ads
ވެކްސިނާ ގުޅޭ ސާބިތު ނުހިފޭ ވާހަކަ ފަތުރާ ނަމަ ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތަކުން ފިޔަވަޅު އަޅާ--
ކޮވިޑް ވެކްސިން: ހިމޭން ހަނގުރާމައެއް، ފާރަވެރިވޭ!
މި ދުވަސްވަރު އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ދުނިޔެއަށް ދިމާވެގެން އުޅޭ ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް އުފައްދާ ވެކްސިންތަކުގެ ވާހަކަ އެވެ. އެކި ކުންފުނިތަކުގެ ވެކްސިންތަކުގެ ހަބަރު ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަމުންދާއިރު، ވެކްސިނާ ގުޅުން ހުރި ހިމޭން ހަނގުރާމައެއް ދަނީ ކުރަމުންނެވެ.

މި ދެންނެވީ އެންމެ ރަނގަޅު ވެކްސިން އުފެއްދުމަށް ކުންފުނިތަކުން ޖަހަމުންދާ ރޭހުގެ ވާހަކައެއް ނޫނެވެ. މި ދެންނެވި ހަނގުރާމައަކީ ވެކްސިނާ އެއްކޮޅަށާއި ވެކްސިން ޖެހުމާ ދެކޮޅަށް ހިޔާލުފާޅުކުރާ މީހުންގެ ހަނގުރާމަ އެވެ. މާ ބާރަށް އަޑު ނީވުނު ނަމަވެސް މި ހަނގުރާމަ ބާރަށް ކުރިއަށް އެބަދެ އެވެ.

ބަލިތަކުން ދިފާއުވުމަށް ވެކްސިން ޖެހުމަކީ ރަސްމީ ހުރިހާ އިދާރާއަކުން ލަފާދޭ ކަމެކެވެ. ގައުމުތަކުގެ ސަރުކާރުތަކާއި، ގައުމުތަކުގެ ސިއްހީ ކަންކަމާ ގުޅޭ އެންމެ މަތީ އިދާރާތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ބާރު އަޅާ ކަމެކެވެ. ނަމަވެސް ވެކްސިން ޖެހުމާ ދެކޮޅު ވިސްނުމެއް ވެސް އުޅެ އެވެ. 

ނޫސްތަކުގެ ފަލަ ސުރުހީއަށް އެމީހުންގެ ވާހަކަތައް ނޭރި ނަމަވެސް، އެކި ޕްލެޓްފޯމުތަކުގައި އެމީހުން ދަނީ އެމީހުންގެ ހިޔާލު ފާޅުކުރަމުންނެވެ. ފޭސްބުކް، ޓްވިޓާ، ވައިބާ އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގެ އިތުރުން ވެބްސައިޓުތަކާއި ބްލޮގްތަކުގައި ވެސް އެމީހުންގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. 

މި ދުވަސްވަރި މި ހަނގުރާމައިގެ ދުވެލި ސޯޝަލް މީޑިއާގައި ބާރުވެފައިވާ މައްސަލަ އޮތީ ރާއްޖެއަށް އެކަންޏެއް ނޫނެވެ. ކޮވިޑް-19 ވެކްސިން މީހުންނަށް ދިނުމުގެ މަސައްކަތް ފަށަމުން ދާތީ، އިނގިރޭސިވިލާތާއި، އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުގައި ވެސް މި މައްސަލަ ވަނީ ދިމާވެފަ އެވެ. 

ރާއްޖެއަށް ބަލާލުމުން ވެސް ފެންނަނީ ހަމަ އެގައުމުތަކުގައި އޮތް ފަދަ ހާލަތެކެވެ. ފޭސްބުކްގެ ނިއުސްފީޑުން ދޭތެރެއަކުން ފެންނަނީ ކޮންމެވެސް މީހަކު ޝެއާކޮށްފައިވާ ވެކްސިނާ ދެކޮޅު ލިޔުމެކެވެ. މިފަދަ ބައެއް ލިޔުންތަކުގައި ޑަބްލިއުއެޗްއޯގެ އެންމެ އިސް މާހިރުންނާ ހަވާލާދީފައި ވެސް ހުރެ އެވެ. 

ކޮންމެއަކަސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ފަރުދަކަށް ލިބިފައިވާ މިނިވަންކަމެކެވެ. އެ މިނިވަންކަން ފުރިހަމައަށް ބޭނުންކުރުމުގެ ހައްގު ކޮންމެ ފަރުދަކަށް ލިބިގެން ވެއެވެ. އެހެންކަމުން ވެކްސިނާ ދެކޮޅު މީހުންނާއި ވެކްސިނާ އެއްކޮޅު މީހުންގެ މަސައްކަތާ މެދު ވަކި އެއްޗެއް ދަންނަވާކަށް ނެތީމެވެ.

އެކަމަކު ވިސްނާލަން ޖެހޭ ކަމަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވުމާއެކު ދޮގު މައުލޫމާތު ނުވަތަ "ޑިސްއިންފޮމޭޝަން" ފެތުރުމުގެ ސަބަބުން ހަގީގަތާއި ދޮގު ބައެއް މީހުންނަށް އުޅުނު ކަމެވެ. ކޮވިޑަކީ "އަސްލު ބައްޔެއް ނޫން" ކަމަށް ގަބޫލުކުރި ބައެއް މީހުން މި ބަލީގައި މަރުވެގެން ގޮސްފައިވާ ކަމެވެ. 

ވިސްނާލަން ޖެހޭ އަނެއް ކަމަކީ ކޮންމެ ވާހަކައެއްގެ ވެސް އެތައް ފަޅިއެއް ވާނެ ކަމެވެ. ދުނިޔޭގެ ތާރީހަށް ބަލައިފި ނަމަ ވެކްސިނުގެ ސަބަބުން ބޮޑެތި ނުރައްކާތެރި ބަލިތަކުން މީހުން ސަލާމަތްކުރެވިފައިވާ ކަމީ ޝައްކެއް ނެތް ހަގީގަތެކެވެ. 

ހަމަ އެފަދައިން ވެކްސިނުން ނުބައި ރިއެކްޝަނެއް ނުވަތަ "ސައިޑް އިފެކްޓެއް" އައުމަކީ ވެސް ދިމާވެފައި ހުރި ކަންކަމެވެ. އެހެންކަމުން އެކި ދިމަދިމާލުން މައުލޫމާތުގެ ވަޒަންތައް އަންނަ މި ޒަމާނުގައި ކޮންމެ ފަރުދަކު ވެސް ބަލަންވީ އަމިއްލަ ދިރާސާގެ މައްޗަށް ބިނާކޮށް، ތެދު މައުލޫމާތު ހޯދުމަށެވެ. 

އެކި ވަސީލަތްތަކުން ފޯރުކޮށްދޭ ކޮންމެ އެއްޗަކީ ތެދު ކަމަށް ގަބޫލުކުރަންވެއްޖެ ނަމަ އޭގެ ގެއްލުން ފަހުން ލިބިދާނެ އެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ އަމިއްލައަށް ސައްހަ މައުލޫމާތު ދެނެގަނެ، ލިޔުންތަކާ މެދު "ކްރިޓިކަލް" ނަޒަރަކުން ވިސްނާ ސުވާލުކޮށް، "އިންފޯމްޑް" ނުވަތަ އެނގި ހުރެގެން ގޮތެއް ނިންމުމަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް