ads
ރާއްޖޭގައި ކުރިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން--- ފޮޓޯ: ދަ އައިލެންޑްޗީފް
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ކުންފުނިތަކަށް
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ވިޔަފާރި ކުންފުނިތަކަށާއި ސްޓޭކް ހޯލްޑަރުންނަށް ހުޅުވާލައިފި އެވެ.

އެޗްޑީސީން މިގޮތަށް ނިންމާފައިވަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ދާދި ފަހުން ހުޅުވާލި ފުރުސަތުގައި ލިބުނު ތަރުހީބު ބޮޑުވެ، ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ. އެގޮތުން މިފަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 450 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ގައުމަށް ހިދުމަތް ކުރާނެ ދިވެހިން އުފެއްދުމުގެ މަގުސަދުގައި އެޗްޑީސީން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކުންފުނިތަކަށް ހުޅުވާލުމުގެ ބޭނުމަކީ އެ ކޯޕަރޭޝަނާއި އެ ކުންފުނިތަކާއި ގުޅިގެން ގައުމުގެ މަސައްކަތުގެ މާހައުލުގައި ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި ވަޒީފާގެ ބާޒާރަށް ނެރުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ސީއެސްއާރް ކޮމްޕޯނެންޓެއްގެ ގޮތުގައި ހިމަނައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުންފުނިތަކަށް ލިބިގެންދާއިރު، އެ ކުންފުންޏަކަށް ބޭނުންވާ ފަންނުތަކުން މުވައްޒަފުން ބިނާކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އަދި މި ޕްރޮގްރާމު އިޝްތިހާރު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގައި އެފަރާތްތައް ހިމަނައިގެން އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ސްޕޮންސާޝިޕްގެ ގޮތުގައި ހަތަރު އިހްތިޔާރީ ޕެކޭޖެއް އިހްތިޔާރުކުރުމުގެ ފުރުސަތު ހުޅުވައިލެވިފައިވެ އެވެ. އެއީ:

  • ބްރޮންޒް
  • ގޯލްޑް
  • ސިލްވާ
  • ޕްލެޓިނަމް

މިއީ އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާ ހަތަރުވަނަ ފަހަރު ކަމަށްވާ އިރު، އެ ކޯޕަރޭޝަނުން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް) ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އުސޫލުތަކާއި އެއްގޮތަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ސެޓްފިކެޓާއި އެކު މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް