ads
ސްޕްރީމް ކޯޓުގެ ކުރީގެ ފަސް ފަނޑިޔާރުން--
މަގާމު ގެއްލޭ ފަނޑިޔާރުން ސިޔާސީވުން، މިއީ ކޮން ހަމައެއް؟
ފަނޑިޔާރުންނަކީ މުޖުތަމައުގައި އިންސާފު ގާއިމްކުރުމަށް ތިބި ތަނބުތަކެވެ. އެހެންކަމުން ފަނޑިޔާރަކަށް ވުމަށް މީހާގެ ގައިގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. އޭގެ ތެރޭގައި ނަޒާހަތްތެރިކަމާއި، އަދުލުވެރިކަމާއި، އަދަބު އަހުލާގު މިއީ މުހިއްމު ސިފަތަކެވެ.

ރާއްޖޭގެ ފަނޑިޔާރުގެއާ މެދު އިތުބާރު ގެއްލި "ސަދޫމް ކޯޓުތަކެއްގެ" ގޮތުގައި ކޯޓުތައް ސިފަކުރާ ބައެއް މީހުން އުޅެ އެވެ. 

ކޯޓުތަކަށް އަމާޒުވާ ފާޑުކިޔުމަކީ ހަގީގަތުގައި ކޯޓުގައި ތިބޭ ފަނޑިޔާރުންނަށް އަމާޒުވާ ފާޑުކިޔުމެވެ. ވަލު ދޮރާށިން ފަނޑިޔާރުން "ކަޓު ނަގާ" ކަމުގެ ވާހަކައާ ގުޅިފައިވާ ފާޑުކިޔުމެކެވެ. 

އެކަމަކު މިއީ ހުރިހާ ފަނޑިޔާރުންނަށް ރައްދުވާ ފާޑުކިޔުމެއް ނޫނެވެ. ގަބޫލުކުރަން ބޭނުން ވަނީ ފަނޑިޔާރުންގެ މެޖޯރިޓީއަކީ ހެޔޮ ވިސްނޭ ބައެއް ކަމަށެވެ. އެކަމަކު މަދު ފަނޑިޔާރުންތަކަކާ ގުޅުވައިގެން އަންނަ ފާޑުކިޔުމުގެ ސަބަބުން ކިލަނބުވަނީ މުޅި ފަނޑިޔާރުގޭގެ މޫނު މައްޗެވެ. 

ފަނޑިޔާރުގެ ދޮވެ ސާފު ކުރުމުގެ މަސައްކަތް ކުރަން ޖެހެނީ މި ސަބަބަށްޓަކަ އެވެ. އެއީ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު އަލުން އިއާދަކުރުމަށް ކޮންމެހެން މަޖުބޫރު ކަމެކެވެ. މިގޮތުގެ މަތިން ސުލޫކީ މައްސަލަތައް ފާހަގަވާ އެތައް ފަނޑިޔާރުންނެއް މިހާރު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

މަގާމުން ވަކިކުރި ނަން މަޝްހޫރު ބައެއް ފަނޑިޔާރުންނަށް ބަލާއިރު އެމީހުންގެ ކިބައިން ވަރަށް އެއް ގޮތް ސިފަތަކެއް ދަނީ ފެންނަމުންނެވެ. އެއީ މަގާމު ގެއްލުމާއެކު ކުއްލިއަކަށް "ސިޔާސީވެ" ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި "ސިޔާސީ" ވާހަކަ ދައްކަމުން ދިޔުމާއި، އެފަދަ ވާހަކައަށް ރައްދު ދިނުމެވެ. 

މިއީ ކޮން ހަމައަކުން ދިމާވާ ކަމެއް ހެއްޔެވެ؟ ފަނޑިޔާރު ކަމުން ވަކިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މީހާގެ ކިބައިގައި ހުރި ފަނޑިޔާރު ކަމަށް ކުރިން ހަމަވި ޝަރުތުތައް ކުއްލިއަކަށް ގެއްލެނީ ހެއްޔެވެ؟ ނުވަތަ އޭރު ފޮރުވައިގެން ހުރި "ސިޔާސީ" ކަން މިހާރު ހާމަވަމުން ދަނީ ހެއްޔެވެ؟

ކޮންމެއަކަސް މިފަދަ ބައެއް ކުރީގެ ފަނޑިޔާރުން ރައްޔިތުންގެ ލޯތަކަށް މިހާރު ފާޅުވަމުން ދާއިރު، އެމީހުންގެ ނަންތައް ބަޔާން ކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ހަބަރުތަކުގެ ފަލަ ސުރުހީ ބަލާލައިފި ނަމަ އެއީ ކޮން ބައެއްކަން ސާފުވާނެތީ އެވެ. 

މިފަދަ ކުރީގެ ފަނޑިޔާރުންގެ "ސިޔާސީ" ކަން މިހާރު ފެންނަމުން ދިޔުމާއެކު އެމީހުން ވަކިކުރަން ނިންމި ނިންމުންތައް ރަނގަޅު ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ބޮޑެވެ. އަދި ފަނޑިޔާރުގެ ދޮވެ ސާފު ކުރުމަށް މިފަދަ މައްސަލަތައް ފާހަގަވާ ކަމަށް ޝަކުވާ ލިބޭ ހުރިހާ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން ދިޔުން ރަނގަޅު ކަމަށް ފެނެ އެވެ. 

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް