ads
ހިޔާ ފްލެޓްތައް--
ހިޔާގެ އާ ލިސްޓުގަ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަށް ވެސް ފްލެޓެއް!
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝަރްމާ ނަސީރަށް ހިޔާ ފްލެޓުން ފެްލެޓް ލިބުން ކަމުގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ސިވިލްސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. 

އާއްމުންގެ އެކުވެރި ގުޅުމުން މިއަދު ހާމަ ކޮށްފައިވާ ފްލެޓް ލިސްޓްގެ ފޮޓޯއަކުން ފެންނަ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުގެ ގޮތުގައި ހުންނެވި ޝަރްމާއަށް ވަނީ ސިވިލްސާވިސް ޕޮއިންޓްގެ ބައިން 15 ޕޮއިންޓް އަދި ތައުލީމީ ޕޮއިންޓްގެ ބައިން 70 އާއިއެކު ޖުމުލަ 85 ޕޮއިންޓް ލިބިގެން ފްލެޓް ހައްގުވާމީހުންގެ ކެޓެގަރީގައި ހިމަނާފައެވެ. 

ހިޔާ މަޝްރޫއުގައި ފްލެޓް ލިބުނު މީހުންގެ ހައްގު ހޯދަން "ކޮތަރު ކޮށި" ނަމުގައި ސޯޝަލް މީޑިއާގައި އަޑުއުފުލަން ފެށި ޓީމުން "އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި އުފެއްދި އެ ޖަމިއްޔާއިން އެ މައްސަލަ ފެންމަތިކޮށްފައިވަނީ އާއްމުންގެ ގިނަ ބަޔަކު އެ ޝަކުވާ ފޮނުވަމުންދާތީ ކަމަށް ބުނެފައިވެއެވެ. 

އެ ޖަމިއްޔާއިން ވަނީ ސިވިލްސާވިސް މުވައްޒަފުންގެ ބައިން ސިޔާސީ މަގާމެއްގައިހުރި މީހަކަށް ފްލެޓް ލިބިފައިވާކަމަށް ވާހަކަ ދެކެވޭތީ އެއީ ކިހިނެއްވާ ކަމެއްކަން ހުރިހާ ސިވިލްސާވިސް މުވައްޒަފުންނަށް ސާފުކޮށްދިނުމަށް ފްލެޓް ކޮމެޓީގައި އެދިފައެވެ. 

މިއަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އާއްމުކޮށްފައިވާ ޝަރްމާގެ އެސެޓް ޑެކްލަރޭޝަން ފޯމުގައި ވާގޮތުން މުސާރައާއި އިނާތަުގެ ގޮތުގައި ޝަރްމާއަށް ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 31،5000 ރުފިޔާ ކޮންމެ މަހަކު ލިބިފައިވެއެވެ. އަދި ފިރިމީހާއަށް އާއްމުދަނީގެ ގޮތުގައި މަހަކު 26،4400 ރުފިޔާ ލިބެއެވެ. އޭގެ އިތުރުން ލޯނާއި ދަރަނީގެ ތަފްސީލްތަކުން ދައްކާގޮތުން ހައުސިން ލޯންގެ ގޮތުގައި ޝަރްމާ ވަނީ 1،584،666.62 ރުފިޔާގެ ލޯނެއް ނަގާފައެވެ.

ހިޔާފުލެޓުން ސިވިލްސާވިސް މުވައްޒަފުންނަށް 1000 ފްލެޓް ދޫކުރުމަށް ވަނީ ހަމެޖެހިފައެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް ފްލެޓްތައް ކަނޑައެޅިއިރު ނިސްބަތުން އެންމެ ގިނަ ފްލެޓް ދީފައިވަނީ ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށެވެ. އެގޮތުން އެ މިނިސްޓްރީގެ މުވައްޒަފުންނަށް ވަނީ 201 ފްލެޓް ދީފައެވެ. އެޑިޔުކޭޝަން މިނިސްޓްރީއަށް 169 ފްލެޓް ދީފައިވާއިރު 141 ފްލެޓް ވަނީ ހައުސިން މިނިސްޓްރީއަށް ކަނޑައަޅާފައެވެ. 

ލިސްޓު އާންމު ކޮއްފައިވާއިރު ލިސްޓް އެކުލަވާލެވިފައިވަނީ، އެ ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެގޮތަށް ކަމަށް ބުނެފައިވެއެވެ. 

މިހާރު އާ މިނިސްޓްރީތައް އުފެދި، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަ ވެސް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުންކަމަށް ބުނެފައިވެއެވެ.

އެގޮތުން އެ ލިސްޓުގައި ބޭނުންކޮށްފައިވާނީ ވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

ސިވިލްސާވިސް ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާތިލްވާނެކަމަށާއި، ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓް ކަމުގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކަނޑައަޅުއްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ސިވިލްސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 28 ޑިސެންބަރުން ފެށިގެން 3 ޖަނަވަރީ 2021 ގެ 15:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް