ads
ފޮރިން މިނިސްޓަރު ޝާހިދު އަދި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ --- ފޮޓޯ: ފޮރިން މިނިސްޓްރީ
ޖަޕާނާއެކު އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖެއިން ސޮއިކޮށްފި
ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ޖީ20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާއި ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެކްސްޗޭންޗް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސްގެ ސަބަބުން، ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއްވެސް ލިބިގެންދާނެކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ.

މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑާސްޓޭންޑިންގް އެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފައި ވާކަން ފޮރިން މިނިސްޓްރީން ފާހަގަ ކުރެއްވިއެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓަރު އަމީރު އެއްބަސްވުމުގައި ސޮއި ކުރެއްވޮި ގައުމުތަކުގެ ތެރޭގައި ޖަޕާންވެސް ހިމެނޭކަމަށެވެ. އަދި އެމްއޯޔޫއަށްފަހު މިއަދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވި، އަންނަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމާއެކު ރާއްޖެއާއި ޖަޕާނާ ދެމެދު ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ އެއްބަސްވުން ގާއިމު ކުރެވިގެން ދާނެކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.

މިއަދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިތުރުން ޖައިކާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް