އަކެލާޓާ އިންފްރައޯޑާ އިހީގެ ބާވަތެއް
އިހީގެ މަސްވެރިކަން މެނޭޖްކުރާނެ ޕްލޭނަށް އަމަލުކުރަން ފަށައިފި
Share
"ދިވެހިރާއްޖޭގެ ފާނަ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" އާއްމުކޮށް އެއަށް އަމަލުކުރަން ފަށައިފި އެވެ.
Advertisement

ފިޝަރީޒް މިނިސްްޓްރީން އާއްމުކޮށްފައިވާ ޕްލޭންގައިވާ ގޮތުން އެ ޕްލޭންގެ މަގުސަދަކީ، އިހީގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި އިހީގެ މަސްވެރިކަން ބަލަހައްޓައި އެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމާއި، އިހީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަޙަތުވެރިންނަށް މަގުދައްކައިދިނުމެވެ.

އެ ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތަކީ، "އެސްޓަސިޑިއާ" އަދި "އަކެލާޓާ" އިންފްރައޯޑާ ގައި ހިމެނޭ އިހީގެ ހުރިހާ ބާވަތެކެވެ. އަދި ރާއްޖޭގައި ހިންގާ އިހީގެ އާބާދީއަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް އެ ޕްލޭން ހިނގާނެ ކަމަށް އެ ޕްލޭންގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި، އިހި ނެގުމާއި، ޕްރޮސެސް ކުރުމާއި، ރައްކައުކުރުމާއި، ގަނެވިއްކުމާއި، ދިވެހިރާއްޖެއިން އިހި އަދި އިހީގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ. އަދި މި ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދު ފަހަރަށާއި، ޕްރޮސެސް ކުރާ ތަންތަނަށް އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް އެ ޕްލޭން ހިނގާނެއެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސަށް ކަމަށެވެ.

އިހީގެ ބާވަތްތަކަކީ އުމުރު ދިގު، ފުދޭވަރަކަށް ލަހުން ފުރާވަރަށް އަރާ ބާވަތްތަކެކެވެ. އިހި ބޮޑުވަމުން އަންނައިރު، އޭގެ ތޮށިގަނޑަކީ އޭގެ ހަށިގަނޑާ އެއްކޮށް ބޮޑުވާ އެއްޗެއް ނޫނެވެ. އެހެންކަމުން، އިހީގެ ހަށިގަނޑު އޭގެ ތޮށިގަނޑަށް ވުރެ ނިސްބަތުން މާބޮޑުވުމުން، އެ ތޮށިގަނޑު ދޫކޮށްލައި، އައު ތޮށިގަނޑެއް އޭގައި އުފެދެއެވެ. މިގޮތުން، ދަރިމައިވުމަށް ތައްޔާރުވުމުގެ ގޮތުން ވެސް އަންހެން އިހި ތޮށިގަނޑު ދޫކޮށްލައެވެ. 

ދިވެހިރާއްޖޭގައި ރިކޯޑުކުރެވިފައިވާ އިހީގެ ބާވަތްތަކަކީ، ޕެލިނުރިޑޭ (ސްޕައިނީ ލޮބްސްޓާގެ ބާވަތްތައް)، ސްކިލަރިޑޭ (ސްލިޕާ ލޮބްސްޓާގެ ބާވަތްތައް)، އަދި އެނޮޕްލޮމެޓޮޕިޑޭ (ރީފް ލޮބްސްޓާގެ ބާވަތްތައް) ގެ އާއިލާއަށް ނިސްބަތްވާ ބާވަތްތަކެވެ. 

އާންމުގޮތެއްގައި އިހި ހިފައި އުޅެނީ ހުއިފިލަނޑާ މަސްވެރިކަމުގައި ނުކުމެ އުޅޭއިރުއެވެ. ހުއިފިލަނޑާއެކޭ އެއްފަދައިން އިއްސަކީ ވެސް ފީނައިގެން، ނުވަތަ ތިލަ ތަންތަނުގައި ހިނގާލާފައި ގޮސް އަތުން ނަގާ ބާވަތެކެވެ. މިގޮތަށް އިހި ނެގުމުގައި ގިނައިން ހަރަކާތްތެރިވަނީ ރޭގަނޑު ގަޑީގައި ބައްތި ދިއްލައިގެންނެވެ. ދިވެހިރާއްޖޭގައި އިހީގެ ބާވަތްތައް ހިފާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން އިހީގެ މަސްވެރިކަން ކުރެވޭ މިންވަރު އެހައި ފުރިހަމައަށް ދެނެ ގަނެވިފައެއް ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް