަސައްކަތް ކުރޭ. އަހަރެންވެސް ކުރާކަމަކީ އެއީ. އެއީކީ އަހަރުމެންގެ މެދުގައި އޮތް ވާދަވެރިކަމެއް ނޫން

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރޮނާލްޑޯއާ މެސީ އެއް ކުޅުންތެެރިއެއް އަނެއް ކުޅުންތެރިއަކާ ދެކޮޅަށް ކުޅުނު މެޗަކީ، ސްޕެއިނުން އިޓަލީއަށް ރޮނާލްޑޯ ބަދަލުވީ ފަހުން ދެ ކުޅުންތެެރިންގެ ފުރަތަމަ ކުރިމަތި ލުމެވެ. ބާސާއާ ޔުވެންޓަސްގެ ފުރަތަމަ ލެގުގެ މެޗުގައި ރޮނާލްޑޯ ނުކުޅެއެވެ. އެ މެޗުގައި ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސް ކޮޅަށް މެސީ ގޯލެއް ޖަހާފައިވާއިރު، ފަހު ލެގުގައި ރޮނާލްޑޯވަނީ ބާސެލޯނާ ކޮޅަށް ދެ ޕެނަލްޓީން ދެ ގޯލް ޖަހާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް