ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
މިސަރުކާރުން ކޮރަޕްޝަން ހުއްޓުވަން މައްސައްކަތް ކުރާކަން ރައްޔިތުން ގަބޫލުކުރޭ: ރައީސް
މިސަރުކާރު އައި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިތުރުނުވާ ކަމަށާއި، ކޮރަޕްޝަން ހުއްޓުވަން ސަރުކާރު ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތައް ދެއްވި ވީޑިއޯ މެސެޖުގައެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން އަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ސަބަބުން ކޮރަޕްޝަން ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން މިސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތް ރައްޔިތުން ބަލައިގަނެ، ކޮރަޕްޝަނުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. 

ހަމައާއި އުސޫލުން ބޭރުން ރާއްޖޭގައި ކަންތައްތައް ކުރުމުގެ ސަގާފަތް ބަދަލުކުރަން ޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވާންޖެހޭ ކަމަށެވެ. 

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން ކުރިއަށްގެންދަން ނިންމަވާފައިވާ ބައެއް ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން "ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން" ގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަން ފާގަކުރެއްވިއެވެ. 

އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައު ރައީސް ވަނީ، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް އާއްމުކޮށް ފެންނާނޭހެން ހާމަކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މީގެތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ބޭފުޅުން ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރު ދެ އިސްލާހެއް ހުށަހަޅާފައި ކަމަށާއި، މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށާއި ގަވާއިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލު ގެނައުން ފަދަ ކަންކަންކުރުމަށް ރާއްވަވާފައިވާކަން ފާހަގަކުރެއްވެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް