ads
އިންޑިއާގެ ފަތުރުވެރިއެއް---
އޭޝިއާ ގައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރަނީ
އޭޝިއާ ބައްރުގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި "ޓްރެވަލް މީޓް އޭޝިއާ" ރޯޑްޝޯގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ބައިވެރިވެފައިވާ މި ވާޗުއަލް ރޯޑްޝޯ ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މިއީ އައިޓީބީ އޭޝިއާ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރޯޑްޝޯއެއް ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.

މި ރޯޑްޝޯ ފުރަތަމަ ހާއްސަ ކުރެވިފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ކަމަށްވާ އިރު، ދެކުނު އިރުމަތީ އޭޝިއާ އަދި މައިސް އެންޑް ކޯޕަރޭޓްގެ އިތުރުން އުތުރު އޭޝިއާގެ ގައުމުތަކުގައި ވެސް މި ރޯޑްޝޯ ބޭއްވުމަށް ވަނީ ރާވައިފަ އެވެ.

"ޓްރެވަލް މީޓް އޭޝިއާ - ސައުތް އޭޝިއާ" ގެ ނަމުގައި ދެކުނު އޭޝިއާ އަށް ހާއްސަކޮށްގެން މި ރޯޑްޝޯގެ ފުރަތަމަ ބައި ބާއްވާ އިރު، އެމްއެމްޕީއާރުސީ އާއި އެކު ފަތުރުވެރިކަމުގެ ހަތް ކުންފުންޏަކުން ބައިވެރިވާނެ އެވެ.

މި ރޯޑްޝޯގެ ފުރަތަމަ ބައި މެދުވެރިކޮށް ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކާއި ބައްދަލުކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ދިވެހި ބައިވެރިންނަށް ލިބިގެންދާ އިރު، ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ދިނުމާއި، ރާއްޖެ ވަކި ރަށްތަކެއްގެ މައްޗަށް އޮތުމަކީ ފަތުރުވެރިންނަށް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއް ކަމުގައިވެސް ރޯޑްޝޯގެ ބައިވެރިންނާއި ހިއްސާކުރެވިގެންދާނެ އެވެ.

ދެކުނު އޭޝިއާގެ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން ސާޓޭ ޖެން އެކްސް ގައި އެމްއެމްޕީއާރުސީން ބައިވެރިވެފައިވާ އިރު، އެ ކޯޕަރޭޝަނުން އަންނަނީ އަވަށްޓެރި އިންޑިއާގައި ތަފާތު މާކެޓިން ކެމްޕޭންތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ޓްރެވަލް އޭޖެންޓުންގެ ފެމިލިއަރައިޒޭޝަން ޓްރިޕަކާއި، އިންސްޓަގްރާމްގައި އިންޑިއާގެ މަޝްހޫރު ބައެއް ތަރިންނާއި އެކު ކުރިއަށް ގެންދިޔަ ކެމްޕޭން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާ އިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ބޯޑަރު ހުޅުވާލިފަހުން އަވަށްޓެރި އިންޑިއާ އިން 42،181 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، ދެވަަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާ އިން ނެވެ.

އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ތަފާތު ކެމްޕޭންތައް ހިންގަމުން އަންނަ އިރު، އެ ކޯޕަރޭޝަނުން ވަނީ މެދު އިރުމަތީގެ ގައުމުތަކުގެ އިތުރުން ދެކުނު ކޮރެއާގައި ވެސް ކެމްޕޭން ޕްރޮގްރާމެއް ހިންގައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް