ads
އާޒިމް--
ދައުވާ ކުރަން ނިންމާފައި ވަނިކޮށް އާޒިމް އައިއޭއެސްއިން އިސްތިއުފާ ދީފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ ކުށާއި ގުޅިފައިވާ 100،000 އެމެރިކާ ޑޮލަރު، 2014 ވަނަ އަހަރު އޭސީސީ އިންވެސްޓިގޭޓިން އޮފިސަރެއްގެ ގޮތުގައި ހުރި ޏ. ފުވައްމުލަކު، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމަށް ލިބުނު މައްސަލާގައި އާޒިމަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނިކޮށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ބޯޑު މެމްބަރު ކަމުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރީ މި ސަރުކާރުންނެވެ. ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން މީގެ ކުރިން މަގާމުން ސަސްޕެންޑު ކުރި އެވެ. އެކަމަކު ފަހުން ސަސްޕެންޝަން އުވާލީ އެވެ. އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު ވަނީ ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފަ އެވެ. 

ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން އާޒިމްގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވަނީ ފުލުހުން، އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން ކުރިއަށް ގެންދާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ތެރެއިން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި އާޒިމްގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ދެ ދައުވާ އަކާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެގޮތުން އާޒިމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަކީ އޭނާ އޭސީސީގެ އިންވެސްޓިގޭޓިން އޮފިސަރެއްގެ މަގާމުގައި ހުރިއިރު، އޭނާ އިސްކޮށް ހުރެ އޭސީސީން ކުރިއަށްގެންދިޔަ އެމްޕީއެލް އަދި އެމްއެމްޕީއާރުސީއާއި ދެމެދު ހިނގި ޑޮލަރުގެ މުއާމަލާތާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައަކާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތާއި، ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ވަކިގޮތަކަށް އަނބުރާލަން އާޒިމް 100،000 ޑޮލަރުގެ ރިޝްވަތު ނެގި ކަމުގެ ދައުވާއެއް ކަމަށް ޕީޖީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

ތަހުގީގު އަނބުރާލުމުގެ އިތުރުން، ތަހުގީގާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އަދި ކޮމިޝަންގެ ސިއްރު މައުލޫމާތު ދިނުމަށް އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރުގެ ޗެކެއް ޖަމާކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން ދޭއް ގައި ކަމަށް ޕީޖީން ބުނެއެވެ. އަދި ބާކީ 50،000 ޑޮލަރު އޭނާގެ ކޮއްކޮއެއްގެ ބީއެމްއެލް އެކައުންޓަށް 2015 ވަނަ އަހަރުގެ ޖޫން 15ގައި ޖަމާކޮށްފައިވަނީ، ޑޮލަރު ޗެކު ލިބިގަނެގެން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން އާޒިމް ކޮއްކޮގެ އެކައުންޓަށް ޖަމާކުރި 50،000 ޑޮލަރަކީ، ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ދެެއްކުމުގެ ގޮތުން އާޒިމް. ކޮއްކޮގެ އެކައުންޓުން އެސްއޯޢެފްގެ އަހުމަދު އިޝްފާހަށް 771،000 ރުފިޔާގެ ޗެކެއް ދޫކޮށްފައިވާކަން ތަހުގީގުން އެނގޭ ކަމަށް ޕީޖީން އާންމު ކުރި ބަޔާނުން ހާމަވިއެވެ.

މި މައްސަލައިގައި ދައުވާ ރައްދުވާ އާޒިމަކީ އައިލެންޑް އޭވިއޭޝަންގެ ކުރީގެ ބޯޑު މެމްބަރެކެވެ. މި މައްސަލަ ފުރަތަމަ ފެންމަތި ވިއިރު އޭނާ ހުރީ އެމަގާމުގައެވެ، އަދި ފަހުން މަގާމުން. ސަސްޕެންޑު ކޮށްފައިވަނީ މި މައްސލައިގައެވެ. ނަމަވެސް އާޒިމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަށް ދޮގުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް