ads
ވީޑިއޯ ރިޕޯޓް
އަހަރެންގެ ނަޒަރުގައި: ފުލުހުންގެ އާ ގާނޫނު، ފައިރޫޝް އަށް "ކެތެއް" ނުވި؟
ހުސްވި 2020 ވަނަ އަހަރު ރައްޔިތުންގެ މިޖިލީހުން ފާސްކުރި ބިލްތަކުގެ ތެރެއިން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޝައުގުވެރިކަން އެންމެ ބޮޑު ބިލަކީ ފުލުުހުންގެ ހިދުމަތުގެ ބިލެވެ. މި ބިލް މަޖިލީހުން ފާސްކުރި ވަގުތު މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެމްބަރުންގެ އަމަލުތަށް ހުރި ގޮތުންނާއި، އަދި ވަކިން ހާއްސަކޮށް، ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދުގެ މޫނުފަތިން ފެނިގެންދިޔަ ހިނިތުންވުމާއި، މާލަމުގެ ތެރޭހައި ހިއްޕާލި އަތްތިލަބަޑީގެ އަޑުންވެސް މިކަމަށް ހެކިދެއެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު، ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކުގައި، ނުވަތަ ހާއްސަކޮށް ރައީސް ނަޝީދު ސިފަކުރައްވާ "ބަގާވާތުގައި" ފުލުހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަ ބަލައި އެމީހުންނާއި މެދު ފިޔަވަޅު އެޅުމެވެ. އެކަން ބިލުގައި ހިމެނޭ ބައެއް ކަންކަމުން ވެސް ސާފުކޮށް އެނގި ހާމަވެއެވެ. 

މިފާހަގަކުރަނީ، އެ ބިލުގައި ބުނާ ފުލުހުންގެ ބޯޑުގެ ވާހަކައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައިވާއިރު އެ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ. 

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާ ގާނޫނަކަށް ބަދަލުވިތާ ހަފުތާއެއް ނުވަނީސް ވިހި އަހަރު ދުވަހު ހިދުމަތްކުރެއްވުމަށް ފަހު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އަމިއްލަފުޅަށް ރިޓަޔާ ކުރެއްވުމަކީ އިއްތިފާގެއްތޯ ކަނޑައެޅިދާނެތޯ އެވެ. 

2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ބައެއް ކަންކަމަށް ބަލާލާނަމެވެ. އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ އެ ދުވަހު އެވެ. ފުލުހުންނާއި ސިފައިން އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ތެދުވިއިރު ފައިރޫޝަކީ ވެސް އޭގެ ތެރެއިން ބޭފުޅެއް ކަމަށް މީހުން ތުހުމަތު ކުރެ އެވެ. 

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތް ފައުރޫޝަކީ އެ ދުވަހު، އެތައް ބަޔަކު ޖުމްހޫރީ މައިދާނުގައި ހަމަނުޖެހުން ހިންގަމުންދިޔައިރު އެ ސަރަހައްދުގައި ހުންނެވި އެއް ބޭފުޅާ ކަމަށް ވެ އެވެ. އެގޮތުން އެ ހަމަނުޖެހުމުގެ ބައިވެރިންނާއި ފުލުހުންނާއި ސިފައިންނަށް އެ ކަމަށް ހިތްވަރުދީ ފައިރޫޝް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތު ވެސް މީހުން ކުރެ އެވެ. 

ވިހި އަހަރު ފުލުހުންގެ ހިދުމަތުގައި އުޅުއްވުމަށް ފަހު ފައިރޫޝް މިއަދު ރިޓަޔާ ކުރެއްވި ހަބަރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓާ މެދުވެރިކޮށް ހިއްސާކުރެއްވުމާއެކު އެ ޕޯސްޓަށް މީހުން ކުރި ކޮމެންޓުތަކުގައި ވެސް އެތައް ހިތްހަމަނުޖެހުމެއް ފާޅުކުރި އެވެ. މި ކޮމެންޓްތަކުގެ ތެރެއިން ލޮލުގައި އަޅައިގަތް އެއް ވީޑިއޯއަކީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ހިއްސާކުރެއްވި ވީޑިއޯ އެވެ. 

ހަތެއް ފެބްރުއަރީގެ ހަމަނުޖެހުމުގެ ތެރެއިން އެ ސަރަހައްދުގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ފައިރޫޝް ވާހަކަ ދައްކަވާ މަންޒަރު ފެނިގެންދެ އެވެ. އެގޮތުން ވިދާޅުވާ އަޑުއިވެނީ ރާއްޖޭގައި އެވަގުތު ހިނގަމުންދިޔަ ހަމަނުޖެހުމާއި ގުޅިގެން، އެ ރޭ ހިނގާދިޔަ ހާދިސާތަކަށް ފަހު، ފުލުހުންނާއި ސިފައިންނާއި ރައްޔިތުނާއި އެއްބައިވެގެން މިކުރަމުންދިޔަ ހާއްސަ މަސައްކަތުގެ ނަތީޖާއެއްގެ ފޮނިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޔަގީންކުރާ ކަމަށެވެ.  

ކޮންމެއަކަސް އެ ހަމަނުޖެހުންތަކަށް ފަހު އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ހިދުމަތްތަކުގެ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި، އޭސީޕީ ފައުރޫޝް އާއި އަދިވެސް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރެއް، ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް، ސީޕީ ހަމީދު ވިދާޅުވި ކަމަށް އަޑުވަނީ ފެތުރިފަ އެވެ. 

މިމަގުން ކަންކަން ހިނގާފައިވާތީއާއެކު ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފައިރޫޝްގެ މިފަދަ މައްސަލަތައް ބަލާނެ ކަމަށް މީގެ ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެހެންކަމުން، މިދަނޑިވަޅުގައި ފައިރޫޝް އަމިއްލަފުޅަށް ރިޓަޔާކުރެއްވީ ފުލުހުންގެ ހިދުމަތުގެ ގާނޫނު ތަސްދީގުކުރެއްވުމުން ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތެވެ.

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް