ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
ވާނުވާ ބަންދު މުރާޖައާކުރާނެ ގާބިލުކަމެއް ކޯޓުތަކުގައި ނެތް: ޕީޖީ
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 300 އެއްހާ މީހުން މިހާރު އެބަ ތިބި ކަމަށާއި އެހެންނަމަ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އެ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖާކުރެވޭނެ ގާބިލްގައި ކޯޓުގައި ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ ތިރީސް ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއުކުރަން ޖެހެ އެވެ. އަދި އެ ގޮތަށް ރިވިއުނުކޮށްފިނަމަ ދެން ވާނެ ގޮތެއް ގާނޫނުގައި ނެތެވެ. 

އެެހެންކަމުން، އެފަދަ ހަތަރު މައްސަލެއް ހައި ކޯޓަށް ހުށަހެޅުނެވެ.  އޭގެ ތެރެއިން ތިން މައްސަލައެއްގައި ހައި ކޯޓުން ނިންމީ ތިރީސް ދުވަހުން ބަންދު ރިވިއު ކުރުމަށެވެ. ނުވަތަ ރިވިއު ނުކުރިޔަސް އެ މީހަކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. 

ޕީޖީ އޮފީހުން މިގޮތަށް ބުނެފައި މިވަނީ އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، މިއަދު ސްޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގަ އެވެ. 

ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދެ ފަރާތަށް ވެސް އަމާޒު ކުރިއިރު މިގޮތަށް އަމާޒުވި ސުވާލެއްގެ ޖަވާބުގައި ޕީޖީގެ ވަކީލު އައިޝަތު ރީޝާ ވަނީ މިވަގުތު ވެސް ވާނުވާގައި 300 އެއްހާ މީހުން އެބަތިބި ކަމަށާއި އެހެންނަމަވެސް އެ ފަރާތްތަކުގެ ބަންދު މުރާޖައާ ކުރާނެ ގާބިލްކަން ކޯޓުގައި ނެތް ކަމަށް ޕީޖީން ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ. 

ރީޝާ ވިދާޅުވީ ބަންދު މުރާޖައާ ކުރާނެ ގާބިލްކަން ޕީޖީ އޮފީހުގައި އެބަ ހުރިކަމަށާއި އެކަމަކު އެކަން ކުރެވޭނީ ކޯޓުތަކުން އެކަމަށް ވަގުތުދީގެން ކަމަށެވެ.

ރީޝާ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ ތިރީސް ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއުކުރަން ޖެހުނަސް އެކަން ނުކުރުމުން ދެން ވާނެ ގޮތެއް ވެސް ނެތްކަން ފާހަގަކުރައްވައި، ކޯޓު އަމުރު ބާތިލްކުރުމާއި ހަމައަށް ބަންދު ދެމިގެންދާނެކަމަށް ޕީޖީ އޮފީހުން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ރީޝާ ވަނީ ބަންދު މުރާޖައާ ނުކުރެވިގެން ބަންދުން ދޫކުރާނަމަ، މުޖުތަމައަށް ނުރައްކާތެރި ބަޔަކު ވެސް ދޫވެގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފަ އެވެ.

ވާނުވާ ބަންދާ ގުޅިގެން ގިނަ ބައެެއްގެ ކަންބޮޑުވުން ހުރިއިރު ޕީޖީ ހުސެއިން ޝަމީމް ވަނީ މީގެ ކުރިން އޭނާގެ ބްލޮގްގައި އެކަމަށް އޮތް ވެކްސިނަކީ ޝަރީއަތް އަވަސްކުރުން ކަމަށް ވިދާޅުވެފަ އެވެ. 

ވާނުވާގެ މައްސަލަ ހައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީއަތް ހިންގުމަށްޓަކައި، އެންމެ އުފެއްދުންތެރި ޙައްލެއްކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުން ކަަމަށް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް