ads
ފޮޓޯ:ރައީސް އޮފީސް
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެބިލް ރައީސްތަސްދީގުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާހިލް، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މިއަދު ތަސްދީގު ކުރެއްވި މި ބިލުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ވަނީ ވަރަށް ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. 

އެ ގޮތުން މި ބިލު ރައީސް ތަސްދީގް ކުރެއްވުމާ ގުޅިގެން މި ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. އަދި މި އިސްލާހުގެ ދަށުން ޝަރީއަތުގައި މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރުކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތުތައް އެއްކޮށް އެ މަޢުލޫމާތުތައް ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންގެ ގޮތުގައި ވަނީ ހަމަ ޖެހިފައެވެ.

މީގެ އިތުރުން، ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޒީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ. އަދި، މި ޤާނޫނަށް ގެނައި އިޞްލާހުގެ ދަށުން ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އެކުލަވާލައްވާނެ ކަމަށް ވެސް މި ޤާނޫނަށް ގެނައި އިސްލާހުގައިވެއެވެ. މީގެ އިތުރުން ވެސް މި ޤާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ވަނީ މުހިންމު ގިނަ އިސްލާހްތަކެއް ގެނެސްފައެވެ.

މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ. އަދި، މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

މި ބިލަކީ ޑިސެންބަރު މަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް