ads
މިނިސްޓަރު ޒަހާ ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިފްކޯއިން މަސް ގަންނަ އަގުން، މަސްވެރިއަކަށް މަހަކު 22000 ރުފިޔާ ލިބޭނެ: ޒަހާ
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިހާރު މަސް ގަންނަމުން އަންނަ އަގުން މަސްވެރިއަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 22000 ރުފިޔާ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު، މިގޮތަށް ވިދާޅުވެފައި މިވަނީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ، މިނިސްޓަރު ވަނީ ސަރުކާރު ކުންފުނި މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް ވެސް މަސައްކަތްކުރާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކަޅު ބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގަކަށް ކުރިން އޮތީ އަށް ރުފިޔާ ނަމަވެސް މި ސަރުކާރުން އެ އަދަދު 13 އަށް މަތިކުރިކަން ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅަން ޖެހުނީ މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންނަށް ވެސް ގެއްލުންނުވެ އިތުރު ފުރުސަތު ފަހިކޮށްދިނުމަށެވެ. މިނިސްޓަރު ވަނީ މިވަގުތުގެ ފްލޯ ޕްރައިޒް އަށް ބަލާއި، މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް 22،000 ރުފިޔާ ލިބޭނެކަމަށް ވެސް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް ޖެހުނީ 11،500 ރުފިޔާ އެވެ.

އޭގެ އިތުރުން މަސް ގަންނަ އެހެން ކުންފުނިތަކާއި އަޅާ ބަލާއިރު މިފްކޯ އިން މަސް ގަންނަމުން އަންނަ އަގު ރަނގަޅު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ތެލާއި އައިސްގެ އަގުތަކަށް ވެސް މިފްކޯ އިން ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ މަސްވެރިއަކުގެ ސިނާއަތްކުރިއެރުވުމަށް މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ މަސްވެރިކަން ކުރާ އުޅަނދުތައް އިތުރުވަމުން އަންނައިރު ފެލިވަރާއި ކޫއްޑޫގައި ވެސް ކެޕޭސިޓީ ނެތް ކަމަށް އެހެންކަމުން، ސްޓޯރޭޖް ފެސިލިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި އަންނަ އަހަރު އެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއިރު ގިނަ ކަންބޮޑުވުންތަކެއް މަސްވެރިންގެ އެބަހުއްޓެވެ. މީގެ ދެ ދުވަހެއް ކުރިން ބައެއް މަސްވެރިން ވަނީ އެކަމާއި ގުޅިގެން ފެލިވަރުގައި މުޒާހަރާކޮށްފަ އެވެ. އެގޮތުން އެދުވަހުގެ މައިގަނޑު ކަންބޮޑުވުމަކަށްވީ މަހަށް ރަނގަޅު އަގެއް ނުލިބުމާއި އައިސް ލިބުމުގައި ދަތިވުމެވެ. 

7%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް