ads
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ފޮޓޯ: ސީއެންއެމް
އަމާޒަކީ ޒުވާނުން ރަނގަޅުކޮށް ވަޒީފާގެ މައިދާނަށް ނެރުން: އާޒިމް
އަމާޒަކީ ޒުވާނުން ރަނގަޅުކޮށް، ވަޒީފާގެ މައިދާނަށް ނެރުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޓީސީސީ ޓަވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ޒުވާނުން ރަނގަޅުކޮށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަކީ އެމްޓީސީސީގެ އަމާޒެއް ކަމަށާއި، އަހްލާގު ރަނގަޅު ނަމޫނާ ދައްކައިދޭނެ މީހުން ބިނާކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މިއަދު އެމްޓީސީސީން އަލުން ފެށި "ހުނަވަރު" ޕްރޮގްރާމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެން ދާނެ ކަން ފާހަގަކުރައްވައި އާޒިމް ވަނީ މިއީ ވަޒީފާގެ މައިދާނަށް ނިކުންނަން ބޭނުންވާ ދިވެހިންނަށް އޮތް ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ދިވެހި ކޮންމެ ޒުވާނަކަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެކަން ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ރަނގަޅަށް ކިޔަވައިގެން ތިބި ފަރާތްތައް ބޭރަށް ފޮނުވައިގެން ތަމްރީނު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ތައުލީމީ ފެންވަރު ރަނގަޅު ނޫން ކަމުގައި ވިޔަސް، އެ ފަރާތްތަކަށް ވެސް ލިބިގެން ދަނީ އަލުން އެ ފަރާތްތައް ބިނާކުރުމުގެ ފުރުސަތެއްކަން އާޒިމް ފާހަގަކުރެއްވި އެވެ.

"ސްކޫލްގައި ރަނގަޅަށް ނުކިޔެވިފައި ހުރި ކުއްޖަކަށްވީ ނަމަވެސް އެ ކުއްޖާއަށް މިއަދު ހުޅުވިގެން މިދަނީ އަލުން އާ ހަޔާތެއް ފެށުމުގެ ދޮރެއް،" އާޒިމް ވިދާޅުވި އެވެ.

މިއަދު އެމްޓީސީސީން ތައާރަފު ކުރި "ހުނަވަރު" ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީނު ލިބިފައިވާ ދިވެހިން ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް