ads
ކޮވިޑް-19
ކޮވިޑުގެ އާ ވޭރިއެންޓާ މެދު ސަމާލުވޭ، ރާއްޖެއަށް ވެސް އަންނާނެ!
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބު ދައްކާ ގޮތުން ރާއްޖޭގައި މިހާރު ދުވާލެއްގެ މައްޗަށް ކޮންމެ 100،000 މީހުންގެ ތެރެއިން ކޮވިޑް-19 ޖެހޭ މީހުންގެ ނިސްބަތް އުޅެނީ އެވްރެޖް ގޮތެއްގައި 4 ޕަސަންޓުގަ އެވެ. މިއީ މި ބަލި ފެތުރެން ފެށި ފަހުން އަދަދުތައް މިހާ ދަށް ވާން ފެށި ދެވަނަ ފަހަރެވެ. އެކަމަކު ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ މި ވައިރަހުގެ އާ ވޭރިއެންޓުގެ ސަބަބުން ރާއްޖެއަށް ވެސް އަލުން ގޯސް އަސަރުތައް ކުރާނެ ކަމަށް ބަލާ ތައްޔާރުވުން ބުއްދިވެރި އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ރަސްމީ ވެބްސައިޓުގައިވާ ތަފާސްހިސާބަށް ބަލާއިރު، ޑިސެމްބަރު 1 އިން ފެށިގެން ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށް ވާން ފަށާފަ އެވެ. އެގޮތުން މި މަހު އެންމެ ގިނަ ކޭސް ފެނިފައި ވަނީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. އެ ދުވަހު ޖުމްލަ 48 މީހުން ޕޮޒިޓިވްވި އެވެ. އަދި އެންމެ މަދު ކޭސް ފެނުނީ ތިން ކޭސް އާއެކު ޑިސެމްބަރު 14 ގައެވެ. އެވްރެޖް ގޮތެއްގައި އާ ކޭސްތަކުގެ އަދަދު 30 އިން ދަށުގައި އުޅޭ ކަމަށް ފާހަގަވެ އެވެ. 

your imageކޮވިޑުގެ ތަފާސްހިސާބު--

މި ބަލީގެ ބިޔަ ރާޅެއް ނިމިގެން ދިޔައިރު މިހާތަނަށް ރާއްޖެއިން 48 މީހުން ވަނީ މަރުވެފަ އެވެ. މި ވަގުތު ކޭސްތަކުގެ އަދަދު ބިރުވެރިކަމެއް ނެތް މިންވަރަށް ދަށްވެފައި ވީ ނަމަވެސް ކުރިމަތިވެފައިވާ އަނެއް ބިރުވެރިމަކީ މި ވައިރަހުގެ މުޅިން އާ ވޭރިއެންޓެއް ހަލުވިކަމާއެކު ފެތުރުމެވެ. ކޮވިޑު ވެސް އައިސް ރާއްޖެއާ އަރާ ހަމަކުރި ގޮތަށް "މިއުޓޭޓް" ވެފައިވާ ވައިރަހުގެ ވޭރިއެންޓް ވެސް ރާއްޖެއާ އަރާ ހަމަކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހެނީ މިކަމަށް ތައްޔާރުވުމުގެ މަސައްކަތެވެ. 

ކޮވިޑުގެ އާ ވޭރިއެންޓުން ވަނީ ކިހިނެއް؟

އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއެންޓް ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިހާރު ދަނީ ފެތުރެމުންނެވެ. އަވައްޓެރި އިންޑިއާއިން މި ވޭރިއެންޓު އިއްޔެ ފެނުނުއިރު، މިއަދު ވަނީ އެމެރިކާއިން ފެނިފަ އެވެ. އޭގެ އިތުރުން ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ދެކުނު އެފްރިކާ، ޖަޕާނު އަދި ކެނެޑާ ފަދަ ގައުމުތަކުން ވެސް ވަނީ ފެނިފަ އެވެ. 

ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓަށް 23 ފަހަރު ބަދަލު އައިސްފައިވާ އިރު، އެ އާ ވޭރިއެންޓް ފެތުރޭ ގޮތް ބަދަލުވާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. އިނގިރޭސިވިލާތުގެ ބައެއް ސައިންސްވެރިން ކުރި ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑްގެ އާދައިގެ ވައިރަހަށް ވުރެ މި އާ ވޭރިއެންޓް 56 އިންސައްތަ ބާރުގަދަވާނެ އެވެ. އަދި މިއީ ކޮވިޑުގެ އާދައިގެ ވަރަހަށް ވުރެ 70 އިންސައްތަ ހަލުވިކަމާއެކު ފެތުރުމުގެ ގާބިލްކަން ލިބިފައިވާ ވޭރިއެންޓެކެވެ. 

އާ ވޭރިއެންޓާ ގުޅުން ހުރި ކޭސްތައް ގުޅިފައިވަނީ އިނގިރޭސިވިލާތުން ދަތުރުކުރާ ފަރާތްތަކާއި ކަމަށްވާ އިރު، އެކި ގައުމުތަކުން މިހާރު ވަނީ އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް ހުއްޓާލައިފަ އެވެ. އަދި ޖަޕާން ފަދަ ބައެއް ގައުމުތަކުން އަލުން ބޭރު ރައްޔިތުންނަށް ގައުމުގެ ބޯޑަރު ބަންދު ކުރަން ފަށާފައި ވަނީ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

އިނގިރޭސިވިލާތުން އައި ދިވެއްސަކު ޕޮޒިޓިވް

އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ދާދި ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެމީހާ ރާއްޖެ އައިއިރު ފިޔަވަޅުތައް ލުއިކޮށްފައި ހުރުމުގެ ސަބަބުން ކަރަންޓީނަށް ދާކަށް ނުޖެހުނެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނި ގޮތުގައި އޭނާ އައީ ނެގެޓިވް ނަތީޖާއަކާ އެކު އެވެ. އަދި ބައްޔަށް ޕޮޒިޓިވްވީ ރާއްޖެ އައި ފަހުން ކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. އެހެން ނަމަވެސް މިއީ އާ ވޭރިއެންޓާ ގުޅުން ހުރި ކޭސްއެއް ކަމެއް ޔަގީންކުރެވިފައެއް ނުވެ އެވެ. 

އާ ވޭރިއެންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިނގިރޭސިވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީނު ކުރަން މިހާރު ވަނީ ނިންމާފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގައި އުޅެފައި ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކްވިސާގައި އަންނަ ބިދޭސީން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހެ އެވެ. އެއީ 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭ ގޮތަށެވެ.

އަދި އެ ފަރާތްތައް ރާއްޖެ އަންނަތާ ފަސް ދުވަހަށް ފަހު އަދި 10 ދުވަހަށް ފަހު ކޮވިޑް-19 އަށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އޭގެ އިތުރުން ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާ ގެންނަން ޖެހެ އެވެ. އިނގިރޭސިވިލާތުން އަންނަ މީހުންނަށް ފިޔަވަޅު ވަރުގަދަކޮށްފައި ވާއިރު، ކެނެޑާ ފަދަ ގައުމުތަކުގައި މި ވޭރިއެންޓުގެ ކޮމިއުނިޓީ ސްޕްރެޑް އުޅޭ ކަމަށް ބެލެވިފައި ވާތީ އެ ގައުމުތަކުން އަންނަ މީހުންނާ މެދު ވެސް ސަމާލުވާން ޖެހެ އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް