ads
ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލަން ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---
މިދިޔަ އަހަރު 555،000 އަށް ވުރެ ގިނަ ފަތުރުވެރިން އައި
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 555،215 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް އެއީ މީގެ ކުރިން އަންދާޒާކޮށްފައިވާ ދެ މިލިއަން ފަތުރުވެރިންނަށް ވުރެ 72.24 އިންސައްތަ ދަށް އަދަދެކެވެ.

2020 ވަނަ އަހަރު ފަށައިގެން މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ހަމައަށް 382،762 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ޖުލައި 15 ގައި ބޯޑަރު ހުޅުވައިލުމަށް ފަހު، އަހަރުގެ ނިޔަލަށް އެ މުއްދަތުގައި 172،366 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޖެނުއަރީ މަހުގަ އެވެ. އެއީ 173،347 ފަތުރުވެރިންނެވެ. އަދި އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޖުލައި މަހުގެ ފަހު 16 ދުވަހުގަ އެވެ. އެއީ 1،701 ފަތުރުވެރިންނެވެ.

2019 ވަނަ އަހަރަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި އަހަރު ކަމަށްވާ އިރު، މިދިޔަ އަހަރު އެއަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ގިނަ ބުކިންތައް ކެންސަލް ކުރެވި، ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގެވެސް ބޯޑަރުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވެ އެވެ.

ބޯޑަރު ހުޅުވާލުމަށްފަހު، މަހަކަށް ފަހު މަހެއް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އައީ އިތުރުވަމުންނެވެ. އެގޮތުން އޮގަސްޓް މަހު 7،628 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ސެޕްޓެމްބަރު މަހުގެ ދެގުނަ ފަތުރުވެރިން އޮކްޓޯބަރު މަހު ޒިޔާރަތްކޮށްފައިވާ އިރު، އެއީ ބޯޑަރު ހުޅުވާލިފަހުން އެއް މަހަކު 10،000 އަށް ވުރެ މަތީ އަދަދަކަށް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ. އެގޮތުން އޮކްޓޯބަރު މަހު ރާޢްޖެއަށް 21،515 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ނޮވެމްބަރު މަހު 35،759 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ޑިސެމްބަރު މަހު 96،225 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ބޯޑަރު ބަންދުކުރުމުގެ ކުރިން އެވަރެޖް ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި 7.6 ދުވަސް މަޑުކޮށްފައިވާ އިރު، ބޯޑަރު ހުޅުވާލިފަހުން އެ އަދަދު ވަނީ 9.2 ދުވަހަށް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރު އެވަރެޖް ގޮތެއްގައި ދުވާލަކު ރާއްޖެއަށް 2،095 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މިއަހަރު ސަރުކާރުން ވަނީ ދޮޅު މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް