ads
ރާއްޖޭގެ ޖަލުތަކުގައި ކޮށްފައިވާ އަނިޔާ
އިންތިޤާލީ އިންސާފުގެ ގާނޫނާއެކު 65 އަހަރުގެ އަނިޔާވެރިކަމަށް ނިމުމެއް!
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރެއްވީ، މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 29 ވި އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހްގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެކެވެ.

އިންތިގާލީ އިންސާފަކީ ދިވެހިންނަށް އައު ކަމެއްކަމުގައި ވެދާނެއެވެ. ނަމަވެސް އެކި ގައުމުތަކުގައި މީގެ ކުރިން އިންތިގާލީ އިންސާފުގެ ބިލުގެ ބޭނުން ހިފައި، މާޒީގައި ހިނގާފައިވާ ލާއިންސާނީ އަމަލުތަކަށް އިންސާފު ހޯދައިދީފައި އެބަހުއްޓެވެ. 

މިގޮތން 1995 ވަނަ އަހަރު ސައުތް އެފްރިކާގައިވެސް "ޓްރޫތް އެންޑް ރެކޮންސިލިއޭޝަން ކޮމިޝަނެއް" އުފެއްދިއެވެ. އެ ކޮމިޝަނުން ވެސް ތަހުގީގު ކޮށްފައިވަނީ 1960 އިން ފެށިގެން 1994 އަހަރާއި ހަމައަށެވެ. އެ ކޮމިޝަނުން ވަނީ އެ ގައުމުގައި ހިންގާފައި ބޮޑެތި ޖަރީމަތައް ބަލައި އިންސާފު ހޯދައިދީފައެވެ. 

މިހެންކަމުން ދިވެހިރާއްޖޭގައި ވެސް ހިންގާފައިވާ ލާއިންސާނީ އަމުލުތަކާއި، އެ އަމަލުތަކުގެ އެންމެ ފުންމިނަށް ދިއުމަށްޓަކައި 1953 ވަނަ އަހަރުން ފެށިގެން ތަހުގީގުކުރަންޖެހެއެވެ. 

ސަބަބަކީ 1953 ވަނަ އަހަރު ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރީ ވެރިކަން ނިންމާލުމުން ފެށިގެން ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމާއި ހަމައަށް ހިންގާފައިވާ ލާއިންސާނީ އަމަލުތައް މި ބިލުގެ ދަށުން ބެލޭނެއެވެ.  

މި ޤާނޫނުގެ މަޤްސަދަކީ ބަޔަކު ކުށްވެރިކޮށް ޖަލަށްލުމެއް ނޫންނެވެ. މި ބިލުގެ މަގުސަދަކީ ތެދު ހާމަކޮށް، ހަސަދައާއި ރުޅިވެރިކަން ނައްތާލައި، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ކުރިޔަށް ދިޔުމަށް މަގުފަހިކުރުމެވެ. 

އިންތިގާލީ އިންސާފުގެ ބިލުގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ ފުރަތަމަ މަސައްކަތްކުރާނީ ސުލްހަވެރި ހައްލެއް ހޯދުމަށެވެ. ފިޔަވަޅުއަޅާނީ، އެ ފަދަ ހައްލެއް ނުލިބިއްޖެނަމަ ކަމަށެވެ.

މީގެ އިތުރުން އެ ގާނޫގެ 18 ވަނަ މާއްދާގައި ބުނެފައިވަނީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރުރާނެކަމަށެވެ. 

މީގެ އިތުރުން ދެން އުފެދޭ ސުވާލުތަކަކީ އިންތިގާލީ އިންސާފުގެ ބިލުގެ ދަށުން އުފައްދާ އޮމްބަޑްސްމަންގެ އޮފީހުން ކުރާ މަސައްކަތްތަކާއި އެހެން މުއައްސަސާތަކުގެ މަސައްކަތްތަކާ ފުށޫ އަރާފާނެތޯއެވެ؟ އަދި ދައުލަތުން އެއް މައްސަލައެއް ބަލަން ދެ ހަރަދު ކޮށްފާނެތޯއެވެ؟ 

މި ސުވާލުތަކުގެ ކުރު ޖަވާބަކީ ނޫނެކެވެ. އެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ މިހާރު ވެސް އެހެން މުއައްސަސާއަކުން ބަލަމުންދާ މައްސަލަތައް އެ އޮފީހުން ނުބަލާނެކަމަށެވެ.  

އިންތިގާލީ އިންސާފުގެ ބިލަކީ ބަޔަކަށް "އަދަބު ދޭން" ހަދާ ބިލެއް ކަމަށް އަޑު ފެތުރުމަށް ވެސް ބަޔަކު މަސައްކަތް ކުރެއެވެ. އެހެން ނަމަ ވެސް، އެ ބިލުގެ 27 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ އެ ބިލުގައި އިސްކަން ދޭނީ "ދެފަރާތް ސުލްހަވެރިކުރުވުމަށް" ކަމަށެވެ. 

ރާއްޖޭގައި ޖުމްހޫރީ ވެރިކަން ނުވަތަ ރައްޔިތުންގެ ވެރިކަން ފެށުނީއްސުރެ މި ޒަމާނާއި ހަމައަށް ހިންގާފައި ހުރި މައްސަލަތަކަށް އެ ބިލުން އިންސާފު ހޯދައިދެވިދާނެއެވެ. ސަަބަބަކީ އިދާރާތަކުން ނާއިންސާފުން ކަމެއް ކޮށްފައި އޮތްކަން ހާމަވެއްޖެ ނަމަ އެ މައްސަލަ އަލުން ބެލުމަށް ނިންމިދާނެއެވެ. އެގޮތިން އެކި މުއައްސަސާތަކުން ނިންމާފައިވާ މައްސަލަތައް އަލުން ބެލުމަށް ނިންމާއިރު، އެ މައްސަލައެއްގެ ނިންމުމަށް އަސަރުފޯރާފަދަ އާ ހެއްކެއް ނުވަތަ އާ ޤާނޫނީ އުސޫލެއް އޮންނަންޖެހެއެވެ. 

މީގެ އިތުރުން ދައުވާ އުފުލުމުގެ ބާރު އޮމްބޮޑްސްމަން އޮފީހަށް ދީފައެއް ނުވެއެވެ. މި އޮފީހުން ކުރާ ކަމަކީ، ދަޢުވާކުރަން ފެންނަ މައްސަލަތައް ފީޖީ އާއި އޭޖީ އޮފީހަށް ފޮނުވުންނެވެ. އަނިޔާގެ މައްސަލަތައް މި އޮފީހުން ބެލިނަމަ ވެސް ގެއްލުމުގެ ބަދަލު ނަގައިދޭނީ ކޯޓުންނެވެ މިކަން ކުރުމަށްގަވައިދެއްވެސް ހަދަން ޖެހޭކަމަށް ތިން ވަނަ ބާބު 39 ވަނަ މާއްދާގައި ބުނެފައިވެއެވެ. 

މި ސަބަބުތަކަށްޓަކައި ރައްތިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޑިސެންބަރު 17 ވަނަ ދުވަހު ތަސްދީގު ކުރެއްވި އިންތިގާލީ އިންސާފުގެ ބިލުގެ ސަބަބުން 65 އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ތަހުގީގު ކުރުމަށް ހުޅުވިގެން ދިޔަ ދޮރެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް