ads
އެމްއެމްޕީއާރުސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---
ބޯޑަރު ހުޅުވާނުލިނަމަ ގިނަ ފަތުުރުވެރިން ރާއްޖެ އަންނަ މަންޒަރު ނުފެނުނީސް: ތޮއްޔިބު
ޖުލައި 15 ގައި ބޯޑަރު ހުޅުވައިނުލި ނަމަ ފަސް ހާހުން ހަތަރުހާހުން ދުވާލަކު ފަތުރުވެރިން އަންނަ މަންޒަރު ނުފެނުނީސް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު އެމްއެމްޕީއާރުސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތައްޔިބް ވިދާޅުވީ ރައީސް ސޯލިހް ރާއްޖޭގެ ބޯޑަރު ހުޅުއްވައިލައްވަން ނިންމެވުމަކީ މި ކާމިޔާބީގެ އަސްލާއި ފެށުން ކަމަށާއި، ބޯޑަރު ހުޅުވާނުލި ނަމަ އެހާ ގިނަ ފަތުރުވެރިން ރާއްޖެއަށް ނާންނާނެ ކަން ތޮއްޔިބް ފާހަގަކުރެއްވިއެވެ.

މިއަހަރަށް އެކި ކަންތައްތައް ރާވާފައިވާ އިރު، އަހަރު ފެއްޓީ ވަރަށް ބޮޑެތި އުންމީދުތަކަކާއި އެއްކޮށް ކަމަށާއި، ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިތުން ބޭރު ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"އެހެންނަމަވެސް ހަމަ އަޅުގަނޑުމެން އެއްވެސް ވަރަކަށް ހުއްޓާނުލާ މަސައްކަތް ކުރިއަށް ގެންގޮސް އަހަރު ނިމިގެން މިދަނީ އިރާދަކުރެއްވީތީ ވަރަށް ރަނގަޅު ކާމިޔާބަކާއި އެއްކޮށޭ ދެންނެވޭނީ" - ތޮއްޔިބު ވިދާޅުވިއެވެ.

އެއާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި އެކު އެކި ގޮތްގޮތަށް މަސައްކަތްކުރަމުން އާދެވުނު ކަން ފާހަގަކުރައްވައި، ތޮއްޔިބް ވަނީ މިހާތަނަށް އެމްއެމްޕީއާރުސީން ނުކުރާހާ ބައިވަރު މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރެވިފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

މިހިސާބަށް އައުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންނާއި ސަރުކާރުން ކަން ފާހަގަކުރައްވައި، ތޮއްޔިބު ވަނީ މި ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ އެންމެން ގުޅިގެން ކުރެވުނު މަސައްކަތްކަން ފާހަގަކުރައްވައިފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޭރު މާކެޓްތަކުގައި އިޝްތިހާރު ކުރުމަށްޓަކައި މިއަހަރު 22 މާކެޓަކަށް އަމާޒުކޮށްގެން 412 ހަރަކާތެއް ހިންގާފައިވާ އިރު، އޭގެ ތެރެއިން އަދިވެސް 47 ހަރަކާތެއް ކުރިއަށްދާ ކަމަށާއި، ކޮވިޑް-19 ގެ ތެރޭގައި 314 ހަރަކާތެއް ހިންގާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި އެކު، މިއަހަރު ތަފާތު އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުން ފަދަ އެތައް ބަޔަކާއި އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔަކަން ފާހަގަކުރައްވައި، ތޮއްޔިބު ވިދާޅުވީ އޭގެ އަމާޒަކީ ރާއްޖެއަކީ ފަތުރުވެރިން އަންނަން ބޭނުންވާ ފަދަ މަންޒިލަކަށް ހެދުން ކަމަށެވެ. އެގޮތުން ބޭރުގެ ކޮންމެ ބަޔަކު ކުރާ ސާވޭތަކުގެ ގަދަ ފަހެއްގައި ރާއްޖެ ހިމެނޭކަން ތޮއްޔިބު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އަސްލު ކުރިއަށް އޮތް އަހަރަކީ އަޅުގަނޑުމެންނަށް އަދި މާ އުނދަގޫ އަހަރެއް. އެ ކަންކަން ދަމަހައްޓަންޖެހޭތީ" - ތޮއްޔިބް ވިދާޅުވިއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް