ads
ހުކުރު ހުތުބާގެ ތެރެއިން--
ދުނިޔެއިން ފިލުވާލަން އެންމެ އުނދަގުލީ ރިޝްވަތުގެ ވަބާ: ހުތުބާ
މުޅި ދުނިޔޭގައި ފެތިރުފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވާލަން އެންމެ އުނދަގޫ އެއް ވަބާ އަކީ ރިޝްވަތުގެ ބަވާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

ވަރަށް ގިނަ މުޖުތަމައު ތަކުގައި ރިޝަވަތުގެ އަމަލުތައް އާންމު ވެފައިވާއިރު، ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާއި ނުލާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

މިފަދަ މުޖުތަމައު ތަކުގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުންނަ އިދާރާތަކުގައިވެސް ރިޝްވަތާ ރިޝްވަތުގެ އަމަލުތައް ވަނީ އިތުރުވެފައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެތައް ބަޔަކަށް ލިބެންޖެހޭ ހައްގުތައް ނުލިބި، އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަހަކަށް ލަސްވެ، އަނެއްބައެއްގެ ކަންތައް އަވަހަށް ނިމިގެންދާކަން ފާހަގަ ކޮށްފައިވެއެވެ.

މިއީ ހައްތަހާވެސް ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ކަންކަމުގައި ހުތުބާގައި ބުނެއެވެ. އަދި މިއީ ހައްތަހާވެސް ގައުމުގެ ތަރައްގީގެ ދުވެލު މަޑުޖެހި، ގައުމުގެ ކުރިއެރުމަށް ހުރަސްއެޅޭ ކަންކަން ކަމަށް ބުނެފައިވެއެވެ.

މި ކުޑަކުޑަ ދިވެހި މުޖުތަމައުގައިވެސް ރިޝްވަތުގެ ވަބާގައި ޖެހިފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި މި މުޖުތަމައުގައި ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ހިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ، މިކަމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި މުޖުތަމައުގެ ބައެއް މީހުން ވަނީ ދެކެން ފަށާފައި ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުކުރެވިފައިވާ ކަމެއްގައި ތެދުވެރިވެ އަމާނާތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ނަމަވެސް ރިޝްވަތަކީ ތިމާއަށް ހައްގުނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއްް ލިބިގަތުމަށް ނުުވަތަ ތިމާ ކަމަކުން ބަރީއަ ވުމަށް ފައިސާ ނޫނީ އެހެން އެއްޗެއް މީހަކަށް ދިނުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މިއީ ކަމެއް ހައްގު ނޫން މީހަކަށް މަންފާ އެއް ހޯދައިދިނުން ކަމަށް ބުނެފައިވެއެވެ.

ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައުދާ ހޯދުމާއި، ހިޔާނާތްތެރިވުން އަދި މަކަރާއި ހީލަތް ހެދުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަ ތަކުގެ ތެރޭ ހިމެނޭކަންކަމެވެ. އަދި މިކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲ ލައުނަތް ލައްވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

އަދި މީހެއްގެ ހަށިގަނޑަކީ ރިޝްވަތު ކައިގެން އުފެދިފައިވާ ހަށިގަނޑެއް ނަމަ އެ މީހަކު ސުވަރުގެއަށް ނުވަންނާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އަދި ހަރާމް ގޮތުގައި މުދާ ހޯދާ، އެތަކެތި ކައިގެން ހަށިގަނޑުގައި ޖަހާފައި ހުންނަ މަހަށް އެންމެ އައުލާކަން ބޮޑީ ނަރަކަ ކަމަށް މި އަދިގެ ހުތުބާގައި ބުނެފައިވެއެވެ.

ރިޝްވަތުގެ ސަބަބުން ވަގުތީ އުފަލެއް ނުވަތަ ހައްލެއް ލިބުނަސް، މިކަމުގެ ސަބަބުން ފަހުން ލިބޭ ގެއްލުމާއި ހަލާކު މާ ބޮޑު ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އަދި މިއީ އަމިއްލަ އަނބި ދަރީން އަލިފާނަށް އެއްލާލުން ފަދަ ކަމެއް ކަމަށް ބުނެފައިވެއެވެ.

މިއަދުގެ ހުތުބާގައި ރިޝްވަތުގެ ސަބަބުން ގައުމަށް އަދި ތިމާއަށް ހުރި ގެއްލުންތައް ކިޔައިދީފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް