ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފައި ވަނީ މި ކަމަށްޓަކައި
އިގްތިސާދީ ގޮތުން ކުރިއެރުން ހޯދޭނީ ކަނޑުތަކާ ރަޙުމަތްތެރި އާދަތަކެއްގެ ތެރެއިން: ރައީސް
Share
ދިވެހިންނަށް އިގްތިސާދީ ގޮތުން ކުރެއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަހުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ"،  ޕްރޮގްރާމް އިފްތިތާހުކުރުމަށް "ވާޗުއަލް"ކޮށް ބޭއްވި ހަފުލާގައި ވާހަކަދައްކަަވަމުން ރައީސް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ޤައުމުގެ އިޤްތިސާދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަމަަށެވެ. 

ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް  ނުކުޅެދިއްޖެ ހާލަތެއްގައި، ސިއްހަތާއި، ދިރިއުޅުމާއި، އިގްތިސާދު ވެސް ސަލާމަތްކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ނޫ އިގްތިސާދެއް ބިނާކޮށް، ތިމާވެއްޓާ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިން ތަރައްގީއާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

“ނޫ ރާއްޖެ" ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަަމަޖެހިފައިވަނީ މިއަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމަޔަށް ފަސް އަހަރުގެ މުއްދަތަކަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި، އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ. 

މި ޕްރޮގްރާމް މެދުވެރިކޮށް، ނޫ އިގްތިސާދެއް ބިނާކުރުމުގައި ޤުދުރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ސަރުކާރުގެ މަގްސަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް