ads
އައްޑޫ ފްލައިން ސްކޫލްގެ ބޯޓްތަކެއް——ފޮޓޯ: އެޑިޝަން
ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރަން ފޮނުވި ނޯޓިސް ބާތިލްކުރަން އަންގައިފި
އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ކޯހުން ވަކިކުރަން ނޯޓިސް ފޮނުވި ދަރިވަރުންގެ ނޯޓިސް ބާތިލްކުރަން އެ ސްކޫލަށް އަންގައިފި އެވެ.

އައްޑޫ ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރަމުންދާ މައްސަލައާ ގުޅިގެން ސިވިލް އޭވިއޭޝަން މިނިސްޓްރީން މިރޭ ނެރުން ބަޔާނެއްގައި ބުނީ މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލުކުރުމަށް އަންގާފައިވާ ކަމަށާއި އެގޮތަށް ސްކޫލުން ޢަމަލުކޮށްފައި ނުވާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. 

އަދި އެގޮތާއި ހިލާފުވެގެން ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައްތަންދޭ ކަމެއް ނޫން ކަމަށާއި، ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް އަންގާފައިވާ ކަމަށް ބުނެ އެވެ.

މިނިސްޓްރީން ބުނީ ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް ޕަބްލިޝް ކުރުމަށް ވެސް އަންގާފައިވާ ކަމަށާއި މިގޮތުން، ދަރިވަރުންގެ ގައުމާއި ނަސްލުގެ ސަބަބުން ތަފާތުކުރުން ގެންގުޅޭ ނަމަ، އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓުކުރަމުން ގެންދިއުމަށް ދަރިވަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. އެއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަންކަމުގައި ފިޔަވަޅުއަޅަންޖެހޭނީ ވަކި އިޖުރާޢަތުތަކެއް ފުރިހަމަކުރުމާއެކު އޮބްޖެކްޓިވް އެވިޑެންސްގެ މައްޗަށް ބިނާކޮށްކަމުގައި ވާތީ ކަމަށް ބުނެ އެވެ. 


އޭގެ އިތުރުން ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޕްރިލިމިނަރީ އެސެސްމެންޓަށް ރިޢާޔަތްކުރާއިރު ހުރިހާ ދަރިވަރުންނަށް އެންމެ އިންސާފުވެރި ގޮތަކީ، ކޮންމެ ދަރިވަރެއްގެ ކޭސްވެސް ވަކިވަކީން ބަލައި، ކޮންމެ ދަރިވަރަކަށްވެސް ދިމާވެފައިވާ މައްސަލަތަކުގެ ހާލަތާއި ދަރަޖަ ދެނެގަނެ، އެކުއްޖެއްގެ ޙާލަތާ ގުޅޭ ޙައްލުތައް ހޯދައިދެމުން ގެންދިއުން ކަމަށާއި އޮތޯރިޓީގެ އެންގުންތަކާ އެއްގޮތަށް ސްކޫލުގެ ފަރާތުން ޢަމަލު ކުރޭތޯ ކޮންމެ ދުވަހަކުވެސް ބެލުމަށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންސްޕެކްޓަރަކު ސްކޫލުގައި މަޑުކުރާ ގޮތަށް ވެސް ނިންމާފައިވާ ކަަމަށެވެ. 

"އެގޮތުން، ޑެއިލީ ސްޓޭޓަސް އަޕްޑޭޓް ދުވަހުން ދުވަހަށް އޮތޯރިޓީއަށް އަންގަމުން ގެންދެވޭނެއެވެ. އަދި ދަރިވަރުންގެ މައްސަލަތައް ޙައްލުކުރަމުން ގެންދެވޭނެއެވެ،"


މިނިސްޓްރީން ބުނީ ލޯނު ފުރުޞަތުގެ ދަށުން މިވަގުތު ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިމޭ ތާރީހަކުން ފެށިގެން 6 މަސްދުވަހަށް މިހާރުވަނީ ހަޔާ އެޑިއުކޭޝަނުން ފަސްކޮށްދީފައި ކަމަށެވެ.

މިނިސްޓްރީން ބުނީ ދެފުށް ފެންނަގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ފްލައިން ސްކޫލަށް އަންގާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ރޫޓްކޯޒްއާމެދު ވިސްނާއިރު، ދުރު މުސްތަގްބަލުގައި މިފަދަ ކަމެއް ދިމާނުވާނެ ގޮތަށް އެޅިދާނެ ޕްރެވެންޓިވް ފިޔަވަޅުތައް ސަރުކާރުގެ މަތީ ފެންވަރުގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޓެކްނިކަލް ހިޔާލުތަކުގެ އަލީގައި މަޝްވަރާކުރެވިގެންދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް