ads
ޝަޔާން އާދަމް--
ޝަޔާން ދެފައި މައްޗަށް ތެދުވަން ބޭނުމީ ތިބޭފުޅުންގެ ދީލަތި އެހީ!
ތ. ކިނބިދޫ، ނޫވިލާގޭ އުމުރުން އެންމެ ހަތަރު އަހަރުގެ އާދަމް ޝަޔާން އަހުމަދަކީ އޭނާގެ އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ކުޅެ، ސަކާރާތް ޖެހުމުގެ ނަސީބު މިއަދާއި ހަމައަށް ވެސް އެންމެ ފުރިހަމަ ގޮތުގައި ލިބިފައިވާ ކުއްޖެއް ނޫނެވެ. ކޮޅަށް ތެދުވެލުމުގެ ނަސީބު ވެސް މި ތުއްތު ކުއްޖާއަށް ލިބުނީ އުމުރުން ތިން އަހަރުވި ފަހުންނެވެ.

ޝަޔާންގެ ބޭބެއެއް ކަމަށްވާ، މުހައްމަދު މުރާދު ސީއެންއެމްއަށް ކިޔައިދިން ގޮތުގައި ޝަޔާނަކީ އުފެދުމުގައި ވެސް ހެދިބޮޑުވުމުގައި މައްސަލައެއް ހުރި ކުއްޖެކެވެ. މިކަމެއް ވެސް އާއިލާއަށް އެނގުނީ މީގެ 15 ވަރަކަށް ދުވަސް ކުރިންނެވެ. 

މުރާދު ބުނީ، ޝަޔާނު، ހިނގުމުގައި ލަސްތަކެއް އުޅޭތީ އޭނާގެ ފައި މޮޑެ، އެތައް ކަމެއް އާއިލާއިންކުރި ކަމަށާއި އެގޮތުން އެ މަސައްކަތުން ނަތީޖާއެއް ކިރިޔާވެސް ފެނުނީ އުމުރުން ތިން އަހަރުގައި ކަމަށެވެ. މުރާދު ބުނި ގޮތުގައި ދޭތެރެ ދޭތެއިން ހުން އައިސް ޝަޔާން ބަލިވެ އެވެ. އެހެންވެ ދޭތެރެއަކުން މާލެ އައިސް ބަލާއިރު ބައެއް މާއްދާތައް އޭނާގެ ގައިގައި ހުންނަނީ އާންމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށްކަން ރިޕޯޓުން ފާހަގަކުރެވުނެވެ. 

މުރާދު ބުނީ ޝަޔާނަށް ވާގޮތެއް ނޭނގި ދޭތެެރެއަކުން މާބޮޑަށް ބަލިވުމާއެކު ރަށުން ފަރުވާ ހޯދުމަށް ފަހު އަނެއްކާވެސް އަންނަން ޖެހެނީ މާލެއަށް ކަމަށެވެ.

"ބައެއް މާއްދާތައް އިތުރަސް، ޑޮކްޓަރުންނަކަށް ވެސް ނޭނގެ ސީދާ އޭރަކު. އޭރު އުމުރުން އެކެއް ނޫނީ ދޭއެއް ވާނީ. ދެން ނޭނގިގެން އަނެއްކާވެސް އަޅުގަނޑުމެން ދޭތެރެއަކުން ރަށަށް ދަނީ. އަނެއްކާވެސް ބަލިވީމަ ރަށު ޑޮކްޓަރަށް ދައްކަނީ. ދެން އަނެއްކާ ވެސް މާގޯސްވީމަ މާލެ އަންނަނީ،" މުރާދު ކިޔައިދިނެވެ. 

 

ޝިޔާނަށް ޖެހިފައި ހުރީ ކޮން ކަހަލަ ބައްޔެއްކަން އެނގުނީ މީގެ ފަނަރަ ވަރަކަށް ދުވަސްކުރިން ލ. ގަމަށް ދެއްކުމުންނެވެ. އެ ހޮސްޕިޓަލަށް ދެއްކީ، ޝަޔާނަށް ހިނގައި ނުގަނެވި ވެއްޓެން ފެށުމުންނެވެ. ނަސީބުކަން ދިމާކުރި ގޮތުން މިފަހަރު ޑޮކްޓަރަށް ވަނީ ވެގެން އުޅޭގޮތް އެނގިފަ އެވެ. އެ ޑޮކްޓަރު ވެސް ވަނީ ވީއެންމެ އަވަހަށް މާލެއަށް ދިއުމަށް އާއިލާއަށް އަންގައި، އާސަންދަ ވެސް ހަމަޖައްސައިދީފަ އެވެ. 

މުރާދު ބުނީ މާލެއަށް އައުމުން މިފަހަރު ޑޮކްޓަރުން ބުނީ "ކުރެވޭނެ އެއްވެސް ކަމެއް ނެތޭ. އަވަހަށް ފުރައިގެން ބޭރަށް ދާށޭ،" ކަމަށެވެ. އެގޮތުން ފަރުވާ ނުކުރެވިއްޖެނަމަ ކުއްޖާގެ އުމުރުން 10 އަހަރުވުމުން ހިނގާބިނގާވެ ނޫޅެވޭނެ ކަމުގެ އިންޒާރު ވެސް ޑޮކްޓަރުން ދީފައިވާ ކަަމަށް މުރާދު ބުންޏެވެ. 

"މިހާރު ވެސް ފައިގެ ކުޑަކަޅު އިނީ ވަރަށް ހަރުކޮށް. ޑޮކްޓަރުން ބުނަނީ އެއީ މަހެއް ނޫނޭ. އެއީ ސަރުބީއެކޯ. ދެން އެކަމަކު އެ ރަނގަޅުކުރެވޭނެ ގޮތެއް ނޯވެ މިކޮޅަކުނެއް. ދެން ގައިގެ ނާރުތައް ބަލިކަށިވެ ކަންތައްތައް ވަނީ. އަދިވެސް ވާހަކަ ވެސް ނުދެއްކޭ، އަދި މަންމަ ބައްޕަ، ދެން ކާން، ހަމައެކަނި މިވަރު ބުނަނީ،"

މުރާދު ބުނީ ޝަޔާންއަކީ އޭނާގެ މައިންބަފައިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅުކަމުން، އާއިލާއަށް އެންމެ ބޮޑު މާޔޫސްކަމެއް ގެނުވީ ކުއްޖާގެ އުމުރުން 10 އަހަރުގައި ނުހިނގޭނެ ކަމަށް ބުނުމުން ކަމަށެވެ. އެހެންކަމުން އަވަސް ފަރުވާއަކަށް އިންޑިއާއަށް ދާން އާއިލާއިން ބޭނުންވެފައިވާއިރު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އާސަންދަ ވެސް ހަމަޖެހިފައިވާ ކަމަށް މުރާދު ބުނެ އެވެ. އެހެންނަމަވެސް، އެކޮޅުގައި ހޭދަވާނީ ކިހާ ދުވަހެއްކަން ވެސް ނޭނގޭއިރު އެކޮޅަށް ގޮސް ކެއުމާއި ހުރުމާއި އަދިވެސް އެތައް ހަރަދެއް ހިނގާނެތީ އާއިލާއިން މިވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ.

ޝަޔާންގެ މައިންބަފައިންނަކީ ތަނަވަސްކަމެއް ނެތް ބައެއް ކަމަށާއި އެހީއަށް އާންމުންގެ ކިބައިން އެދެން ޖެހުނީ އެހެންވެ ކަމަށް މުރާދު ބުންޏެވެ.

އިތުރު މައުލޫމާތު: 

އެކައުންޓް ނަންބަރ: 7713451751101 މުހައްމަދު މުރާދު (ބޭބެ)

އިތުރު މައުލޫމާތު ހޯދުމަށް : 7791324 މުހައްމަދު މުރާދު (ބޭބެ) / އަހުމަދު ސަމީރު (ބައްޕަ) 7958161

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް