ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ - ޗައިނާ ޑިރެކްޓާ ޖެނެރަލް ލެވެލްގެ މަޝްވަރާތައް ބާއްވަނީ
ރާއްޖެއާއި ޗައިނާއާއި ދެމެދު ޑިރެކްޓާ ޖެނެރަލް ލެވެލްގެ މަޝްވަރާ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ޑިރެކްޓާ ޖެނެރަލް ލެވެލްގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، އޭޝިއަން އެފެއާޒް ޑިޕާޓްމަންޓް، ޗެންގް ސޮންގް ކަމަށެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ، ކޮވިޑް-19 އާއި ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިޤްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށާއި، ދެޤައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވޭނެ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް