ads
އެސްޓީއޯ ޕާކް އަދި ބަސް ސްޓޮޕްގެ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސް މިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ: އެސްޓީއޯ
ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ހިފަންޖެހޭ: ނައިބު ރައީސް
މާލޭ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ހިފަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ބަސް ސްޓޮޕަކާއި ޕާކެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި މާލެއަކީ ހިތްފަސޭހަތަނަކަށް ހަދަން ޖެހޭކަމަށާއި، މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު، ހިތްހަމަ ޖެހިގެން މާލޭގައި އުޅެވޭނެ ގޮތްތައް ހޯދަދޭން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިކަން ކުރެވޭނީ މާލޭގައި އެއިރެއްގައި އޮންނަ ކައުންސިލުގެ ބޮޑު ރޯލެއް އޮވެގެން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މިހާރުގެ ކައުންސިލުގެ އެއްބާރުލުން ލިބޭ ކަމަށާއި، މާލޭގެ މާފަންނު ސަރަހައްދުން މިހާރު ފެންނަ "ޗާލު" ކަމަކީ ކައުންސިލްގެ ރޯލު އަދާކުރާތީ ފެންނަ މަންޒަރެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުރުގެ ނިޒާމް އިތުރަށް ފުޅާކުރުމަކީވެސް މިހާރުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް މުހިއްމު ކަންތައްތަކެއް ކުރަމުންދާކަމަށާއި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ރަނގަޅުގޮތުގައި ހިފުން މުހިއްމުކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަސް ތަކެއް ދުއްވާއިރު، ހުސް ބަސްތަކެއް ދުއްވުމުން އޭގެ މަގުސަދު ހާސިލު ނުވާނެ ކަމަށެވެ. އަދި ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު، އެގައުމުތަކުގެ ޕަބްލިކް ޓްރާންސްޕޯޓު ބަހުން އޮންނަނީ ޖާގަ ނުލިބިފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މަގުމަތީ ތޮއްޖެހުން ކުޑަކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ މި ބަސް ސްޓޮޕާއި ޕާކަކީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތަކީ މާލެ ސިޓީ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކޮށްފައިވާ މަސައްކަތެއް ކަމަށް އަމްރު ގާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އަމްރު ޝުކުރު އަދާ ކުރެއްވިއެވެ.

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިދާޅުވީ އަލަށް މިރޭ ހުޅުވި ބަސް ސްޓޮޕާއި އެސަރަހައްދުގައި ތަރައްގީ ކުރި ޕާކު އަދި އައުޓްޑޯ ޖިމަކީ މާލެ ސިޓީގެ ރައްޔިތުންނަށް އޭގެ ފުރިހަމަ ބޭނުން ކުރެވޭނެ ތަނެއް ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ކައުންސިލުން މަސައްކަތް ކުރާނީ ވިލިނގިލީގައި ޕާކު ތަރައްގީކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މިކަމަށް ސަމޅާިކަން އިތުރު ވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

މާފަންނު ވެސްޓް ޕާކު ސަރަހައްދުގައި މިރޭ ހުޅުވި، އެސްޓީއޯއިން ތަރައްގީކޮށްފައިވާ ޕާކު ފަރުމާކޮށްފައިވަނީ އާއްމުންނަށް ހިތްފަސޭހަކޮށްލެވޭނެހެން އިށީންނާނެ ބެންޗުތަކެއްގެ އިތުރުން އައުޓްޑޯ ޖިމަކާއެކުއެވެ. އަދި މި ސަރަހައްދުގައި އެސްޓީއޯއިން ވަނީ މާލެއާއި ހުޅުލެއާއި ހުޅުމާލެއާއި ދެމެދު ދުއްވާ ބަސްތަކަށް ހާއްސަކޮށް އިތުރު ބަސް ސްޓޮޕެއް ތަރައްގީކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް