ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެޖެންޑާ19ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމިއްޖެ:ނަޝީދު
އެޖެންޑާ-19ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމިފައިވާކަމަށް ރައްޔިތުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވާފައިވާ އިންތިގާލީ އިންސާފުގެ ގާނޫނާއިއެކު އެމްޑީޕީގެ އެޖެންޑާ19 ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނު ފާސްވެ ނިމުނީ ކަމަށެވެ. 

އެހެންކަމުން އެކަމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހް އަށާއި އެޓާނީ ޖެނެރަލް އަދި މަޖިލިސް މެމްބަރުންނާއި މުވައްޒަފުންނަށް ސާބަހާއި މަރުހަބާ ދަންނަވާ ފައެވެ.

އެމްޑީޕީ ސަރުކާރުގެ އެޖެންޑާ19 ގައި އިންސާފުގެ ވައުދުގައި ހިމެނޭ ކަންތަކުގެ ތެެރޭގައި، އިންތިގާލީ އިންސާފުގެ ބިލާއި، ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމުގެ އިތުރުން، ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާއި ޖަވާބުދާރީ ކުރަވަނިވި ދައުލަތެއް ބިނާކުރުން ހިމެނެއެވެ. 

އޭގެ ތެރެއިން އިންތިގާލީ އިންސާފުގެ ބިލް ރައީސް ތަސްދީގުގުރައްވާފައިވަނީ އިއްޔެއެވެ. 

އެ ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ. 

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދިގެންދާނެ ކަމަށް ބުނެފައިވާއިރު އިއްޔެ ވަނީ ރައީސް އެ އޮފީސްވެސް އުފައްދަވާފައެވެ.  އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ. 

އޭގެ އިތުރުން ޝަރުއީ ދާއިރާގެ ގިނަ ކަންތައްތަކެއް ވެސް ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ޑީޖީއޭއަކީ ޗީފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި ހަމަޖެއްސުމާއި ޗީފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް ވަކިކޮށް އަދި ޖަވާބުދާރީކުރުވުން އެއީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް އެޖެންޑާ19 ގައި ވެފައިވާ ވައުދުވެސް ވަނީ ފުއްދާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް