ads
ހިޔަނި--
އާ އަހަރުގެ ރޭ ފެނުނު ހިޔަނި!
ދުނިޔެއަކީ ތޮށަލި ގުޅައެއްގެ ބައްޓަަމަށް އޮވެ އަބަދުވެސް ދައުރު ކުރަމުންދާ އެއްޗެކެވެ. އަހަރަކަށް ފަހު އަހަރެއް ފާއިތުވަމުން ދެއެވެ. ނަމަވެސް އެ އަހަރުތަކުގައި އެތައް ހަނދާންތަކެއް ސިކުނޑީގައި ބިންވަޅުނެގިފައި ހުރެއެވެ. އެ ހަނދާންތަކަކީ ބައެއްފަހަރު ހިތަށް އުފާވެރިކަން ލިބިދޭ އަނެއްބައި ފަހަރު ބިރުން މުޅި ހަށިގަނޑު ތުރުތުރު އަޅުވާލާ ހަނދާން ތަކެވެ.

އެއީ މީގެ ތިން އަހަރު ކުރީގެ ހާދިސާއެކެވެ. އޭރު އަހަރެން ދިޔައީ ފުރާވަރުގެ އެންމެ އުޖާލާ ދުވަސްތައް ގުނަމުންނެވެ. ރަހުމަތްތެރިންނާ އެކު މަޖަލާ އުފަލުގައި އަހަރެން ދިޔައީ ހޭބޯނާރާ އުޅެމުންނެވެ.

އަހަރެންނަކީ ކިތައްމެ ސަކަރާތް ޖަހާ އުޅޭ ކުއްޖަކަށް ވީ ނަމަވެސް ކިޔެވުމަށް ވަރަށް އަހައްމިއްޔަތުކަން ބަހައްޓާ ކުއްޖެއެވެ. އެހެން ކަމުން އަހަރެންގެ މައިންބަފައިން އެކަމާ ވަރަށް އުފާވެއެވެ.

ގްރޭޑް 10 ގެ ދިރާސީ އާއަހަރު ނިމި އާ އަހަރަކަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ތައްޔާރު ވަމުންދިޔައެވެ. އަހަރެންނާ އަހަރެންގެ ރަހުމަތްތެރިން ވެސް ދިޔައީ އެ ދުވަހަށް އެތައް ރޭވުމެއް ރާވާ ތައްޔާރީތައް ވަމުންނެވެ. ހުރިހާ އެންމެންވެސް އެމީހެއްގެ ލޯބިވެރިޔާ ގެނައުމަށް ވެސް ދިޔައީ ތައްޔާރީތައްވަމުންނެވެ. އަހަރެންވެސް އަހަރެންގެ ލޯބިވެރިޔާއަށް އާ އަހަރުގެ ތަހުނިޔާ ހާއްސަގޮތަކަށް ކިޔުމަށް ދިޔައީ ތައްޔާރުވަމުންނެވެ.

ހަފްތާއެއްގެ ތައްޔާރީތަކަކަށް ފަހު އެރޭ އައިސް ޖެހިއްޖެއެވެ. އަހަރެމެން އެ ހަފްލާ ބޭއްވުމަށް ހަަމަޖެހިފައިވާ ތަން ތައްޔާރު ކުރުމަށް ފަހު ގެޔަށް ދިޔައީ ފެންވަރައިގެން އަވަހަށް މާ ފިހާރައަކަށް ގޮސް މާ ގަތުމަށެވެ. އަހަރެން ގެޔަށް ދިޔައިރު ގަޑިން 21:00 ޖަހައިފިއެވެ. އަތްމަތި އަވަސް ކޮއްލުމަށް ފަހު އަހަރެން އަވަހަށް ރީތިވެގެން ދިޔައީ މާ ވިއްކާ ފިހާރައަކަށެވެ. އޭރު އެ ފިހާރަ ފަޅައިގެންދާވަރަށް މީހުން ތިބީ އެތާ އެތެރޭގައި ތޮއްޖެހި ފިތި ބާރުވެފައެވެ.

ފިނިފެންމާތައް ބަހައްޓާފައި ހުރި ބަޔާ ގާތްވެލުމަށް ފަހު ހަ ފިނިފެންމާ ނަގައިގެން އަހަރެން އަވަހަށް ގޮސް ކައުންޓަރަށް ފައިސާ ދެއްކުމަށް ފަހު އެތަނުން ނިކުތީމެވެ.

އަވަސް އަވަހަށް ސައިކަލަށް އަރާ ހަމަ ޖެހިލުމަށް ފަހު ފޯނު ނަގާ ގަޑި ބަލާލީމެވެ. އޭރު ގަޑިން 23:00 ޖަހާ ބޮޑުވެއްޖެއެވެ. އަދި އަހަރެން ނައިސްގެން ބައިވަރު މީހުން ގުޅާފަވެސް އޮތެވެ. ވަގުތު ކުޑަތަން ވެފައިވުމާއެކު ފޯނު އަވަހަށް ޖީބަށް ލުމަށް ފަހު މާ ބޮޑީގައި ބާރަށް ހިފަހައްޓައިގެން ހުރެ އަހަރެން ސައިކަލުގައި ދިޔައީ ބާރު ދުވެލީގައެވެ.

ބޮޑުތަކުރުފާނު މަގުން އަހަރެން ބާރަށް ދުއްވާފައި ދިޔައިރު މަގުމަތި އާއަހަރުގެ ރެޔަކާ އަޅާބަލާއިރު ވަރަށް އަމާނެވެ. އެ ހިޔާލުތަކުގައި އަހަރެން ދުއްވަމުން ދަނިކޮށް ކުއްލިޔަކަށް އަހަރެންގެ ފަހަތުން އަންހެން ކުއްޖަކު އަހަރެންގެ ނަން ކަންފަތް ދޮށުގައި ގޮވާލިއަޑު އިވުނެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. މުޅިމީހާ ފިނިވެ ސައިކަލުންވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

ސައިކަލު މަޑުކޮށްލުމަށް ފަހު އަހަރެން ފަހަތް ބަލާލީމެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން އަނެއްކާވެސް ސައިކަލު ދުއްވާލަން މަސައްކަތް ކުރީމެވެ. ނަމަވެސް ހުރިތަނުން ސައިކަލު ގުޑާވެސް ނުލިއެވެ. މީހެއްގެ އެހީއަށް އެދުމަށް އަހަރެން ވަށާ މަގުމަތި ބަލާލީމެވެ. އިންސާނެއްގެ ހިލަމެއް ލޮލުކޮޅަށްވެސް ފެންނާކަށް ނެތެވެ. ސައިކަލު ހުރިތާ ބަހައްޓާފައި އަހަރެން ބާރު ބާރަށް ހިނގަމުން ދިޔައީ އަވަހަށް މަންޒިލަށް ދެވޭތޯއެވެ. ނަމަވެސް ކިތައްމެ ވަރަކަށް ހިނގިޔަސް ހީވަނީ އަހަރެން ހިނގަމުންދަނީ އެއްމަގެއްގެ ތަންކޮޅެއްގައި ހެންނެވެ.

އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. މާމަމެން ކިޔާދީފައި ހުރި ބިރުވެރި ވާހަކަތަކުގައި މަގު އޮޅޭ ވާހަކަތައް އަހަރެން އަޑުއަހަމެވެ. އަނެއްކާ އަހަރެންނަށް އެހެން ވީބާއޭވެސް ހިތަށް އެރިއެވެ.

ހިނގާ ހިނގާ ވަރުބަލިވުމުން އަހަރެން މަޑުކޮށްލީމެވެ. އޭރު އަހަރެން ހުރީ ދަލުން ފޯވެފައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އަހަރެން ފަހަތް ބަލާލީމެވެ. މީހެއްގެ ހިލަމެއް ވޭތޯއެވެ.

ނަމަވެސް އަހަރެންނަށް ފެނުނީ ބޮޑުބިޔަ ހިޔަންޏެކެވެ. މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. މީހާ އެއްކޮށް ފިނިވިއެވެ. މާ ބޮޑިޔަކާ މާބޮޑިޔެއް ދޫކޮށްލުމަށް ފަހު ފައިގައި ލެވުނުހާ ބާރެއްލަމުން ކުރުސި ކިޔަމުން އަހަރެން ދުވަމުން ގެންދިޔައީމެވެ. އޭރު ފަހަތުން ވަރަށް ބާރު ހުނުމެއްގެ އަޑު އަހަރެންނަށް އިވުނެވެ.

މިހެން އަހަރެން ދުވާތާ އިރުކޮޅެށްވީފަހުން މަގުމަތިން މީހުން ފެންނަށް ފަށައިފިއެވެ. އަހަރެން އަވަހަށްގޮސް އެހީވުމަށް އެމީހުންގެ ކިބައިން އެދުނީމެވެ. އެ މީހުން އަހަރެން ގޮސް ޕާޓީ އޮތް ތަނަށް ލާދިނެވެ. 

ބާރުދުވެލީގައި އަހަރެން އެގޭގެ ޓެރަސްއަށް އެރިއިރު އަހަރެން ނައިސްގެން އެންމެން ތިބީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ވެގެން އުޅޭގޮތް އަހަރެން އެންމެންނަށް ކިޔާދިނީމެވެ. އޭރު ހަވާގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ.

އެރޭގެ ހަވާ ބަލަން އިންއިރުވެސް އަހަރެންނަށް އިނދެވުނީ އެ ހިޔަނީގެ ހިޔާލުތަކަށް ގެއްލިފައެވެ. އެއީ ކޯއްޗެއްތޯ އަދި އަހަރެންގެ ފަހަތުން އައީ ކީއްވެތޯ ހިތާހިތުން އަހަރެން ދިޔައީ ސުވާލުކުރަމުންނެވެ.

އެ އަހަރުގެ ފުރަތަމަ ދުވަހު ކުރަން ޖެހުނު އެ ތަޖުރިބާ އަހަރެން އަދިވެސް ރީއްޗަށް ހަނދާން އެބަހުއްޓެވެ. އެ ހިޔަނީގެ އުނދަގުލެއް އަހަރެންނަކަށް އެދުވަހުގެ ފަހުން ނުފޯރައެވެ. ނަމަވެސް އަހަރެން އަބަދުވެސް ހުންނަނީ ސިހުމެއްގެ ތެރޭގައެވެ.

64%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް