މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކާއި، ހާއްސަކޮށް ފަތުރުވެރިންނާއި ކިޔަވާ ކުދިންނަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސް ބަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ހިމަނާފައި ވެއެވެ.
އޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުމާ ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ.
ނަމަވެސް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލުކުރެވިފައިވާކަން އެމަނިކުފާނުގެ ބަސްފުޅުގައި ފާހަގަކުރެއްވި އެވެ. އަދި މި އަހަރުގެ ތެރޭގައި ގައުމުތަކަށް މި ބަލިމަޑުކަމުން އަރައިގަނެވި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އާރޯކަމާއި ދިރުން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.