ads
ވީޑިއޯ ރިޕޯޓް:
ޖަލު އަދަބު ދިނުން، ޒަމާނީ ހައްލެއް ނޫން!
ކުށެއް ކުރުމުން އެމީހެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވަނީ، އެކުރާ ކުށެއްގެ ބޮޑުކުޑަމިންނަށްވެސް ބެލުމަށްފަހުއެވެ. އެތައް ތަހުގީގެއް ހިންގުމަށްފަހުއެވެ. ސަބަބަކީ ތަފާތި އެކު ކުށްތަކަކީ ގިންތިކޮށް އެ ކުށުގެ ކުޑަ ބޮޑުމިން ކަނޑައަޅާފައިވާ ކަންތައްތަކަށް ވާތީއެވެ. ނަމަވެސް ކަންބޮޑުވާންޖެހޭ ކަމަކީ، ކުދި ކުއްތަކަށް އަރައިގަންނަ ފާރާތްތައްވެސް، ރިހެބިލިޓޭޓް ކުރުމަށްފަހު އަލުން މުޖުތަމައުގެ ތެރެއަށް ނެރޭނެ ރަނގަޅު ނިޒާމެއް ރާއްޖޭގައި ނެތުމެވެ.

ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫންކަމަށް ހުދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ގަބޫލުކުރައްވަ އެވެ. އެގޮތުން އެކި ސަބަބުތަކާއިހުރެ ގޯސް މަގުން ހިޔާރުކުރެވޭ މީހުންނަށް ހާއްސަކޮށް ޒުވާނުންނަށް އަލުން އަބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް މިފަހުން ވެސް ހަރުއަޑުން މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އުފެދޭ ސުވާލަކީ ހަމަ ހަގީގަތުގައި ވެސް ކަން އޮތީ އެގޮތަށް ކަމަށް ގަބޫލުކުރައްވާކަން އަމަލީ މަސައްކަތުން ފެނިގެންދޭތޯ އެވެެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ތެރޭގައި ތަފާތު އެކި މައްސަލަތަކާއި ގުޅިގެން 56 މީހަކު ޖަލަށްލާފައިވާއިރު އޭގެ ތެރޭގައި ގިނައީ ވައްކަމާއި ޑްރަގްގެ މައްސަލަތަކުގައި ޖަލަށް ހުކުމް ކުރި މީހުންނެވެ. މިފަދަ ކުށްތަކުގައި ޖަލަށްލެވޭ މީހުންނާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން އެއް ގޮޅިއަކަށް ކޮށްޕާލުމުގެ ނަތީޖާ ކިތަންމެ ހިތިވިޔަސް އިތުރު ގޮތެއް ވެސް ހަމަ ނެތީ އެވެ. 

މިނިސްޓަރު އިމްރާން ވިދާޅުވާގޮތުންނަމަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގެ ހުރި ޖަލުތަކުގެ ކެޕޭސިޓީއަށް ވުރެ 30 ޕަސަންޓު އިތުރަށް ޖަލުތަކުގައި ގައިދީން އެބަ ތިއްބެވެ. އެގޮތުން ޖަލުތަކުގެ ކެޕޭސިޓީއަކީ 1،365 ކަމަށް ވާއިރު، 1،700 އަށް ވުރެ ގިނަ ގައިދީން ބަންދުކޮށްފައި އެބަ ތިއްބެވެ. މިހާރު ހިނގާ މައްސަލަތަކުގެ ގާތްގަނޑަކަށް 10 ޕަސަންޓު ހުކުމް ކުރެވުނު ކަމުގައި ވީ ނަމަވެސް، 400 އެއްހާ ގައިދީން އިތުރަށް މި ޖަލަށް އަންނާނެ ކަމަށް އަންދާޒާ ކުރެއްވި އެވެ. 

ކޮންމެއަކަސް ތަނެއްގައި އޮތް ޖާގައަކަށް ވުރެ އިތުރަށް އެތަނެއްގެ ތެރެއަށް ބަޔަކު ވެއްދުމުން ދެންވާނެ ގޮތް ވެސް ހިތަށް ތަސައްވަރުކޮށްލާށެވެ. ކުށެއްކޮށްގެން ބަޔަކު މީހުން ރަނގަޅުކުރުމުގެ ނިޔަތުގައި އެމީހުންގެ އިންސާނީ ހައްގުަތައް ގެއްލޭ ގޮތަށް އަމަލުކުރުމުން ޖަލަށް މީހުން ގެންދެވޭ ހަގީގީ ސަބަބު ވެސް އޮޅިގެންދެ އެވެ. 

ދެން ވެސް ހަނދާން އާކޮށްލަން މިޖެހެނީ މިނިސްޓަރު އިމްރާންގެ ވާހަކަ އެކެވެ. އެއީ ސަރުކާރުގެ އަމާޒަކީ ޖަލުގައި ޒުވާނުން ބޭތިއްބުން ނޫން ކަމަށާއި އެމީހުންނަށް ޕްރޮގްރާމުތައް ހިންގާއި މުޖުތަމައަށް ދޫކޮށްލުން ކަމަށް ވިދާޅުވާ ވާހަކަ އެވެ. އެއީ ވެސް ދައްކަވާ ހުސް ވާހަކައެކެވެ. 

މި ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އިވިގެންދިޔައީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް 3 ގެ ދަށުން އެކި ކޯސްތައް ފުރިހަމަކުރި 50 ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްލި އަޑެވެ. އެ ގައިދީންނަށްޓަކައި އުފާކުރަމެވެ. އެވެސް ނޫސްތަކުގެ ފަލަ ސުރުހީއަށް އެކަން އެރުވުމުގެ ނިޔަތުގައި ކުރާ ކަމެއް ކަހަލަ އެވެ. މިގޮތަށް ޕްރޮގްރާމުތައް ފުރިހަމަކުރާ ހުރިހާ ގައިދީން ދޫކޮށެއް ނުލަ އެވެ. ޕްރޮގްރާމު ފުރިހަމަ ކުރިޔަސް މި ގައިދީން ހަމަ ޖަލުގެ ތޭރިތަކުގެ ތެރޭގައި މުޖުތަމައުގެ ތެރެއަށް ނިކުމެވޭނެ އިރެއްގެ އިންތިޒާރުގައި މަޑުކުރަން ޖެހެ އެވެ. 

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެލައްވާފައިވާ ވައުދެކެވެ. އެ ވައުދުގެ ދަށުން ޖަލުތައް އޮޑިޓްކޮށް ރިޕޯޓެއް ތައްޔާރުކުރިއެވެ. 

އެ ރިޕޯޓުގައި ހުރި ބޮޑެތި ކަންބޮޑު ވުންތަކުގެ ތެރޭގައި ގޮޅިތަކަށް ސާފު ވައި ނުލިބުމާއި، ސާފު ފެން ނުލިބުމާ، ތެއްޖައްސުމާއި ބޭސް ފަރުވާ އެކަށީގެންވާ ގޮތުގައި ފޯރު ނުކޮށްދިނުން ހިމެނެއެވެ. 

އަދި ރިމާންޑު ޖަލުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ޝަރީއަތަކާއި ނުލައި ބަންދުކޮށްފައި ހުންނަ މައްސަލަ ވެސް އެ ރިޕޯޓުން ފެންމަތިކުރިއެވެ. އެހެން ނަމަވެސް، އެ ރިޕޯޓަށް މިއަދު ވަނީ ހިރަފުސް އަރާފައެވެ. 

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބޮޑުތަނުން އަދިވެސް ގޯހެވެ. މަންޑޭލާ ރޫލްކަމަށް ބުނެ ޖަލުތަކަށް ބަދަލުތައް ގެނައި ކަމުގައި ވީނަމަވެސް، މަންޑޭލާ ވެސް ކުރެއްވި އެންމެ މުހިންމު މަސައްކަތްތަތަކީ މިނިވަންކަން ހޯދުމަށް ކުރެއްވި މަސައްކަތަކެވެ. 

ޖަލުތަކުގައި ދިވެހި ޒުވާނުންވެސް، މުސްކުޅިންވެސް އަދި އަންހެނުންވެސް ބަންދު ކުރުމުގެ ބޭނުމެއް ނެތެވެ. އޭގެ ބަދަލުގައި މީހުން ބަންދު ކުރަންވީ ރިހިބިލިޓޭޝަން ސެންޓަރުތަކުގައެވެ. 

މުޖުތަމައުއަށް ނުރައްކާތެރި މީހުންވެސް ސެންޓަރުތަކަށް ލައި އެމީހުންގެ މުޖުތަމައުއަށް ބޭނުން ބަޔަކަށް ހެދޭތޯ ބަލާން ދައުލަތުގެ މައްޗަށް ވާޖިބުވާނެއެވެ. އަދި އަމުދުން މަސްތުވާތަކެއްޗާ ވައްކަން ފަދަ ކުދި ކުށްތަކުގައި ހައްޔަރުކުރާ މީހުން ދިވެހި ޖަލަކަށް ލައިފިނަމަ ވާނީ އިތުރަށް ގޯހެވެ. 

ޖަލަށްލާ މީހުންގެ ބޮޑެ ބަޔަކީ ވައްކަމާއި މަސްތުވާ ތަކެއްޗެވެ. މި ދެ ކުށް ކުރާ މީހުންނަށް ރިހިބިލިޓޭޝަން ދިނުން ނޫންގޮތެއް ނެތެވެ. 

ސަބަބަކީ ރާއްޖޭގައި ކުށްތަކުކުރާ ކުރާ މީހުންގެ އިންސައްތަވެސް މަތި ވީމައެވެ. އެހެންކަމުން ޖަލަށްލުމަކީ އިންސާނަކަށް ދޭން ހެޔޮވާނެ ވަރުގެ އަދަބެއް ނޫނެވެ. 

އަހަރެންގެ ނަޒަރުގާ ރާއްޖޭގައި ހުރި ޖަލުތައް އުވާލާ އެތަން ތަނުގައި ރިހެބްތައް އަޅަން ޖެހެއެވެ. ޕްރިޒަން ސިސްޓަމް ފެއިލްވެއްޖެއެވެ! 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް