ads
އިޔާ 2020 ރިވިއު-
ޖެންޑާ މިނިސްޓްރީއަށް އުނދަގޫ އަހަރެއް، މައްސަލަތައް މަދެއް ނުވޭ
2018 ވަނަ އަހަރު ސަރުކާރާއި ހަވާލުވި އެމްޑީޕީގެ ސަރުކާރުން ފުރިހަމަ ދެ އަހަރު ނިންމާ އަނެއްކާ އާ އަހަރަކާއި ކުރިމަތި ލަނީއެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އަދި މިހާރު އައިސްފައިވާ ބަދަލުތަކުގެ ސަބަބަން ރާއްޖޭގެ ތާރީހުގައި ވެސް ވެރިކަމެއްގައި އެންމެ ގޮންޖެހުން ބޮޑު ވެރިކަމަށް މިހާރު މިއޮތް ސަރުކާރު ވާނެ ކަމާއިމެދު ޝައްކެއް ނެތެވެ.

އުންމީދީ މެނިފެސްޓޯއަކާއި އެކު ރައްޔިތުންގެ އިތުބާރު ހޯދައިގެން ވެރިކަމާއި ހަވާލުވި ހަތަރު ލީޑަރުންގެ ކޯލިޝަން ސަރުކާރުގެ ދެއަހަރު ނިންމާލެވި އަދި ތިންވަނަ ދައުރަކާއި ކުރިމަތިލަނީއެވެ. ސަރުކާރުގެ އެކި މުއައްސަސާތަކުން ވައުދުތައް ފުއްދުމަށް އަވަސްވެގަތްއިރު، އެންމެ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައި އޮތް އެއް މުއައްސަސާއަކީ ޖެންޑާ މިނިސްޓްރީ އެވެ. އަދި އެ މިނިސްޓްރީއަކީ އަބަދުވެސް އާއްމުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތް މިނިސްޓްރީ އެވެ.

އަހަރު ފެށުނީވެސް މިނިސްޓަރު ހޫނުފެނަށް ލެވިގެން!

ކޮންމެ ސަރުކާރަކުން ބޮޑެތި ވައުދުތަކެއް ވެގެން ހައްގުތައް ކަށަވަރުކޮށްދޭން އަންނައިރު އެ ހައްގުތައް ކަށަވަރު ނުވެ އޮތް އޮތުން ބަދަލުކުރުމަށް އެމްޑީޕީގެ ސަރުކާރުން މިނިސްޓަރު ޝިދާތާ ޝަރީފް އާއިއެކު މަސައްކަތް ފެށީ ވަރަށް އުންމީދާއި ފޮނި ވައުދުތަކަކާއި އެކުއެވެ. އެހެންނަމަވެސް ސަރުކާރުގެ ފުރަތަމަ އަހަރު ނިމި 2020 ވަނަ އަހަރަށް އެޅިއިރު މިނިސްޓަރު ޝިދާތާ ހުރީ ބޮޑު ތަނުން ކުުށްވެރިވެ ނުވިތާކަށް "ހޫނުފެނަށް" ވެސް ލެވިފައެވެ. އެހެން ވާން ޖެހުނު ސަބަބަުތައްވެސް ބައިވެރެވެ. 

2020 ވަނަ އަހަރުގެ އިރު އަރައިގެން އައީ ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނުކަމުގެ މައްސަލައާއި ގުޅިގެން، ޖެންޑާ މިނިސްްޓްރީގެ ފަރާތުންވީ ބޮޑެތި އިހްމާލްތަކުގެ ސަބަބުން މިނިސްޓަރަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވޭ ކަމަށާއި އެހެންކަމުން އިސްތިއުފާ ދިނުމަށް ގޮވާލާ އާއްމުން މިނިސްޓްރީ ދޮށަށް އެއްވުމާއެކު އެވެ. އިސްތިއުފާއަށް ބަޔަކު ހަމަ ހުރެފައި ގޮވާލީކީވެސް ނޫނެވެ.

your imageކުއްޖާ ރޭޕް ކުރި މައްސަލައިގައި އެކުއްޖާގެ ކާފަ ހައްޔަރުކޮށް ގެންދަނީ-

ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ މައްސަލައަށް މިހާރު 11 މަސް ވެފައިވާއިރު އެ މައްސަލައިގައި އަދިވެސް އެ ކުއްޖާއަށް އިންސާފު ލިބިފައެއް ނުވެއެވެ. އެމައްސަލާގައި އެކުއްޖާގެ މުނިކާފަ ހައްޔަރުކުރި ނަމަވެސް އޭނައަކީ ދުވަސްވީ މީހެއްކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ. އޭނައަކީ ކުރިންވެސް ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑް އޮންނަ، މުޖުތަމައުއަށް އޮތް ބިރެއްކަމުގައި ވީނަމަވެސް އެވެ. މިއީވެސް ވެވިފައިވާ އިހުމާލެކެވެ. ހައްޔަރުކުރި ބަޔަކު ހައްޔަރު ކޮށްފައިވެސް ވަނީ އެތައް ބަޔަކު އެކަމުގައި އަޑުއުފުލާ މަގުތަަކަށް ނިކުމެ ސަރުކާރަށް "ނޯ ޗޮއިސް" ވެގެން ކަަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

އެ މައްސަލައިގައި އާއްމުން މަގުތަަކަށް ނިކުމެ މުޒާހަރާތައް ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަނޑުހުޅުދޫ ކައުންސިލު ވެސް ހާޒިރުކޮށް އެކަމާއި ގުޅިގެން ސުވާލުކުރި އެވެ. އެގޮތުން ކޮމިޓީން ވަނީ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަތުމަށް ދަފުތަރެއް އެކުލަވާލުމަށް ޖެންޑާ މިނިސްޓްރީއަށް އަންގާފަ އެވެ.

މައްސަލަގަނޑު ހޫނުވެ މިނިސްޓަރު އިސްތިއުފާ ދޭން ޖެހުނު!

އެ މައްސަލައިގެ ތެރެއިން ދެން ދެކެވެން ފެށީ ޖެންޑަ މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ވާހަކައެވެ. ޖެންޑާ މިނިސްޓަރުގެ "ޒިންމާ އަދާ ކުރާ ކަމަށާއި އެކަމުގައި އިހުމާލެއް ވާނަމަ އަމިއްލައަށް އިސްތިއުފާ ދެއްވާނަން" ކަމަށް ވިދާޅުވަމުން ދަނިކޮށް ދެން ފެންމަތިވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކުރަމުން ދިޔަ ހިސާން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ފެންމަތިވި މައްސަލަތަކެކެވެ. އެކަމުގެ ތެރެއިން އާއްމުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ސަރުކާރަށް އިނގިލި ދިއްކުރަން ފެށުމުން ކުއްވެރިން ހައްޔަރުކޮށް އިންސާފު ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުގެ މުއައްސަސާތަކުން ވެސް ދުވަން ފެށީ އަމިއްލައަށް އައްޔަންކުރި މިނިސްޓަރުގެ ފަހަތުންނެވެ. އެޔާއިއެކު ހަލަބޮލިކަން މަތީ ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ނިންމާ މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވީ ފެބްރުއަރީ ހަވަނަ ދުވަހުއެވެ.

your imageކުއްޖާ ރޭޕްކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީ އިން އިހުމާލުވެފައިވާތީ މިނިސްޓްރީ ކުރިމަތީގައި ކުރި މުޒާހަރާ ތެރެއިން-

އެޔަށްފަހު ދެން އެ މަގާމަށް ސަރުކާރުން އައްޔަންކުރެއްވީ މިހާރުގެ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. ދެން އުފެދުނު ސުވާލަކީ ޝިދާތާ އިސްތިއުފާ ދިނުމުން އެކަމަށް ހައްލެއް ލިބުނީތޯ ކުރެވުނު ސުވާލެވެ. މި ސުވާލަކީ އޭރުގެ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ކުރެއްވި ސުވާލެވެ. އެކަމަނާ އިސްތިއުފާ ދެއްވުމުން އިތުރު ކުއްޖަކަށް އެފަދަ އަނިޔާއެއް ނުލިބޭނެތޯ ކުރި ސުވާލެވެ. އާ މިނިސްޓަރަކު އައްޔަނު ކުރިތާ އަށް މަހަށްވުރެ ގިނަ ދުވަސްވީއިރުވެސް މާބޮޑު ތަފާތެއް ފެންނަމުން ދެޔެކޭ ދެންނެވޭކަށް ނެތެވެ. 

ޖިންސީ ގޯނާގެ ތުހުމަތުތަކުގެ އިނގިލި މިނިސްޓަރުންނަށް ވެސް ދިއްކުރެވުނު

"ހުރަސްތައް ނައްތާލާ، އަންހެނުން އަދުލު އިންސާފާ ހަމަޔަށް ވާސިލްވުން ފަހިކޮށްދެވޭނެއެވެ. އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ލުއިފަސޭހަ ވާނޭ ގޮތަށް ގާނޫނީ އޮނިގަނޑު ރޭވި، މިކަމާ ގުޅޭ ތަންފީޒީ މަގާމުތަކުގައި ސީދާ އަންހެނުންގެ ދައުރު ބޮޑުކުރެވޭނެއެވެ."

މި ސަރުކާރުގެ މެނިފެސްޓޯއިން ދިން ޔަގީންކަމާއިއެކު ޒަމާންތަކަކަށް ހައްލުނުވެ އޮތް މިކަން ހައްލުވެގެން ދާނެ ކަމަށް ވަރަށް އުންމީދު ކުރެވުނެވެ. ނަމަވެސް އެކަމަށްވެސް މާ ބޮޑު ހައްލުތަކެއް ލިބުނުތަނެއް ފެނިގެން ދިޔައޭ ބުނެވޭކަށް ނެތެވެ.

މިނިސްޓަރު ލެވަލުގެ ބޭފުޅުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކަށް އިނގިލި ދިއްކުރެވިގެން ދިޔަ މިންވަރަކީ މިހާތަނަަށް ރިކޯޑް އަދަދެކެވެ. އެކަންތަކަށް ކުޑަ ކަޅިއެއް ހިންގާލާއިރު އެންމެ ފުރަތަމަ ވެސް 2020 ވަނަ އަހަރަށް ބަލާއިރު ވެސް ފެންނަން އޮތީ ޖޫން 25 ވަނަ ދުވަހުގެ ރޭ ހުޅުމާޅެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެވެ. މިހާތަނަށް ވެސް އެ މައްސަލައިގައި ވީނުވީ އެއްވެސް ނޭނގިވާއިރު އެ މައްސަލައިގައި މުއައްސަސާތަކުގެ ބޮޑެތި އިހުމާލުތަކެއް ވާކަމަށް އާއްމުން ދަނީ ފާހަގަކުރަމުންނެވެ. 

ސަފާރީއެއްގައި އާންމުން ސިފަކުރާވަރު ބޮޑު ރޭޕްކޭސްއެއް ނުހިނގާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގެ ތެރެއިން އިމްރާން ހޫނުފެނަށް ލެވިގެން ދިޔައިރު ޖިންސީ ފުރައްސާރަ ކުަރުމަކީ ކުޑަކަމެއްގެ ގޮތުގައި ސިފަ ކުރެވިގެން ދިޔުމުން ސަރުކާރުގެ "ނޯޓޮލަރެންސް" ސިޔާސަތު ކޮބައިތޯ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ. 

އޭގެ ފަހުން ދެން ވެސް މިފަދަ އެތައް މައްސަލަތަކެއް ދިޔައީ ފެންމަތިވަމުންނެވެ. ކުޑަކުދިން ރޭޕްކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުޑަކުދިން ބަނޑުބޮޑުވާ މައްސަލައާއި މިނޫންވެސް އެތައް ރޭޕް ކޭސްއެއްގެ ވާހަކަ އާއްމުން އެންމެ ބޮޑަށް ފެންމަތިކުރި އަހަރަކަށް 2020 ވަނަ އަހަރު ވާނެ އެވެ. އެހެން ނަމަވެސް އިންސާފް ހޯދުމަށް ހުރި ހުރަސްތައް ނައްތައެއް ނުލެވުނެވެ. އެތައް ރޭޕް ކޭސްއެއްގައި ތުހުމަތު ކުރެވުނު އެތައް ބަޔަކު ދިޔައީ ދޫވަމުންނެވެ. އެހާ ހިސާބަށް ދިޔުމުން އާއްމުން މަގުތައް މަށްޗަށް ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ކުޑަކުދިން ރޭޕް ކުރުމަކީ ބޮޑު ކުށަކަށް ހަދާ 2020 ވަނަ އަހަރުތެރޭ ވަނީ ފާސްކޮށްފައެވެ. އަދި ޖިންސީ އަނިޔާތަކާއި އަންހެނުނަށް ކުރާ ގޯނާތައް ހުއްޓުވުމަށާއި އާއްމުން ހޭލުންތެރި ކުރުވުމަށް "ގެވެށި ގުޅުން" ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން މިނިސްޓްރީން ފެށިއެވެ. 

ރައްޔިތުންގެ އަޑުމަޑުވުމުން މިނިސްޓްރީގެ ގިއަރުގައި ޖަހަނީ ދަބަރު!

ކޮންމެ ޖެންޑާ މައްސަލައަކާއި އެކު ވެސް މިނިސްޓްރީގެ މަސައްކަތްތައް ވަރަށް ހަލުވިވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ އަޑުމަޑުވެ، ގޭގައި ހަމަޖެހިލާއިރަށް އަނެއްކާވެސް މިނިސްޓްރީގެ ގިއަރުގައި ޖަހަނީ ދަބަރެވެ. އޭގެ ހެއްކަކަކީ މިފަހުން އަނެއްކާ ފެންމަތިވި ރުގްޔާގެ ނަމުގައި އަންހެނަކާއި ތިން ދަރިން ރަހީނުކޮށްގެން އެތައް އަނިޔާތަކެއް ދިން މައްސަލަ މުޖުތަމައު ތެރޭ ހިލިގެންދިޔައިރު މިނިސްޓްރީއަށް ރޭކާވެސް ނުލާ ކަމެވެ. ތިން މަސްވަންދެން އެ އަންހެން މީހާއާއި އޭނާގެ ދަރިން ތަހައްމަލް ކުރަމުންދިޔަ އަނިޔާތަކުގެ ވާހަކަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ޖެހުނީ އަމިއްލަޔަށް ފިލައިގެން އައިސް ނޫސްތަކާއި އެވާހަކަތައް ހިއްސާކޮށްގެންނެވެ. އެހެން މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލައިގައިވެ ސް ތިންމަސް ވަންދެން މިނިސްޓްރީ އޮތީ ނިދާފައެވެ. ހޭލެވުނީ އާއްމުން އަނެއްކާވެސް ހަޅޭއްލަވައިގަތީމައެވެ. މި މައްސަލައިގެ ހަގީގަަތުގެ ފަރުދާ ކެހުނުއިރުވެސް މިނިސްޓްރީގެ ބޮޑު އިހްމާލްތަކެއް ފެންމަތިވިއެވެ.

your imageޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ-

ކޮވިޑް-19 އާއިއެކުވެސް މިނިސްޓްރީގެ ޒިންމާގެ ދަށުގައި ހައްލު ނުވެ ހުރި މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވެގެން ދިޔައިރު މަގުމަށްޗަށް ބިކަވާ މީހުންނާއި ޑަސްބިންތަކުން ހޮވާ ކާ މީހުން ފެންނަ މިންވަރުވެސް އިހުނަށްވުރެ ގިނަ ވެއްޖެ އެވެ. އެ މައްސަލަ ވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ޖެހުނީ މީޑިއާތަކުންނެވެ. 

ފާއިތުވި އަހަރު ނިމުނުއިރު ސަރުކާރުން މި ރޮނގުން ހާސިލުކޮށްފައިވާ ކުރިއެރުންތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން ކުޑަކުދިންގެ އަދަލުގެ ގާނޫނު ފާސްކުރުމާއި، ރޭޕްކުރުމަކީ ގާނޫނީ ބޮޑު ކުށަކަށް ހަދާފައި ވަނީ ވެސް ފާއިތުވި އަހަރުގެ ތެރޭގައެވެ. ނަމަވެސް ގާނޫނުތަކެއް އޮތުން މުހިންމު ވާނީ އެ ގާނޫނުތައް ތަންފީޒް ކުރެވޭ ނަމަ އެވެ. މައްސަލައަކަށް ވެފައިވަނީ އެ ގާނޫނުތައް ތަންފީޒް ކުރުމަށް މުއައްސަސާތަކުން ޖެހިލުންވަމުން ދާތީ އެވެ.

އެގޮތުން 2018 އިން 2020 އަށް ޕީޖީ އޮފީހުން ޖިންސީ ކުށުގެ 23 މައްސަލައެއްގައި ދައުވާކޮށްފައިވާއިރު އޭގެ ތެރެއިން ސާބިތު ވެފައިވަނީ އެންމެ ފަސް މައްސަލައެވެ. ފާއިތުވެދިޔަ ދެއަހަރު ދުވަހުގެ ތަފާސްހިސާބުތައް މިފަދަ ގޮތަކަށް ހުރި އިރު، ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިފައިވާ ޖިންސީ ކުށުގެ މައްސަލަތަކަށް ބަލާއިރު، އޭގެ ތެރެއިން ދައުވާކުރަން ފޮނުވާ ސާބިތު ވެފައިވަނީ ވަރަށް މަދު މައްސަލަތަކެއް ކަމަށެވެ. 

"ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ، ގަރުބަގަތީއްސުރެ ނެތިދިއުމަށްދާންދެން އިޖުތިމާއީ ރައްކާތެރި ނިޒާމުގެ ހިޔާ ދަށުގައި ދެމިހުންނާނޭ މީހެކެވެ. ދުނިޔެއަށް އުފަންވުމުގެ ކުރީއްސުރެ ދައުލަތުން އެހީތެރިވާން ފަށާނެއެވެ. އޭނާގެ ހަޔާތްފެށި ޅަފަތުގެ ނާޒުކު އުމުރު ފުރައިން ގޮސް ފުރާވަރަށް އަޅައި، ބޮޑުވެ ތަސައްރަފު ފުދި ދިރިއުޅުމެއް ފަށައި، ދުވަސްވެ މުސްކުޅިވެ މަރުދުވަހަށް ދާންދެން އޭނާގެ ހާލުއަހުވާލު ބަލާނެއެވެ. އޭނާގެ ނުތަނަވަސްކަމަށް ލުއިކަން ހޯދައިދޭނެއެވެ"

މިއީ ކުޑަކުދިންގެ ހައްގުތައް މި ސަރުކާރުން ރައްކާތެރިކުރުމަށް ވީ ވައުދެކެވެ. އެހެންނަމަވެސް ސުވާލަކީ ގަރުބަގަތީންސުރެ ނެތިދިއުމަށް ދާން ދެން އިޖުތިމާއީ ރައްކާތެރި ނިޒާމުގެ ހިޔާ ދަށުގައި ދެމިތިބީ އޭގެ ތެރެއިން ކިތައް ކުދިންތޯއެވެ؟ ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަަތަކެވެ. އެގޮތުން އޮގަސްޓް މަހު ހުށަހެޅި 184 މައްސަލައިގެ ތެރެއިން 103 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެއީ މައްސަލަތަކުގެ 55.9 ޕަސަންޓެވެ. 

އޮގަސްޓު މަހު ކުޑަކުދިންނަށް ކުރި އެކި ބާވަތުގެ އަނިޔާ:

  • ޖުމްލަ 103 މައްސަލަ  
  • ޖިންސީ ހާނިއްކައިގެ 36 މައްސަލަ 
  • އިހުމާލުވުމުގެ 24 މައްސަލަ
  • ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ 
  • ނަފްސާނީ ހާނިއްކައިގެ އަށް މައްސަލަ 
  • ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ 
  • އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ

އޭގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލައެއް ވެސް އޮގަސްޓް މަހު ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ ތިން މައްސަލަ ހިމެނެ އެވެ. އަދި ސެޕްޓެމްބަރު މަހަށް ބަލާއިރު އެމަހު ވަނީ އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލައަކާއި މާރާމާރީގެ މައްސަލަ ހިމެނެ އެވެ. ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ ދެ މައްސަލަ ހުށަހަޅާފައި ވާއިރު، އޭގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ހިމެނެ އެވެ. އާއިލީ މައްސަލަތަކުގެ ގޮތުގައި 16 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. އެއީ ކުދިންނާ ބައްދަލު ނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމާ ގުޅުން ހުރި ފަސް މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގެ އެއް މައްސަލަ އެވެ.

މިއީ ޖެންޑާ މިނިސްޓްރީއަށް އެންމެ ދެމަހުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ ހެޑްލައިންތަކަށް ބަލާލާއިރުވެސް ފެންނަނީ ހަމަ މި މަންޒަރެވެ. ސަރުކާރުގެ ދެވަނަ ދައުރުގެ ބާރަމަސް ނިމިގެން ދިޔައީ މިފަދަ އެތައް މައްސަލަތަކަކާއި އެކު ހައްލެއް ލިބުމެއް ނެތިއެވެ. މިނިސްޓްރީގެ ބޮޑެތި އިހްމާލުތަކާ އެކުއެވެ. 2020 ވަނަ އަހަރު ނިމިގެން ދިޔައީ އަނެއްކާވެސް މިހާރުގެ މިނިސްޓަރުގެ އިސްތިއުފާއަށް ރައްޔިތުން ގޮވާލާ އަޑުތަކާއިއެކުއެވެ. އެޔާއިއެކު އަޅުގަނޑުގެ ހަނދާނަށް އަންނަނީ ކުރީގެ މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަމުން ކުރިމަތި ކުރި ސުވާލެވެ. އެކަމަނާ އިސްތިއުފާ ދެއްވައިފިނަމަ އިތުރު އެއްވެސް ޖިންސީ ގޯނާގެ އަމަލެއް ނާންނާނެކަމުގެ ޔަގީންކަން އޮބައޮތްތޯ ކުރެވުނު ސުވާލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް