ads
އިދިކޮޅު ކޯލިޝަންގެ އަންހެނުންގެ ގޮފިން ބޭއްވި ޕްރެސްގެ ތެރެއިން..
ވަކި ގައުމެއްގެ މީހަކަށް ވުމުން ވަކި ގޮތެއް ހެދިގެން ނުވާނެ: އިދިކޮޅު
ރާއްޖޭގެ ރިސޯޓެއްގައި 19 އަހަރުގެ އަންހެނަކު ރޭޕްކުރި އިންޑިއާ މީހަކު ފުރުވާލި ކަމަށް ބުނާ މައްސަލާގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ އަންހެނުންގެ ގޮފީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ 19 އަހަރުގެ ޒުވާނަކު ރޭޕްކުރި އިންޑިއާ މީހާ ފުރުވާލި ކަމަށް ބުނާ މައްސަލައިގެ ހަގީގަތް ސަރުކާރުން ތަހުގީގުކޮށް ހާމަކުރަން ޖެހޭ ކަމަށެވެ. 

އެގޮތުން ހީނާ ވިދާޅުވީ، އެ މައްސަލަ ތަހުގީގުކޮށް ކަންވީގޮތް އާންމު ރައްޔިތުންނަށް ތަފްސީލުކޮށްދޭން ޖެހޭ ކަމަށާއި އޭނާ ފުރައިގެންދިޔަ ވާހަކައަކީ، ތެދެއް ކަމުގައިވާ ނަމަ ފުރައިގެން ދިޔައީ ކިހިނެއްތޯ ނުވަތަ ފުރުވާލެވުނީ ކޮން ގޮތަކަށްތޯ ބަލައި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަދި އެ ދާއިރާއަށް ނިކުންނަން ބޭނުންވާ ދިވެހި އަންހެނުންނަށް ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަކީ މިހާރު ފިރިހެނުންނެކޭ އެއްވަރަށް އަންހެނުން ވެސް ފައި ހަމަކުރަމުންދާ ދާއިރާއެއް ކަމަށެވެ. 

ހީނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވަކި ގައުމެއްގެ މީހަކަށް ވަކި ގޮތެއް ވެގެން ނުވާނެ ކަމަށާއި ދިވެހިންގެ މެދުގައި ވެސް މިފަދަ މައްސަލަތަކުގައި ތަފާތު ކުރުމެއް ނެތި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު މިފަދަ މައްސަލަތަކުގައި ބައެއް "ރޯޔަލް" ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ލަސްވާ ކަމަށް ހީނާ ވިދާޅުވި އެވެ. 

މިމޭރުމުން ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، މީގެ ކުރިން ސަފާރީއެއްގައި ކެންޏާ އަންހެނަކު ރޭޕްކުރި މައްސަލާގައި ވެސް ވިކްޓިމް ފުރުވާލާފައިވާ ކަމަށާއި، އެ އަންހެން މީހާއަށް އަދިވެސް އިންސާފު ނުލިބޭ ކަމަށެވެ. އަދި އެ މައްސަލާގެ ތަހުގީގަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް