ޓެރަރިޒަމަށް އިޖާބަދިނުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާ ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރްޕީ)ގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތް، އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައިވެރިވުމާއެކު، ރައީސް އޮފީހުން މިއަދު މެންދުރުފަހު ވަނީ ބާއްވާފައެވެ.
އެ ހަރަކާތް ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އަދި އެންޓީއާރްޕީއަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްލޭންއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޓެރަރިޒަމާއި، ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް އެ ޕްލޭންގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، މިއަދު ބޭއްވި ހަރަކާތަކީ، ޓެރަރިޒަމްގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމަށް ބޭއްވި ހަރަކާތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ކަމަނާ ވިދާޅުވީ، ރާއްޖެއާއި އިނގިރޭސި ވިލާތަކީ، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ޚިޔާލާއި ވިސްނުން އެއްގޮތް ދެ ޤައުމު ކަމަށާއި، މި ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މިއަދު ބޭއްވެވި ހަރަކާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ މެންބަރުންނާއި، އަދި ނެޝަނަލް ސެކިއުރިޓީ ސާވިސަސްގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ހަރަކާތައް ފަހު، އެންޓީއާރްޕީގެ ވާކިން ސެޝަންތައް މި ކަމުގައި ބައިވެރިވާ އެހެނިހެން އިދާރަތަކާއިއެކު ހިންގޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ ސެޝަންތަކުގެ އެންމެ ބޮޑު އެއް މަގްސަދަކީ ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއް ބައިވެރިވުމާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ރައީސް އޮފީޙުން ބުނެއެވެ.