ads
ފަތުރުވެރިން:--
މި މަހު 13 ގައި ރެކޯޑް އަދަދެއްގެ ޓޫރިސްޓުން
މި މަހުގެ ތޭރަވަނަ ދުވަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަތުވެއްޖެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޑިސެމްބަރު މަހުގައި ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވެ އެވެ.

ފާއިތުވެދިޔަ މަސްތަކާއި އަޅާ ބަލާއިރު، މި މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. މި މަހުގެ ތޭރަވަނަ ދުވަހު އެކަނިވެސް 4،191 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، މިއީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައި ދުވަހެވެ.

ފުރަބަންދަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާ އިރު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަކަން ފާހަގަކުރެވިފައިވެ އެވެ. މި ހިނގާ ޑިސެމްބަރު މަސް ދެބައިވެފައިވާ އިރު، މިދިޔަ މަހު ފަތުރުވެރިން އައި އަދަދާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

މި މަހުގެ ސާދަވަނަ ދުވަހާއި ހަމައަށް 33،915 ފަތުރުވެރިން އައިސްފައިވާ އިރު، އެއީ މިދިޔަ މަހު ފަތުރުވެރިން އައި އަދަދު ކަމަށްވާ 35،759 ފަތުރުވެރިންނަށް ވުރެ 1،844 ފަތުރުވެރިން މަދު އަދަދެކެވެ. އެހެންކަމުން މި މަހުގައި 50،000 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައުމަކީ އެކަށީގެންވާ ކަމެކެވެ.

ބޯޑަރު ހުޅުވާލި މުއްދަތުގައި ރާއްޖެއަށް 110،056 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރު ޖުމްލަ 492،903 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. މި އަހަރު ނިމުމުގެ ކުރިން ފަސް ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

ފަތުރުވެރިންގެ މެދުގައި ރާއްޖެއާއި ދޭތެރޭ އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން، އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީން ދަނީ ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް