ads
ފޮޓޯ: ދި އެޑިޝަން
ކަރަންޓީން ވާންޖެހޭ މުވައްޒަފުންނަށް މުސާރައާއިއެކު ޚާއްސަ ޗުއްޓީ ލިބޭނެ: ޑީޖޭއޭ
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގެ ދަށުން ދޭން ކަނޑައާޅާފައިވާ ހާއްސަ ޗުއްޓީ ޝަރުއީދާއިރާގެ މުވައްޒަފުންގެ ތެރެއިން ދަތުރުކުރުމުގެ ސަބަބަުން ކަރަންޓީން ވާންޖެހޭ މުވައްޒަފުންނަށް މުސާރައާއިއެކު ލިބޭނެ ކަމަށް ޑިޕާޓުމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން (ޑީޖީއޭ)ބުނެފި އެވެ.

ކޮވިޑާއި ގުޅިގެން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު 57 މެމްބަރުންގެ ވޯޓުންނެވެ. 

އެ ގަވާއިދު ގެޒެޓުކޮށް މިހާރު އަމަލުކުރަން ފަށާފައިވާއިރު ޑީޖީއޭއިން ބުނީ ޝަރުޢީދާއިރާގެ މުވައްޒަފުންގެ ތެރެއިން މަގްބޫލު އުޒުރެއް އޮވެމެ ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމުންނާއި އަނބުރާ ރާއްޖެއަށް އައުމުގެ ސަބަބުން ކަރަންޓީން ވާންޖެހޭ މުވައްޒަފުންނާއި، ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށްފަހު އެ ރަށް ދޫކޮށް ދާންޖެހޭ ފަދަ ހާއްސަ ހާލަތެއް ދިމާވެ ދަތުރުކުރުމުގެ ސަބަބުން ކަރަންޓީން ވާންޖެހޭ މުވައްޒަފުންނަށް މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމަކާނުލައި، މުސާރަ ލިބޭ ގޮތަށް، ހާއްސަ ޗުއްޓީ ހަމަޖެއްސާ ދެވޭނެ ކަމަށެވެ. 

އެފަދަ ހާލަތްތައް ނޫން ހާލަތެއްގައި ރާއްޖޭއިން ބޭރަށާއި، އަދި ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާންޖެހޭ މުއްދަތުގައި، ގެއިން މަސައްކަތް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސައިދިނުމަށް ޑީޖީއޭއިން އެދިފައިވެއެވެ.

އިންތިޒާމް ހަމަޖެއްސެން ނެތް ނަމަ، ކޯޓުން ނުވަތަ އިދާރާއިން ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް މުވައްޒަފަކު ޗުއްޓީއަށް އެދެފިނަމަ، ކޯޓު ނުވަތަ އިދާރާގެ މަސައްކަތަށް ބުރު ނައާރަނެ ގޮތެއްގެ މަތިން މުވައްޒަފަށް ހައްގުވާ ޗުއްޓީއެއް ހަމަޖައްސައި ދެވިދާނެ ކަމަށް ބުނެފައިވެއެވެ.

ޑީޖީއޭއިން ބުނީ އެފަދަ ހާލަތްތަކުގައި ހާއްސަ ޗުއްޓީއަށް އެދެންވާނީ ކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއެކު އެމުވައްޒަފަކު ވަޒީފާއަދާކުރާ ކޯޓަށް ނުވަތަ އިދާރާއަކަށް ކަމަށާއި، އެފަދަ ހާލަތްތަކުގައި މުވައްޒަފުންނަށް ޗުއްޓީ ހަމަޖެއްސުމާމެދު ގޮތެއް ނިންމާނީ އެކޯޓެއް ނުވަތަ އިދާރާއެއްގެ އިދާރީ އެންމެ އިސްމުވައްޒަފު ނުވަތަ އެމަސްއޫލިއްޔަތާއި ވަގުތީގޮތުން ހަވާލުވެފައި ހުންނަ ފަރާތުން ކަމަށެވެ. 

އެހެންކަމުން އިއްޔެއިން ފެށިގެން ޝަރުއީ ކޯޓުތަކާއި، އިދާރާތަކުން މި އުސޫލާ އެއްގޮތަށް އަމަލުކުރަމުން ގެންދިޔުމަށް ޑީޖީއޭއިން ވަނީ އެދިފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އެއްވެސް ހާލަތެއްގައި ކަރަންޓީނުގައި ހުންނަންޖެހޭ މުވައްޒަފުންނަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލާއި މުސާރަ ލިބޭ ގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. 

ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމުގެ އިތުރުން އެ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭއިރު އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަަށް ލާޒިމު ވަނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ސޮއިކޮށް ލިޔުމެއް ދެއްކުމުންނެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކާއި ގުޅިގެން ވަޒީފާއަށް ދިއުމަށް ހުރަސް އެޅޭ ފަރާތްތަކަށް ވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. 

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވާއިރު ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު އޭނާއަކީ އެމީހާ ބެލުމާއި ހަވާލުވެފައިވާ މީހެއްނަމަވެސް ހާއްސަ ޗުއްޓީއެއް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖައްސަން ޖެހެ އެވެ. އަދި އެ ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެކެވެ.

އޭގެ އިތުރުން، ކޮވިޑްގެ ހާލަތުގައި ވަޒީފާއިން ވެސް ވަކި ނުކުރެވޭނެ ހާލަތްތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކޮވިޑާ ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ވެސް ބިލުގައި ކަށަވަރުކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް