ads
އިސްލާމިކް މިނިސްޓްރީ--
އިސްލާމިކް މިނިސްޓްރީގެ ސަބަބުން ކޮންޓެކްޓަރުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް!
އިސްލާމިކް މިނިސްޓްރީން ބައެއް ކުންފުނިތަކާއި އެކު ހަދާފައިވާ އެއްބަސްވުންތަކެއް އުވާލުމުންގެ ސަބަބުން އެ ކުންފުނިތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށް ބުނެފިއެވެ.

މިކަމާ ގުޅޭ ގޮތުން މާރިސް ކޮންސްޓްރަކްޝަނުގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ސައީދު "ސީއެންއެމް" މައުލޫމާތު ދެމުން ވިދާޅުވި އިސްލާމިކް މިނިސްޓްރީން މަސައްކަތް ފެށުން ލަސްވި ކަމަށް ބުނެ ޕްރޮޖެކްޓްތައް ކެންސަލް ކުރި އިރު، މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ގިނަ ކަންކަން ވެސް ހުރީ ނުނިންމާކަމަށާއި އެއްބަސްވުމުގައި ބުނާ ގޮތަށް ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓް ވެސް މިނިސްޓްރީން ނުދޭކަަމަށެވެ. 

އެ ކުންފުންޏަށް ދިނުމަށް ފަހު އެއްބަސްވުން އުވާލާފައިވަނީ ލަންދޫ މިސްކިތާއި، ބޮޑުފޮޅަދޫ މިސްކިތުގެ އިތުރުން ފުވައްމުލަކު ގުރުއާން ސެންޓަރު އެޅުމުގެ ޕްރޮޖެކްޓް ކަމަށާއި އޭގެ ތެރެއިން ފުވައްމުލަކު ގުރުއާން ސެންޓަރުގެ އެއްބަސްވުން އުވާލި މައްސަލަ އެ ކުންފުނިން މިހާރު ވަނީ ކޯޓަށް ހުށަހަޅާފަކަމަށް ސައީދު ވިދާޅުވިއެވެ. 

މީގެއިތުރުން ސައީދު ވިދާޅުވީ ލަންދޫ އަދި ބޮޑުފޮޅަދޫ މިސްކިތް ޕްރޮޖެކްޓް ކެންސަލް ކުރި މައްސަލަ މަޝްވަރާ ކޮށްގެން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ކުރިމަގެއް ނުފެނިއްޖެ ނަމަ، އެ މައްސަލަތައް ވެސް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން އަމަލު ކުރަމުން އަންނަ ގޮތާއި ގުޅިގެން އިތުރު ކޮންޓެކްޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ނަން ހާމަކުރަން ބޭނުން ނުވާ ކޮންޓެކްޓަރަކު ކިޔައިދިން ގޮތުގައި އިސްލާމިކް މިނިސްޓްރީން ބައެއް ޕްރޮޖެކްޓްތައް ކެންސަލް ކުރިއިރު ޕްރޮޖެކްޓް އެއްބަސްވުމުގެ އަސްލު ކޮޕީވެސް ބައެއް ކުންފުނިތަކަށް ނުލިބެ އެވެ. 

މީގެ އިތުރުން އެ ކޮންސްޓްރަކްޝަން ކުންފުނިން ބުނީ އިސްލާމިކް މިނިސްޓްރީން އެދެނީ ކޮންކަމެއް ކަން ވެސް ސާފުނުވާ ކަމަށާއި އެ މިނިސްޓްރީގެ ޕްރޮޖެކްޓްތައް ހިންގާ ހުރިހާ ކުންފުނިތަކަކާއި މިނިސްޓްރީއާ މައްސަލަ ޖެހޭކަމަށެވެ. 

އޭނާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އަމަލު ކުރަމުން އަންނަ ގޮތުން ކުންފުނިތަކަށް އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށާއި އިސްލާމިކް މިނިސްޓްރީގެ އެޓިޓިއުޑް މި ހުންނަނީ މިނިސްޓްރީގެ ޕްރޮޖެކްޓަކާ ކުންފުންޏަކުން ހަވާލުވުމާ އެކު އެ ކުންފުންޏެއްގެ ދުވަސް ދުއްވާލަންކަމަށާއި މައްސަލައެއް ނެތިއްޔާ މައްސަލައެއް އުފައްދައިގެން ވެސް، އެ ކުންފުންޏަކާއި މެދު ނަފްރަތު އުފައްދަން އުޅެނީ ކަމަށްއެ ބޭފުޅާ އިތުރަށް ކިޔައިދިނެވެ.

ކޮންޓެކްޓަރުން ބުނާ ގޮތުން، ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި އޮތް އިރު، ޕްރޮޖެކްޓްތައް ފެށުމަށް ދަތިތައް ކުރިމަތިވި ކަމަށާއި އެކަމަކު އެއްބަސްވުންތައް އުވާލި އިރު، އެ އެއްވެސް ކަމަކަށް އިސްލާމިކް މިނިސްޓްރީން ރިއާޔަތް ނުކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މި ތުހުމަތުތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ތުހުމަތުތައް ބެލުމަށް ފަހު ޖަވާބެއް ދޭނަކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް