ads
ރައީސް ނަޝީދު އަދި ޗައިނާ ސަފީރު--
15 މިލިއަން ޑޮލަރާއި ގުޅޭ ވާހަކައަށް ޗައިނާ ސަފީރު ރައްދު ދެއްވައިފި!
ކުރިއަށް އޮތް 14 ދުވަހު ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން 15 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ރައްދުދެއްވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ބޭންކްތަކުން މިހާތަނަށްވެސް ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކާއި ގުޅޭގޮތުން ލުޔެއް ދީފައިނުވާ ކަމަށެވެ. އަދި ޗައިނާގެ ބޭންކްތަކަށް ދައްކަންޖެހޭ މި 15 މިލިއަން ޑޮލަރަކީ ކުރިއަށް އޮތް 14 ދުވަހު އާމްދަނީގެ ގޮތުގައި ރާއްޖެއަށް ލިބޭ އަދަދުގެ 50 އިންސައްތަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ޓްވީޓަށް ރައްދު ދެއްވާ ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ބޭންކްތަކާއި ހަވާލާދީ ވިދާޅުވެފައިވަނީ، އެފަދަ 15 މިލިއަން ޑޮލަރެއް ކުރިއަށް އޮތް 14 ދުވަހު ރާއްޖެއިން ޗައިނާގެ ބޭންކަކަށް ދައްކަން ނެތްކަމަށެވެ. އަދި ކަންކަން ރަނގަޅަށް ބެއްލެވުމަށް ޗައިނާގެ ސަފީރު ވަނީ ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ނަޝީދު ވިދާޅުވާ ގޮތުންނަމަ އެ ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާ އެވެ. 

މީގެ ކުރިން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އާއި ނަޝީދާ މެދު، މި ދަރަނިތަކާއި ގުޅިގެން ބަހުގެ ހަމަލާތައް ވެސް ސޯޝަލް މީޑިއާގައި ދެވިފައިވެ އެވެ. ސަފީރު ވިދާޅުވީ ލޯނުތަކާއި ގުޅިގެން ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގޭ ކަމަށާއި ވަކިން ހާއްސަކޮށް މި ދަނޑިވަޅުގައި ލޯނު އަނބުރާ ދެއްކުމުގައި ވެސް ދަތިތަކެއް ހުރިކަން ޗައިނާއަށް އެނގޭ ކަމަށެވެ. އަދި އޭރު ކުރެވުން މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވަމުން ޗައިނާ އާއި ރާއްޖޭގެ ގުޅުމާއި ގުޅޭ ގޮތުން ވަނީ މިއީ އެއް ގައުމަށް ފައިދާވާއިރު އަނެއް ގައުމަށް ގެއްލުންވާ ފަދަ ޒީރޯ ސަމް ގޭމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ 2013 އާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު އޭގެ ތެރެއިން ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ބޮޑު ބައެއް އަނބުރާ ދައްކަން ޖެހިފައިވާއިރު ގައުމުގެ އިގްތިސޯދު އިނދަޖެހިފައި ވުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް