ޕައޯލޯ ރޮސީ ވަނީ 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން ވެސްޓް ޖާމަނީ (މިހާރުގެ ބެލްޖިއަމް) އާއި ދެކޮޅަށް ކުޅުނު ފައިނަލްގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، އެފަހަރު ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އޭނާ ވަނީ ބްރެޒިލް އާއި ދެކޮޅަށް ކުޅެ އިޓަލީން ކާމިޔާބު ކުރި މެޗުގައި ހެޓްރިކެއް ހަދައިފައެވެ.
މަޝްހޫރު ޔުވެންޓަސްގެ އިތުރުން އޭސީ މިލާނަށްވެސް ކުޅެފައިވާ ރޮސީ ވަނީ 1982 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގޯލްޑެން ބޯލްގެ އިތުރުން އެފަހަރު ބޭއްވި ވޯލްޑް ކަޕްގެ ގޯލްޑެން ބޫޓު ހޯދާފައިވާ އިރު، ރޮސީ ވަނީ އެ އަހަރުގެ ބެލޮންޑިއޯ އެވޯޑްވެސް ހޯދައިފަ އެވެ.
ކްލަބް ލެވެލްގައިވެސް ރޮސީ ކާމިޔާބީތަކެއް ހޯދާފައިވާއިރު، މިހާރު އިޓާލިއަން ސެރީގެ ދެވަނަ ޑިވިޝަންގައި ހިމެނޭ އެލްއާރު ވިސެންޒާ ސެރީއޭގެ ފުރަތަމަ ޑިވިޝަނަށް 1977 ވަނަ އަހަރު ޕްރޮމޯޓްވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. 1981 ވަނަ އަހަރު އަނެއްކާވެސް ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ރޮސީ ވަނީ އެ ކްލަބްގައި އިޓަލީ ލީގުގެ ފުރަތަމަ ޑިވިޝަން ދެ ފަހަރު، ކޮޕާ އިޓާލިއާ، ޔޫއެފާގެ ކަޕް ވިނާސް ކަޕް، ސުޕަ ކަޕް، އަދި ޔޫރަޕިއަން ކަޕް (މިހާރުގެ ޗެމްޕިއަންސް ލީގު) އެއް ފަހަރު ހޯދައިފަ އެވެ.
އުމުރުން 64 އަހަރުގައި ޕައޯލޯ ރޮސީ މަރުވެފައިވަނީ ދިގު މުއްދަތަަކަށް ބޭސްކުރާ ބައްޔަކަށް ފަރުވާދެމުން ދަނިކޮށް ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެއެވެ.