ފަތުރުވެރިން---
އަންނަ އަހަރު ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުތަ؟
Share
ސުނާމީގެ ފަހުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ގާތްގަނޑަކަށް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާ އިރު، ރާއްޖެއަށް އާމްދަނީ ވަންނަ އެންމެ ބޮޑު އެއް ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ލޮޅުންތައް އައިސްފައިވެ އެވެ.
Advertisement

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް މާޗް ފަހުކޮޅު ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ބަންދުކޮށްފައިވާ އިރު، އޭގެ ސަބަބުން އެ ތަންތަނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެ، ބައެއް ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ބާކީ ގެސްޓްހައުސްތަކާއި ރިސޯޓްތައް ހިންގާފައިވަނީ ގެއްލުމުގަ އެވެ.

ބައެއް ރިސޯޓްތަކާއި ހޮޓެލްތަކުގެ އިތުރުން ގެސްޓްހައުސްތައް ވެސް ޓްރާންސިޓް ފެސިލިޓީތަކާއި ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކޮށްފައިވާ އިރު، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާ މުއްދަތުގައި ތިބި ފަތުރުވެރިން ވެސް ވަނީ އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވައިލާފަ އެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން ބަންދުކުރުމާއި އެކު، އޭގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ދެހާހަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލި، ގިނަ މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ވަގުތީ ގޮތުން އަނބުރާ ފޮނުވައިލުމަށް އެ ފަރާތްތަކަށް މަޖުބޫރުވިއެވެ.

ތިން މަސްދުވަހަށް ފަހު ޖުލައި 15 ގައި ފުރަބަންދު ނިމުމަކަށް ގެނެސް، ރާއްޖޭގެ ބޯޑަރު ހުޅުވައިލަން ނިންމީ އިތުރު ގޮތެއް ނެތިގެންނެވެ. ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެން އޮތް މަގު ގާތްގަނޑަކަށް ބަންދުވެ، އަޑިއަށް އަރަގުވަމުންދާ އިގްތިސާދު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ ބޯޑަރު ބޭރުގެ ގައުމުތަކަށް ހުޅުވައިލަން ނިންމައިފަ އެވެ.

ބޯޑަރު ހުޅުވައިލުމަށް ފަހު ސަރުކާރުން އެންމެ ފުރަތަމަ ހުއްދަ ދީފައިވަނީ ރިސޯޓްތައް ހުޅުވުމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ވައިގެ ބަނދަރުތަކުން ހިދުމަތްދޭން ފަށާފައިވާ އިރު، ސަރުކާރުން ވަނީ އާ އާންމު ހާލަތުގައި އެތަންތަނުން އަމަލުކުރާނެ އުސޫލުތަކެއް ވެސް އެކުލަވާލައިފަ އެވެ.

ޖުލައިގެ މެދުތެރެއިން ބޯޑަރު ހުޅުވާލިފަހުން މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް، އާ އާންމު ހާލަތާއި އެކު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނާއި ވައިގެ ބަނދަރުތަށް ހިންގަން ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ އިރު، ފަތުރުވެރިންނަށް މަރުހަބާ ކިޔައި، ހިދުމަތް ދިނުމުގައިވެސް ވަކި ހަމަތަކެއްގައި ހިފެހެއްޓުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.

އެއަށްފަހު ފެނިގެން ދިޔައީ ބައެއް ރިސޯޓްތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިންނާއި މުވައްޒަފުންގެ އަދަދު އިތުރުވަމުން އައި މަންޒަރެވެ. އެއް ރިސޯޓަކުން 40 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު، އެ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފަކުވެސް ވަނީ ނިޔާވެފަ އެވެ. ނަމަވެސް ރިސޯޓްތަކުގެ ހާލަތުވެސް ކޮންޓްރޯލް ކުރެވި، މިހާރު ރިސޯޓްތަކުން ފެންނަ ކޭސްތައް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 95 އިންސައްތައިގައި އުޅޭ އިރު، ފަރުވާކުޑަކޮށްލައިފި ނަމަ ވިލާތުގެ ބައެއް ގައުމުތަކަށްވީ ގޮތަށް ރާއްޖޭގެ ހާލަތު އެފުން މިފުށަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުމެންގެ ދެ އަތް ފޭކޮށް ބޮޑު މަރުހަބާ އަކުން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ބޭނުންނަމަ މިހާރު މި އޮތް ހާލަތުން އެއްކޮށް އަރައިގަނެ، ކުރިިން އޮތް އާންމު ހާލަތަށް ދިޔުމަށްޓަކައި، އާންމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމުގައި ދެމިތިބެން ޖެހެއެވެ.

ބޯޑަރު ހުޅުވާލިތާ މި މަހުގެ 15 އަށް ފަސް މަސްދުވަސް ވެފައިވާ އިރު، އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ލައްކައަކަށް އަރައިފަ އެވެ. މިއަދު ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އަށް ރާއްޖެއިން ހޫނު މަރުހަބާ އެއް ކިޔާފައިވާ އިރު، އަންނަ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުތޯ އެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް