ads
ފޮޓޯ: ޒުވާން މަސްވެރިޔާ
ރައީސްގެ ކޯލާއެކު އުއްމީދު އާވެއްޖެ: ސާޖިން
ޒުވާން މަސްވެރިޔާގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރު، ހަސަން ސާޖިންއަށް މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅުއްވާ ދެއްކެވި ވާހަކަތަކާއެކު އުއްމީދު އާވެފައިވާ ކަމަށް ސާޖިން ބުނެފި އެވެ.

އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ސާޖިން ވަނީ އިއްޔެ ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރިއިރު އެފަދަ ދުވަހެއް ފާހަގަކުރާއިރު އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ސޯލިހަށް ގުޅައި ހިތުގެ ޝުއޫރުތައް ފާޅުކޮށްލަން ކަމަށް ބުނެ ޓްވީޓެއްކޮށްފަ އެވެ. 

ރައީސް ސޯލިހު ޓެގްކުރައްވާ އެފަދަ ޓްވީޓެއް ސާޖިން ކުރިއިރު ސާޖިން ބޭނުންވި ގޮތަށް ރައީސް ސޯލިހު ވަނީ ސާޖިންއަށް ގުޅާ ވާހަކަ ދައްކަވާފަ އެވެ. 

އެ ފޯނު ކޯލާއި ގުޅިގެން ސާޖިން ސީއެންއެމްއަށް ބުނީ އެ ޓްވީޓެއް ކުރިއިރު، ރައީސް ސޯލިހް އޭނާއަށް ގުޅުއްވާނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ. ރައީސް ސޯލިހު ސާޖިންއަށް ގުޅީ ރޭގެ 11:15 ހާއިރެވެ. ރައީސްގެ އަމިއްލަ ނަމްބަރުން ސާޖިންއަށް ގުޅުމަށްފަހު ބޭނުންނަމަ އެ ނަމްބަރަށް ގުޅޭނެ ކަމަށް ވެސް ވިދާޅުވެފައި ކަމަށް ސާޖިން ބުނެ އެވެ.

ގާތްގަނޑަކަށް ތިރީސް މިނެޓްގެ ދިގު ކޯލުގައި ރައީސް ވަނީ ސާޖިން މަސްވެރިކަމުގެ ތެރެއަށް ޝައުގުވެރިވި ގޮތާއި އެކަން ޕްރޮމޯޓްކުރަން ކުރަމުންދާ މަސައްކަތާއި ގުޅިގެން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މިވަގުތު މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތަކުގެ ވާހަކަތައް ވެސް ރައީސަށް ސާޖިން ހިއްސާކުރި އެވެ.

އޭގެ އިތުރުން ސާޖިން ބުނީ ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި މަސްވެެރިންނަށް ލުއި ލިބޭނެ އެކި އެކި އިންތިޒާމުތައް ހަމަޖައްސަވާނެ ކަމުގެ އުއްމީދު ދެއްވި އެވެ.

ރައީސް ސޯލިހަކީ ވެސް ފޮޓޯ ނެންގެވުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅަކަށްވާއިރު މަސްވެރިކަމުގައި އުޅޭއިރު ފޮޓޯ ނަގާ ގޮތާއި ގުޅިގެން ވެސް ރައީސް ސާޖިންއާ ސުވާލުކުރެއްވި އެވެ.

އުމުރުން 22 އަހަރުގެ ސާޖިންއަކީ ގއ. ގެމަނަފުއްޓަށް ނިސްބަތްވާ ޒުވާނެކެވެ. ސޯޝަލް މީޑިއާގައި އޭނާ އަންނަނީ މަސްވެރިކަމަކީ ސަޅިކަމެއް ކަމަށް ބުނެ އެ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން ހޯދުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް