ads
ބަލިވި މީހުންނާއި އެމީހުންގެ އެހީތެރިން-- ފޮޓޯ: އޭޕީ
އިންޑިއާގެ ގޮތް ނޭނގޭ ބަލި: ހަނޑުލުން މާކިއުރީ ފެނިއްޖެ
އިންޑިއާގެ ދެކުނު އަންދްރަ ޕްރަދޭޝް ސްޓޭޓުގެ އެލޫރޫ އަވަށުގައި ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން މީހުން ބަލިވާން ފެށިތާ ހަފްތާއެއް ފަހުން، އެމީހުންގެ ކާތަކެތީގެ މައްސަލަތަކެއް ހުރި ކަން އެނގިއްޖެ އެވެ.

އެލޫރޫ އަވަށުގައި ބަލިވުމުގެ ސަބަބުން މިހާތަނަށް އެކަކު ވަނީ މަރުވެފަ އެވެ. އަދި 600 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ފަރުވާ ދޭން ޖެހިފައި ވެއެވެ. 

މިހާތަނަށް ކުރި ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި އެމީހުންގެ ކާނާއިން އާދަޔާ ހިލާފު ކަމެއް ވަނީ ފާހަގަވެފަ އެވެ. އަންދްރަ ޕްރަދޭޝް ސްޓޭޓުގެ ސަރުކާރުން މިހާރު ދަނީ ތަހުލީލު ރިޕޯޓުތައް ބަލަމުންނެވެ. 

އެކަމާ ގުޅިގެން އެ ސްޓޭޓުގެ ޗީފް މިނިސްޓަރޔ ޔާގަން މޯހަން ރެއްޑީ އިއްޔެ ވަނީ ސިއްހީ މާހިރުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކުރައްވާފަ އެވެ. 

މި ބަލި ޖެހުމުން މޭ ނުބައިކޮށް، ފިޓު ޖެހި، ހޭ ނެތުން ފަދަ ކަންކަން ދިމާވެ އެވެ. އެފަދަ އަލާމާތްތަކެއްގައި ޑިސެމްބަރު 10 ވަނަ ދުވަހު ވެސް ދެ މީހުން މަރުވި އެވެ. އެކަމަކު އެއީ މިކަމާ ގުޅުން ހުރި މަރުތަކެއް ނޫން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

މި ބަލި ޖެހެން ފެށިތާ ހަފްތާއެއް ވީ އިރު، ކޮންމެ ދުވަހަކު ބަލިވެގެން ރިޕޯޓު ކުރާ މީހުންގެ އަދަދު ވަނީ ދަށް ވާން ފަށާފަ އެވެ. އިއްޔެ ހަތަރު މީހުން ބަލިވެގެން ރިޕޯޓު ކުރިއިރު، ޖުމްލަ އަދަދު ވަނީ 613 އަށް އަރާފަ އެވެ. 

ބަލިވި އެންމެންގެ ތެރެއިން 13 މީހުން ފިޔަވައި އެހެން އެންމެން ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފަ އެވެ. މިހާތަނަށް ވެސް މި ބަލީގެ ސީދާ ސަބަބު ހޯދިފައި ނުވާއިރު، ތަފްސީލީ ރިޕޯޓުތައް ބޭނުންވާ ކަމަށް އަންދްރަ ޕްރަދޭޝްގެ ސަރުކާރުން ބުނެ އެވެ. 

މިހާތަނަށް ހުރި ރިޕޯޓުތަކުގައި ބުނަނީ ކީކޭ؟

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަދި އިންޑިއަން އިންސްޓިޓިއުޓް އޮފް ކެމިކަލް ޓެކްނޮލޮޖީން ކުރި ލޭގެ ޓެސްޓުތަކުން ވަނީ ލޭގައި ދަގަނޑުގެ ބާވަތްތައް ކަމަށްވާ ލެޑް އަދި ނިކެލް ފެނިފަ އެވެ. ނަމަވެސް އެމީހުން ބޯން ބޭނުންކުރި ފެނުގައި އެއްވެސް މައްސަލައެއް ނެތެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ނިއުޓްރިޝަންގެ ތަހުލީލުން ވަނީ ހަނޑުލުން މާކިއުރީ ފެނިފަ އެވެ. އަދި ތަރުކާރީން އާދަޔާ ހިލާފަށް ގިނައިން ގަހަށް ޖަހާ ބޭސް ފެނިފައި ވެއެވެ. އަދި އެފަދަ ބޭހެއްގައި ހުންނަ ކެމިކަލް ލޭގެ ސާމްޕަލުން ފެނިފައި ވެއެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑު ތެރެއަށް އެ ކެމިކަލް އެތެރެވި ގޮތް ދެނެގަނެވިފައެއް ނުވެ އެވެ.

އަންދްރަ ޕްރަދޭޝްގެ ޕޮލިއުޝަން ކޮންޓްރޯލް ބޯޑުގެ ދިރާސާއިން ފެނާއި ވައި ޓެސްޓު ކުރިއިރު، ދަގަނޑު ފެނިފައެއް ނުވެ އެވެ.

އިންސްޓިޓިއުޓް އޮފް ޕްރިވެންޓިވް މެޑިސިންއިން ކިރު ޓެސްޓު ކުރިއިރު، އޭގައި ވެސް ދަގަނޑު ފެނިފައެއް ނުވެ އެވެ. 

ފެން ތަގައްޔަރުވުމަކީ ބަލިވި ސަބަބު ކަމަށް ނުބެލެވުނު ނަމަވެސް ތަކުރާރުކޮށް ފެން ޓެސްޓު ކުރުމަށް ޗީފް މިނިސްޓަރު ވަނީ އަންގަފާފަ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ސާފުތާހިރުވުމަށް މާ ގިނައިން ބްލީޗް އަދި ކްލޮރިން ބޭނުން ކުރުމުގެ ސަބަބުން މިކަން ދިމާވެފައި ވޭތޯ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. 

24%
ކަމުގޮސްފި
35%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް