ads
ފޮޓޯ:އައިއެމްޓީއެމް
ވީއައިއޭގެ އިންޓަނެޓް ހިދުމަތް އޫރިދޫއިން ރަނގަޅުކޮށްފި
ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަށްޗަށް ޖެހެމުން ދިޔުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދެމުން އަންނަ އިންޓަނެޓް ހިދުމަތުގެ ސްޕީޑް އޫރިދޫއިން މަތިކޮށްފި އެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ދެބައިކުޅަ އެއްބައި ފާއިތުވެގެން ގޮސްފައިވާ އިރު، އެ މުއްދަތުގައި 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، މިމަހުގެ 17 ވަނަ ދުވަހު ވަނީ މިއަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައެވެ. 

އެޔާއިއެކު ރާއްޖެއަށް ކޮންމެ ދުވަހު އަންނަ ފަތުރުވެރިންގެ އަދަދުވެސް އުޅެނީ 3000 އިން މަތީގައެވެ. އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލްގައި ކޮންމެ ދުވަހަކުވެސް ގިނަ ފަތުރުވެރިންތަކެއް ހިދުމަތް ހޯދުމަށް ކިޔު ޖެހިފައި ތިބެއެވެ. އެހެންކަމުން ވީއައިއޭގައި ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އަވަސްކޮށް ހަލުވިކުރުމަށް އެހީތެރިވުމުގެ ގޮތުން އޫރިދޫއިން ވަނީ އެއާޕޯޓުގެ އިންޓަނެޓްގެ ހިދުމަތް ކުރިއަށް ވުރެ ރަނގަޅުކޮށް ހިދުމަތުގެ ސްޕީޑް މަތިކޮށްފައެވެ. 

އޫރިދޫއިން ބުނީ އެއާޕޯޓުގައި ދެވޭ އިންޓަނެޓްގެ ހިދުމަތް މިހާރު ތިން ގުނަ އިތުރުކޮށްފައިވާ ކަމަށެވެ. ފަތުރުވެރިން ހާހުން އިތުރުވަމުން އަންނައިރުު ފަތުރުވެރިން ރާއްޖެ އައިސް ދާން ބޭނުންވާ ރިސޯޓްތަކަށް ނުދެވި ހަތަރު ފަސް ގަޑިއިރު އެއާޕޯޓުގައި ކިއުގައި ކޮޅަށް ތިބެންޖެހޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. 

މިއަހަރުގެ މިހާތަނަށް 501،674 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، ބޯޑަރު ހުޅުވާލި މުއްދަތުގައި 118،827 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިހާތަނަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާ އިން ކަމަށްވާ އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީވިލާތުންނެވެ. އެގޮތުން ރަޝިޔާ އިން 46،065 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، އިޓަލީވިލާތުން 45،645 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި އަވަށްޓެރި އިންޑިއާ އިން 44،268 ފަތުރުވެރިން އައިސްފައިވެ އެވެ.

އަންނަ އަހަރު ދޮޅު މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް