ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ އެތައް ހައްގެއް، ސިއްހީ ކުއްލި ނުރައްކަލުގެ ނަމުގައި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ. އަދި އެކަންކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ އިސްވެރިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި މުޅި ރާއްޖޭގައި އުޅެވޭ ކަމަށާއި، އެހެން ނަމަވެސް ވާދަވެރިން ތިބީ ރަށު ބަންދުގައި ކަމަށެވެ.
އީސީއަށް ފާޑުވިދާޅުވެ ޝިޔާމް ޓްވީޓްކުރެއްވި އިރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް އެ ރައްޔިތުންގެ ވޯޓުދިނުމުގެ ހައްޤަށް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިވާނެ އިންތިހާބު ކަމަށެވެ. އަދި ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ބާއްވާނޭ އެންމެ ހުދުމުހުތާރު އިންތިހާބު ކަމަށެވެ.