ads
ގއ. މާމެންދޫ--
އުސޫލާ ހިލާފަށް މާމެންދޫއަށް އެރި މީހާ ކައުންސިލާ ހަވާލުކޮށްފައެއް ނުވޭ: ކައުންސިލް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލާ ހިލާފަށް މާލެއިން ގއ. މާމެންދުއަށް، ދިޔަ މީހާއާ މެދު ފިޔަވަޅު އެޅުމަށް ފަހު މާމެންދޫ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނި ބުނުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ދޮގުކުރައްވައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޒައީމް ވިދާޅުވީ އެ މީހާ އެ ރަށުގައި ތާށިވެ، ކައުންސިލްގެ އިދާރާއަށް އައުމުން ފުލުހުންނަށް ގުޅި ކަމަށާއި އަދި ކައުންސިލް އިދާރާގެ މުވައްޒަފެއް އެ މީހާ ގޮވައިގެން ފުލުހުންގެ ސްޓޭޝަނަށް ދިޔަ ކަމަށެވެ. 

ނަމަވެސް ފުލުހުން ވަނީ އޭނާ އެކީ ކުށެއް ކޮށްގެން ހުރި މީހަކަށް ނުވާތީ ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް ޒައީމް ވިދާޅުވި އެވެ. 

ކައުންސިލަށް ނާންގާ ފުލުހުން އެމީހާ ދޫކޮށްލީ ކައުންސިލްގެ އޮފީސް ތެރެއަށް ކަމަށާއި މި މައްސަލައިގައި އަތޮޅުގެ އިންޗާޖަށް ގުޅައި، ދެ މުއައްސަސާ ގުޅިގެން މިކަމަށް ހައްލެއް ގެންނަށް މަސައްކަތް ކުރުމަށް އެދުމުން ވެސް ފުލުހުންގެ މާ ބޮޑު އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ޒައީމް ވިދާޅުވި އެވެ.

އެމީހާގެ މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން އަމިއްލައަށް ފުރައިގެން ދެވެން ނެތް ކަމަށާއި އެމީހާއަށް އެހީވެދޭނެ ގާބިލްކަން ކައުންސިލްގެ ކިބައިގައި ވެސް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން އެމީހާ ހުންނަން ޖެހުނީ އެ ރަށުގައި ތާށިވެފަ އެވެ.

އެކަމުގައި ފުލުހުންގެ އެއްބާރުލުން ނުލިބުމުން އެޗްޕީއޭއަށް ވެސް ގުޅި ކަމަށާއި ފަހުން އެޗްޕީއޭގެ ޖަވާބެއް ވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އެޗްޕީއޭއަށް ކުރި މެއިލްތަކަށް ވެސް ޖަވާބުދީފައި ނުވާ ކަމަށް ވެއެވެ.

ޒައީމް އިތުރަށް ވިދާޅުވީ އެ މީހާ ރަށުގައި ހުރިކަން ރައްޔިތުންނަށް ހާމަވުމުން ރޭގެ ވަގުތެއްގައި ގިނަ ބަޔަކު ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ނުރުހުން ފާޅުކުރި ކަމަށެވެ. 

އެހެންކަމުން އެ މީހާއަށް ނުރައްކާވެދާނެ ކަމަށް ބެލުމަށް ފަހު އަނެއްކާވެސް ފުލުހުންނަށް ގުޅުމުން ރައްކާތެރިކަން ފޯރުކޮށްދިން ކަމަށާއި ފުލުހުންގެ ލޯންޗެއްގައި އެ މީހާ ރަށުން ފުރުވާލާފައިވާ ކަމަށް ޒައީމް ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުން ބުނެފައި ވަނީ އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ފަހު މާމެންދޫ ކައުންސިލާ ހަވާލު ކުރި ކަމަށެވެ. އަދި މާމެންދޫގައި ކަރަންޓީން ކުރެވޭނެ ގޮތެއް ނެތުމުން ފުލުހުންގެ އެހީތެރިކަމާއެކު ރޭގެ ވަގުތެއްގައި އެމީހާ ގއ. ނިލަންދޫއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. 

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، މާލެއިން ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކުން ބަލި ނެތް ތަނަކަށް ނުވަތަ ރަށަކަށް ދާނަމަ، "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭއިން ހުއްދަ ހޯދަން ޖެހެ އެވެ. އަދި އެ ރަށަކަށް ގޮސް ދިހަ ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ކޮވިޑަށް ޓެސްޓު ކުރަން ޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް