ads
މާޒިޔާ އާއި ދަގްރާންޑޭ މެޗުގެ ތެރެއިން--
މާޒިޔާއިން އަނެއްކާވެސް ޕޮއިންޓްތަކެއް ގެއްލުވާލައިފި
ދިވެހި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ދަ ގްރާންޑޭއާ އެއްވަރުވެ މާޒިޔާއިން އަނެއްކާވެސް ޕޮއިންޓްތަކެއް ގެއްލުވާލައިފި އެވެ. މި މެޗަކީ މާޒިޔާ ކުރީ ހަފުތާގައި ކުޅުނު މެޗުން އެއްވަރުވުމާ އެކު އޭރު ކޯޗުގެ މަގާމުގައި ހުރި ނިޒާމްބެ އިސްތިއުފާ ދިން ފަހުން މާޒިޔާއިން ކުޅުނު ފުރަތަމަ މެޗެވެ.

ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ މާޒިޔާއިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް ދަ ގްރާންޑޭއިން ފަހަތުން އަރައި ޖެހި ދެ ލަނޑާ އެކުއެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ވެސް މާޒިޔާއިން ދެ ލަނޑު ޖަހާފައި ވަނިކޮށް އީގަލްސްއިން ފަހަތުން އަރައި ތިން ލަނޑު ޖަހައި މާޒިޔާ ވަނީ ބަލިކޮށްފަ އެވެ. އެހެން ނަމަވެސް ލީގުގައި މާޒިޔާ އަދި ބައްޔެއް ނުވެއެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މާޒިޔާ މޮޅުވެފައިވާއިރު ފަހު ދެ މެޗުންވީ އެއްވަރެވެ.

އާދިއްތަ ދުވަހުގެ މެޗާ މާޒިޔާއިން ކުރިމަތިލީއިރު، އެ ޓީމުގެ ކޯޗުގެ މަގާމުން ނިޒާމްބެ އިސްތިއުފާ ދިނުމާ ގުޅިގެން މާޒިޔާއިން ވަނީ ޔޫރަޕުގެ ކޯޗެއް އެ ޓީމަށް ގެނެސްފަ އެވެ. 

އެހެން ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ދަ ގްރާންޑޭ އަތުން އެއްވަރުވި މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ސުޒެއިރު އެވެ.

އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި ދަ ގްރާންޑޭއިން މާޒިޔާއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދީ މެޗުގެ އެންމެ ފަހު ވަގުތު ބިދޭސީ ކުޅުންތެރިޔާ ކޮމިލޯވް އަބްދުރަސުލް ޖެހި ގޯލާއެކުއެވެ.

ދަ ގްރާންޑޭއާ އެއްވަރުވީ ނަމަވެސް މާޒިޔާ އަދި އޮތީ ޓޭބަލްގެ އެއްވަނައިގައެވެ. އެހެން ނަމަވެސް ހޯމަ ދުވަހު އީގަލްސް އާއި ވެލެންސިޔާ ކުޅޭ މެޗުން ވެލެންސިޔާ މޮޅުވެއްޖެ ނަމަ ވެލެންސިޔާއަށް އެއްވަނައަށް އެރޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް