އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑްއެންޓި ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތައް ދެއްވި ވީޑިއޯ މެސެޖުގައި ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެއްވަ އެވެ.
ރައީސް ސޯލިހް ވިދާޅުވެފައިވަނީ, މިސަރުކާރު އައި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިތުރުނުވާ ކަމަށާއި، ކޮރަޕްޝަން ހުއްޓުވަން ސަރުކާރު ކުރާ މަސައްކަތްރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލަ ކުރީ ސަރުކާރުން ހާމަކުރީ ވެރިކަން ގެއްލިދާނެތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ, މި ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވަނީ އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް އޮތް މަގުފަހިވެގެން ނޫންކަމަށެވެ. އަދި އެފަދަ މައްސަލަތައް ރިޕޯޓްކުރުން އިތުރު ވެފައިވަނީ "ޒީރޯ ޓޮލަރެންސް"ގެ ދަށުން ވައްކަން ކުރުމަށް މިސަރުކާރުންދޭ ހާއްސަ އިސްކަމުގެ ސަބަބުން ކަމަށް ވިދާޅުވެ ވަނީ ރައީސް ސޯލިހަށް ރައްދު ދެއްވާފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ މި ސަރުކާރުން ބަލަމުން އަންނައިރު އެކަމަށް ހާއްސަކޮށް އެސެޓް ރިކަވަރީ ކޮމިޝަނެއްވެސް ވަނީ އުފައްދާފަ އެވެ. އަދި އެކޮމިޝަންގެ މަސައްކަތުން ބައެއް ފަރާތްތަކަށް ދައުވާ ކުރުމަށްވެސް ފޮނުވާފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން މިހާތަނަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ވަނީ ދައުވާކޮށް ހުކުމް ކޮށްފަ އެވެ. އަދި އެކި ރަށްރަށް ކުއްޔަށް ދީގެން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލަތަކުގައި ވެސް އަންނަނީ ދައުވާ ކުރަމުންނެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާވަނީ އޭރުގެ މަޖިލީހުގެ އެކި މެމްބަރުންނާއި ސަރުކާރުގެ އެކި ފަރާތްތަކުގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ދީފަ އެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.