ads
ދުވުންތެރިޔާ ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރަނީ———
ނަސްރުﷲގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖާޒީ ރައީސް ސޯލިހަށް!
މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޓާފް ސާޖަންޓް ނަސްރުﷲ އަހްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖާޒީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފިއެވެ.

އެމެޑައްޔާއި ޖާޒީ ރައީސްއަށް ހަދިޔާކުރައްވާފައި ވަނީ އެކަމަށްޓަކައި މިއަދު މެންދުރު ކުރީގައި ރައީސް ސޯލިހް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނަސްރުﷲ އަހްމަދަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ.

އޭނާގެ 60 ވަނަ މެރެތަންއަކީ 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމައި އޭނާ ވަނީ ޖުމްލަ 65 މެރެތަން ދުވެފައެވެ.

ރައީސް ވަނީ ނަސްރުﷲ އާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެރެތަން ދުވުމުގެ ދާއިރާއިން އޭނާ ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެ ކަމަށް މަރުހަބާ ދަންނަވާފައެވެ.

އޭނާގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަހައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވިއެވެ.

އޭގެ އިތުރުން، މެރެތަންތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އެވަރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަކުރައްވާ ނަސްރުﷲގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަންއެވެ. 

އެމެރެތަން އެއްވަނަ މަގާމުގައި ނިންމަވާފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުންނެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަސްރުﷲއަކީ އެ ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން، މެރެތަންއާއި ލޯންގް ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރެއްވުމުގައި ނަސްރުﷲ މުހިންމު ދައުރެއް އަދާކުރައްވައެވެ. މިގޮތުން ރާއްޖޭގެ ފުލް-މެރެތަން އަދި ހާފް-މެރެތަންގެ ރިކޯޑު ހާސިލުކޮށްފައިވާ ޝިފާޒު މުހައްމަދާއި، ފަސް ކިލޯމީޓަރުގެ ރެކޯޑު ހާސިލުކޮށްފައިވާ މުހައްމަދު ރަޝީދު، އެ ކާމިޔާބީތައް ހޯދާފައި ވަނީ ނަސްރުﷲގެ އެހީތެރިކަމާއެކުއެވެ.

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް