ads
އިބްރާހިމް ލަތީފް-- ފޮޓޯ: އެމަސްޓް
ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ ޝަރަފުވެރި މެޑަލެއް ކުރީގެ ދިވެހި ފުލުހަކަށް!
ބައިނަލް އަގުވާމީ ތަފާތު އެކި ފޯރަމްތަކުގައި ދިވެހިން އަންނަނީ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން އިބްރާހިމް ލަތީފް އަކީ މިފަދަ އަގުހުރި މަސައްކަތްތަކެއް ކޮށް ދިވެހިރާއްޖެއަށް ރީތި ނަން ހޯދައި ދިން ފަހުރުވެރި ދިވެހި ދަރިއެކެވެ.

އެގޮތުން އިބްރާހިމް ލަތީފް ވަނީ ހުޅަނގު އޮސްޓްރޭލިއާގެ ފުލުހުންގެ ފޯސްއަށް އަގުހުރި ހިދުމަތްތަކެއްކޮށްދެއްވާފައެވެ. 

މިއަދު އޭނާއަށް ވަނީ "ވެސްޓަން އޮސްޓްރޭލިއާ ޕޮލިސް ކޮމިޝަނާޒް މެޑަލް ފޯ އެކްސަލަންސް" ލިބިފައެވެ. 

އޮސްޓްރޭލިއާގައި ދޭ މި ޝަރަފުވެރި މެޑަލް ލިބިވަޑައިގެންފައި ވަނީ އަސްކަރީ އަދި ފުލުހުންގެ ހިދުމަތުގައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ އިބްރާހިމް ލަތީފަށެވެ. 

ލަތީފަށް މެޑަލް އަރުއްވާފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހު ވެސްޓަން އޮސްޓްރޭލިއާގެ ޖޫންޑަލުޕްގައި ހުންނަ ޕޮލިސް އެކަޑެމީގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގަ އެވެ. 

your imageއިބްރާހިމް ލަތީފަށް މެޑަލް ދެއްވަނީ-- ފޮޓޯ: އެމަސްޓް

ސީނިއާ ޑެޕިއުޓީ ކޮމިޝަނަރެއްގެ ގޮތުގައި ހުންނަވާ ދިވެހި ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގެންނެވި ލަތީފު ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ ފޯސްއާ 2007 ވަނަ އަހަރު ގުޅިވަޑައިގެންނެވީ ސްޓްރެޓިޖިކް އެޑްވައިރެއްގެ ގޮތުގަ އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުގައި ލަތީފް ވަނީ ލެފްޓިނެންޓް ކާނަލްއެއްގެ ގޮތުގައި 1984 އިން 2004 އަށް ހިދުމަތް ކުރައްވާފަ އެވެ. އޭގެ ފަހުން 2004 އިން 2007 ހުންނެވީ ސީނިއާ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގަ އެވެ.

your imageކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އިބްރާހިމް ލަތީފަށް މެޑަލެއް ދެއްވަނީ-- ފޮޓޯ: އެމަސްޓް

ފާއިތުވި 13 އަހަރު ވެސްޓަން އޮސްޓްރޭލިއާ ފުލުހުންނާއެކު ލަތީފް ވަނީ ތަފާތު އެކި ކޮމިއުނިޓީތަކަށް ހާއްސަ ސްޓްރެޓިޖިކް ޕާޓްނަޝިޕް ތައްޔާރުކޮށްފަ އެވެ. 

އެ މަސައްކަތުގެ ސަބަބުން ވެސްޓަން އޮސްޓްރޭލިއާގެ ފުލުހުންނާއި އެކި ނަސްލުގެ އަދި އެކި ދީންތަކުގެ މީހުން އުޅޭ ކޮމިއުނިޓީތަކާ ދެމެދު ގާތް ގުޅުމަކާއި އިތުބާރެއް އުފެދިފައިވާ ކަމަށް ވެއެވެ.

ލަތީފަށް ލިބިވަޑައިގެންނެވި ކޮމިޝަނާޒް މެޑަލްއަކީ ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ ފޯސްގައި ކުރާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. 

your imageއިބްރާހިމް ލަތީފް ދިވެހި ފުލުހުންގެ ހިދުމަތުގައި-- ފޮޓޯ: އެމަސްޓް

އޮސްޓްރޭލިއާގައި ލަތީފް ކުރެއްވި މަސައްކަތުގެ ތެރެއިން ސިންގަޕޫރާއި، މެލޭޝިއާ، އޮމާން އަދި ދިވެހި ފުލުހުންގެ ވިސްނުންތަކުގެ މައްޗަށް ބިނާކޮށް ވަނީ އޮކިއުޕޭޝަނަލް ހެލްތު އަދި ސޭފްޓީގެ މިންގަނޑުތަކަށް ފެތޭ ހިޖާބު ނުވަތަ ބުރުގާ ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ ފޯސްގައި އުޅޭ އަންހެން މުސްލިމް އޮފިސަރުންނަށް ފުރަތަމަ ފަހަރަށް އުފައްދާފަ އެވެ. 

މިއީ އޮސްޓްރޭލިއާގެ ފުލުހުންގެ ޔުނިފޯމުގައި މިފަދަ ހިޖާބެއް ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ. އެ ހިޖާބު އަސްލަކަށް ބަލައިގެން ކެނެޑާ، ނިއުޒީލެންޑް އަދި ލަންޑަނުގެ ފުލުހުން ވެސް ވަނީ އަންހެން މުސްލިމް އޮފިސަރުންނަށް މިފަދަ ހިޖާބު ތައާރަފުކޮށްފަ އެވެ. 

your imageއިބްރާހިމް ލަތީފް (ކ-2)-- ފޮޓޯ: އެމަސްޓް

އޭގެ އިތުރުން ލަތީފް ވަނީ ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ މުސްލިމް ކޮމިއުނިޓީ އެޑްވައިޒަރީ ގްރޫޕް 2014 ވަނަ އަހަރު އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. އޮސްޓްރޭލިއާގެ އެހެން ހިސާބުތަކުގައި ވެސް މުސްލިމް ކޮމިއުނިޓީތަކާއެކު މަސައްކަތް ކުރުމަށް މިފަދަ ސްޓްރެޓެޖީ ބޭނުން ކުރުމަށް މިހާރު ދަނީ ވިސްނަމުންނެވެ. 

މި ކަންކަމުގެ އިތުރުން ފުލުހުންގެ ހިދުމަތުގައި އެކި ނަސްލުތަކާއި އެކި ދީންތަކާއި ސަގާފަތަށް ނިސްބަތްވާ މީހުން ހިމެނުމަށް ވެސް ލަތީފް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޑައިވާސް ކޮމިއުނިޓީ ކެޑޭޓް ޓްރެއިނީ ޕްރޮގްރާމުގައި އިސް ދައުރެއް އަދާ ކުރައްވުމުގެ ސަބަބުން އެ ޕްރޮގްރާމުގެ "ޕެޓްރޯން" ގެ ޝަރަފު ލަތީފަށް ލިބިވަޑައިގެންނެވި އެވެ.

your imageއިބްރާހިމް ލަތީފް-- ފޮޓޯ: އެމަސްޓް

މިހާރު ލަތީފް ކުރައްވަމުން ގެންދަވާ މަސައްކަތަކީ ހަރުކަށި ފިކުރާއި، ހައްދު ފަހަނަ އެޅުން، އަދި ހަމަނުޖެހުން އުފެއްދުން ފަދަ ކަންކަމާ ދެކޮޅަށް ގެންގުޅޭ މޮޑެލް ބަދަލު ކުރުމަށް ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ ފޯސްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޑިވިޝަންގައި ކުރައްވާ މަސައްކަތެވެ. ލަތީފް މީގެ ކުރިން އެމެރިކާގެ ގުއަންޓަނަމޯ ބޭ ޖަލަށް ޒިޔާރަތް ކުރައްވާފައި ވާތީ އޭރު ލިބިވަޑައިގެންނެވި ތަޖުރިބާތައް ދަނީ މި މަސައްކަތުގައި ވަރަށް ބޮޑަށް ބޭނުން ކުރައްވަމުންނެވެ. 

އޮސްޓްރޭލިއަން މުސްލިމް ޓައިމްސް (އެމަސްޓް) ނޫހުގައިވާ ގޮތުން ލަތީފް ގެންދަވަނީ ވެސްޓަން އޮސްޓްރޭލިއާ ފުލުހުންގެ ފޯސްއަށް މެދުކެނޑުމެއް ނެތި ހިދުމަތް ކުރައްވަމުންނެވެ.

81%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް