ads
ނޭޕާލްގެ މުޒާހަރާ ތެރެއިން--
ނޭޕާލުގެ މަޖިލިސް އުވާލުމުން ރައްޔިތުން ރަތަށް
ނޭޕާލްގެ ގާނޫނު ހަދާ މަޖިލިސް އުވާލުމާއި ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

ނޭޕާލުގެ ރައްޔިތުން މި މުޒާހަރާ ކުރަމުން ދަނީ މަޖިލިސް އުވާލުމަށް ބޮޑު ވަޒީރު ކޭޕީ ޝަރުމާ އޯލީ އެދިވަޑައިގެންފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އެއްވެ އުޅުމާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ބޮޑު ވަޒީރާއި ދެކޮޅު އެތައް ހާސް ރައްޔިތުންނެއް ދަނީ އަޑު އުފުލަމުންނެވެ. އެމީހުން ވަނީ ބޮޑުވަޒީރުގެ ނިންމުން ބަދަލުކުރުމަށް ގޮވާލައި އެމަނިކުފާނުގެ ރަސްމީ އިދާރާ ދޮށަށް އެއްވެފައެވެ. ނޭޕާލުގެ ފުލުހުން ބުނީ މުޒާހަރާތަކުގައި މަދުވެގެން 10،000 މީހުން ބައިވެރިވާ ކަމަށެވެ. 

ގާނޫނު ހަދާ މަޖިލީސް އުވާލައި އާ އިންތިހާބެއް ބޭއްވުމަށް ރައީސްގެ އަރިހުން ބޮޑުވަޒީރު އެދިވަޑައިގަތީ އެ ގައުމުގެ ވެރިކަން ކުރާ ނޭޕާލް ކޮމިއުނިސްޓު ޕާޓީ، އެންސީޕީން ސަރުކާރުގެ ނިންމުންތައް ނިންމުމާއި ސަރުކާރު ހިންގުމުގައި އެމަނިކުފާނުގެ އަމިއްލަ ޕާޓީ އެއްފަރާތް ކުރައްވާކަމުގެ ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. 

ބޮޑުވަޒީރު ވިދާޅުވީ ޕާޓީގެ ތެރޭގައި މައްސަލަ އުފެދި ކޮންޓްރޯލް ގެއްލިފައިވާ ކަމަށާއި އޭގެ ސަބަބުން ނިންމުންތައް ނިންމުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ބޮޑުވަޒީރުގެ ނިންމުމާއި ދެކޮޅަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ނޭޕާލްގެ އެންމެ މަތީ ކޯޓުން އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ބަލަން ފަށާނެ އެވެ. 

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބޮޑުވަޒީރު، ކޭޕީ ޝަރްމާ އޯލީގެ އެދިވަޑައިގަތުމުގެ މަތިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލައްވައިފައިވާ ކަމަށް ނޭޕާލްގެ ރައީސް ބިދުޔާ ދޭވީ ބަންދާރީ ވަނީ އިއުލާނުކުރައްވާފަ އެވެ. 

އެ ނިންމުމާއިއެކު އެ ގައުމުގެ އާންމު އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ތެރޭގައި ބާއްވާނެކަން ވެސް ރައީސް ބިދުޔާ ދޭވީ ބަންދާރީ ވަނީ އިއުލާނުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް