ads
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ-- ފޮޓޯ: ޕީއެސްއެމް
ޑްރަގުން ސަލާމާތް ވާން އެހީއަށް އެދޭ މީހެއްގެ އަތުން ދޫކޮށް ނުލާ: މިނިސްޓަރު އައިޝަތު
ޑުރަގުގެ ވަބާގައި ޖެހިފައި ތިބޭ ކުދިން އެހީއަށް އެދި އައުމުން އެކުދިންގެ އަތުގައި ހިފައި އެ އަތުން ދޫކޮށް ނުލުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެދިވަޑައިގެންފި އެވެ.

ގއ. ވިލިނގިލީގައި މިއަދު "ދަގަނާ" ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވިލިނގިލީގެ ކޮންމެ ގެއެއްގައި ވެސް ޑުރަގުގެ ވަބާގައި ޖެހިފައި ތިބި މީހަކު ހުންނާނެ ކަމަށާއި މި ތަކުލީފު އެ އާއިލާތަކުން ތަހައްމަލު ކުރަމުންދާ ކަމަށެވެ.

މިއަދު ހުޅުވި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް "ދަގެނާ" ފަށަނީ ހެޔޮ ނިޔަތެއްގައި ކަމަށާއި އެ ރަށުގެ ކޮންމެ ގެޔަކަށް ޑުރަގުގެ ވަބާގެ ސަބަބުން ދިމާވެފައިވާ އުދާސްތަކާއި ތަކުލީފުތަކަށް ލުޔެށް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސާވިސް ގާއިމް ކުރި ކަމުގައި ވިޔަސް މުޖްތަމައު ގުޅިގެން ނޫނީ ޑުރަގުގެ މައްސަލަ ހައްލުވެގެން ނުދާނެ ކަމަށާއި މި މަސައްކަތް ކުރިޔަށް ދާއިރުގައި ވަށާޖެހޭ ގޮތަކަށް މިކަން ކުރުން މުހިންމު ކަމަށެވެ.  

އެގޮތުން އެހީއަށް އެދިގެން ޑުރަގުގެ ވަބާއިން ސަލާމަތްވާން ދިތްކުރާ އަތުގައި ހިފުމަށް ފަހު ދޫކޮށް ނުލުމަށް ވެސް މިނިސްޓަރު ވަނީ ހުރިހާ މުއައްސަސާތަކަށާއި އާންމު ފަރުދުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ޑުރަގު މައްސަލައިގައި ވިލިނގިލިން އެކަނިވެސް 100 އެއްހާ ކުދިންގެ މައްސަލަ އޮތް ކަމަށް ފުލުހުންގެ ރިކޯޑުތަކުން ދައްކާ ކަމަށާއި އެކަމުން އެނގެނީ މުޖްތަމައުގައި ސޮފްޓު ޑުރަގްސް ނަގާ ގިނަ އަދަދެއްގެ މީހުން ތިބި ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެކި ގޮތްގޮތަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް އެދެވޭ ވަރުގެ ނަތީޖާއެއް ނުފެނުމުގެ ސަބަބުން އެރަށުގައި މުޅިން އަލަށް ގާއިމް ކޮށްފައިވާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް އިން އާ ގޮތަކަށް ޑުރަގުގެ ވަބާއިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވަނީ މި ސާވިސް ގާއިމް ކޮށްދިމުގައި ނައީބް ރައީސް އަދި ހައުސިންގް މިނިސްޓަރު ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށް، ތަހުނިޔާ ވިދާޅުވެފައެވެ.

ގއ. ވިލިނގިލީގައި ހުޅުވި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސްއަކީ އެރަށުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ފަރާތްތައް މުޖްތަމައު ތެރޭގައި އިތުރުވެ އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެހީދިނުމަށް ސަރުކާރުގެ ފަރާތުން ހުޅުވާލި ހިދުމަތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް